އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ފަރުވާ ދިން ކުއްޖަކު ހާލު ސީރިއަސް ވެގެން އެމްއެންޑީއެފް ހެލިކަޕްޓަރުއި މާލެ ގެނެސްފިއެވެ.

އެ ކުއްޖާއަކީ 5 އަހަރުގެ ފިރިހެން ކުއްޖެކެވެ. އެ ކުއްޖާއާއެކު ދެ އެހީތެރިން މިއަދު އައްޑޫ އިން މާލެއަށް އައުމަށް އެ ހެލިކަޕްޓަރު ފުރީ ހަވީރު 4:15 ގައެވެ. އެ މެޑިކަލް އިވެކުއޭޝަން ހަމަޖައްސައި ދީފައި ވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުންނެވެ.

ހާލު ސީރިއަސް ވެގެން މާލެއަށް ފޮނުވި ކުއްޖާއަށް ދިމާވި ސިއްހީ މައްސަލައިގެ އިތުރު ތަފްސީލެއް އަދި ލިބޭ ގޮތެއް ނުވެއެވެ.

ރަށްރަށުން ހާލު ސީރިއަސްވާ މިފަދަ ބަލި މީހުން އެމަޖެންސީކޮށް މާލެ ގެންނަން ޖެހޭ ހާލަތްތަކުގައި އެމްއެންޑީއެފްގެ ހެލިކަޕްޓަރުގައި އެމީހުން މާލެ ގެނެސްދެއެވެ. ހަމައެއާއެކު ކަނޑު މަތީގައި ދިމާވާ ހާދިސާތަކުގައި ވެސް އެމްއެންޑީއެފްގެ ހެލިކަޕްޓަރު ބޭނުންކޮށް ގެއްލޭ މީހުން ހޯދަން މަސައްކަތް ކުރެއެވެ.