ހޮޑުލުމާއި ބޭރަށް ހިންގާތީ ޑޮކްޓަރަށް ދައްކަން ގިނަ އަދަދެއްގެ ބަޔަކު އައިޖީއެމްއެޗް، އޭޑީކޭ އަދި ސެނަހިޔާއަށް ގޮސްފިއެވެ.

މި ކަމާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އޭޑީކޭގެ އެމްޑީ އަހުމަދު އައްފާލް ވިދާޅުވީ ވަރަށް ގިނަ އަދަދެއްގެ ކުޑަ ކުދިންނާއި ޒުވާނުން ޑޮކްޓަރަށް ދައްކަން އައިސްފައިވާ ކަމަށާއި ޑޮކްޓަރަށް ދައްކަން އޭޑީކޭއަށް އައި މީހުންގެ ސީދާ އަދަދު ދަންނަވަން ދަތިކަމަށެވެ.

ރޭ ފަތިހުން ފެށިގެން ގިނަ އަދަދެއްގެ ކުޑަކުދިން އޭޑީކޭ ހޮސްޕިޓަލް އަށް ޑޮކްޓަރަށް ދެއްކުމަށް ގޮސްފައި ވާއިރު ހޮޑުލުމާއި ބޭރަށް ހިންގަން މެދުވެރިވި ސަބަބު މިހާތަނަށް އަދި ޔަގީން ކުރެވިފައި ނުވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން ކުޑަކުދިންގެ ޑޮކްޓަރު އަބްދުﷲ ނިޔާފް ވަނީ ފެން ބޭނުން ކުރާއިރު ރަނގަޅަށް ކައްކައިގެން ނުވަތަ ފިލްޓާކޮށްގެން ބޭނުން ކުރުމަށާއި އަމިއްލަ ސާފު ތާހިރު ކަމަށް އިސްކަން ދިނުމަށް އިލްތިމާސް ކުރައްވާފައެވެ.

ކުޑަކުދިންގެ ޑޮކްޓަރު އަހްމަދު ފައިސަލް ވެސް ވަނީ ގިނަ ގިނައިން އަތް ދޮވުމަށާއި އަތް ދޮވެގެން ނޫނީ ނުކެއުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި ހޮޑުލެވޭނަމަ ހޮޑަށް ދޭ ބޭސް ބޭނުން ކުރުމަށާއި މަދުމަދުން ނަމަވެސް އަވަސް އަވަހަށް ދިޔާއެއްޗެހި ދީ ފެންމަދުވިޔަ ނުދީވޭތޯ ބެލުމަށް އިރުޝާދު ދެއްވާފައެވެ. މާ ވަރުދެރަވެ ހީސްނުލާ 8 ގަޑިއިރުވީމާ ޖެހޭނީ އައިވީ ދޭން ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.

އާންމުކޮށް ހުކުރު ދުވަހަކީ ހޮސްޕިޓަލްތަކަށް މީހުން ދިޔުން މަދު ދުވަހެއް ނަމަވެސް ރޭ ފަތިހު 4 އިން ފެށިގެން އޭޑީކޭ އަދި އައިޖީއެމްއެޗްގެ އީއާރަށް ގިނަ އަދަދެއްގެ ބެލެނިވެރިން ތުއްތު ކުދިންނާއި ޒުވާން އުމުރުގެ ކުދިން ގޮވައިގެން ދާކަން ވަނީ "ދަ ޕްރެސް" ގެ ނޫސްވެރިންނަށް ފާހަގަ ކުރެވިފައެވެ. ހެނދުނު 9 ޖަހަން ދިޔަ އިރު އިރު އެ ދެ ހޮސްޕިޓަލްގެ އިތުރުން ސެނަހިޔާ އާއި ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލަށްވެސް ހިނަ އަދަދެއްގެ ކުޑަކުދިން ވަނީ ގެންގޮސްފައެވެ.

ހޮޑުލުމާއި، ބޭރަށް ހިންގުމުގެ މި ރޯގާއާ ގުޅިގެން އެކި ބެލެނިވެރިން އެކި ވާހަކަ ދައްކާ އިރު "ދަ ޕްރެސް" އާ ވާހަކަ ދެއްކި ބައެއް ބެލެނިވެރިން ބުނީ، މިކަމެއް ދިމާވީ ރޭ ދަންވަރު ކަމަށެވެ.

"އަހަރެމެން ދިޔައިން ފުޅަނދުުބުރު ބަލަން، އެކަމަކު އަހަރެންގެ ދަރިފުޅު ވެސް އަދި އަހަރެމެންވެސް އެ ބުނާ މެޓައެއް ނުކަން"

މެޓާގެ ވާހަކަ ބެލެނިވެރިޔާ ފާހަގަ ކުރީ، ކުއްލިއަކަށް ކުދިންތައް ބަލިވީ، ރޭ ފުޅަނދުވުރު ކުރިއަށް ދިޔަ ވަގުތު ބެހި މެޓާތަކެއް ކައިގެން ކުދިންތައް ބަލިވީ ކަމަށް ބައެއް މީޑިއާ ތަކުގައި ކުރާ ރިޕޯޓްތަކާ ގުޅިގެންނެވެ. އެހެން ބެލެނިވެރިއަކު ބުނީ، އޭނާ އާއި ދަރިން ރޭ ފްލޯޓް ބަލަން ނުދާ ކަމަށާއި، ނަމަވެސް ރޯގާ ބޮޑުވެ ހޮޑުލެވެން ފެށީ ރޭ ދަންވަރު ކަމުން އޭޑީކޭއަށް ދައްކަން ގޮސްފައި ހުރި ކަމަށެވެ.

ޑޮކްޓަރަށް ދައްކަން ގޮސް ތިބި މީހުން އައިޖީއެމްއެޗްގެ އީއާރުގައި

އައިޖީއެމްއެޗް އިން ވާހަކަ ދެއްކި ސްޓާފަކު ބުނީ، އެތަނަށް ރޭ ފަތިހުން ފެށިގެން ކުދިން ގެންނަމުން ދިޔަ ކަމަށާއި އެއްބަޔަކު ކިޔަމުން ދިޔައީ، ރޭ މެޓާ ކެއި ފަހުން ވީ ކަމެއް ކަމަށެވެ. ނަމަވެސް އެހެން ބައެއް މީހުން ބުނީ، އެއްޗެއް ނުކާ ކަމަށާއި، އިއްޔެއިން ފެށިގެން ރޯގާ ހުރި ނަމަވެސް ރޭ ހޮޑުލެވެން ފެށީމައި އައީ ކަމަށެވެެ.

"ފްލޯޓަށް ދިޔައިން، މެޓާވެސް ކެއިން، ދެން ނޭނގެ މެޓާ ކަމެއް، ފެން ކަމެއް، ކޯއްޗެއް ކަމެއް، އެނގެނީ ހޮޑުލެވި ބޭރަށް ހިންގާކަން"

ބައެއް ބެލެނިވެރިން ބުނީ، މިހާރު ފެތުރެމުން ދާ ވައިރަލް އަކީ، ލައިފް ފެނުން ދިމާވާ ކަމެއް ކަަމަށާއި، ވައިރަލް ފެތުރެމުން ދާތާ ހަފްތާއެއް ވެއްޖެ ކަމަށެވެ.

ލައިފް ފެނުގެ ވާހަކަ ފާހަގަ ކުރި ބައެއް މީހުން ވަނީ އެވާހަކަތައް ސޯޝަލްމީޑިއާ ގްރޫޕުތަކުގައިވެސް ފާހަގަ ކޮށްފައެވެ. ނަމަވެސް އެއީ ލައިފް ފެނުން ވާކަމެއްކަން އަދި ދެނެގަނެވިފައެއް ނުވެއެވެ.