ޏ. ފުވައްމުލައް ސިޓީގެ ކުނިގޮނޑުގައި ރޯވެ ރަށުތެރެއަަށް ދުމުގެ އަސަރު ފޯރާފައި ވާއިރު އާންމުންގެ ސިއްހީ ރައްކާތެރި ކަމަށް މުވައްސަސާތަކުން އެކަށީގެންވާ ގޮތަށް ފިޔަވަޅު އަޅާފައި ނުވާ ކަމަށް ބުނެ މަދަނީ ނުވަ ޖަމިއްޔާއަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން ރަށުގެ ހޭޅި ފަށާ ޖެހިގެން، ހައިވޭ އާ އިން ވެގެން އޮންނަ ކުނިކޮށި އަލިފާން ރޯވުމުން، އެންމެ ފުރަތަމަ އެ އަލިފާންގަނޑު ވަނީ ކޮންޓްރޯލް ކޮށްފައެވެ. އޭގެ ފަހުންވެސް ކުނިގޮނޑުގައި އަލިފާން ހިފައި މެދު ކެނޑުމެއް ނެތި ހަފްތާ އެއް ވީއިރުވެސް ދުން އަރަމުންދިޔުމާ ގުޅިގެން އެ ރަށު ރައްޔިތުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިކަމާ ގުޅިގެން މުއައްސަސާތަކުން އަމަލު ކުރި ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށް ތިމާވެށި ހިމާޔަތް ކުރަން މަސައްކަތް ކުރާ 9 މަދަނީ ޖަމިއްޔާއަކުން ވަނީ ބަޔާނެއް ނެރެފައެވެ. ލޭންޑް ސީ މޯލްޑިވްސް، އީކޯކެއާ، ސޭވް މޯލްޑިވްސް، ޒީރޯ ވޭސްޓް އެމްވީ، ޓްރާންސްޕޭރެންސީ މޯލްޑިވްސް، ޔޫތު އިނިޝިއޭޓް، ފުވައްމުލައް ސާފިން އެސޯސިއޭޝަން، ދަ އީކޯ އޯގް އަދި މިޔަރު ޕްރޮގްރާމް އިން ނެރުނު ބަޔާނުގައިވަނީ އީ ނުރައްކާތެރި ހާދިސާއެއް ކަން ރަސްމީ ސިފައެއްގައި ރަށު ފެންވަރުގެ މުއައްސަސާއަކުން ހާމަ ކުރީ އަލިފާން ރޯވެ، ދުން އަރާތާ ހަފްތާއެއް ފާއިތުވި ފަހުން ކަމަށެވެ.

އެ މުއްދަތުގެ ތެރޭގައި އަދި އޭގެ ފަހުން ވެސް ފުވައްމުލައް ސިޓީގެ ރައްޔިތުން، ހާއްސަކޮށް ވެމްކޯ ކުނިގޮނޑު ސަރަހައްދުގައި ދިރިއުޅޭ މީހުން ތިބީ، ސިއްހަތަށް ނުރައްކާވާ ހާލަތުގައިކަން ފާހަގަކޮށް އެ ބަޔާނުގައި ބުނީ އަލިފާން ރޯވެ ވިހަ ދުން އަރަމުން ދިޔަ އިރު ވެސް ރަށުގެ މުއައްސަސާތަކުން އެކަން އާންމުންގެ ސަމާލުކަމަށް ގެނެސްފައި ނުވާކަމަށެވެ.

އެގޮތުން، އެ ސަރަހައްދު ބަންދު ނުކުރާ ކަމަށާއި ކައިރި ފުޓުބޯޅަ ދަނޑު ވެސް އާދައިގެ މަތިން ބޭނުން ކުރަން ހުޅުވާލާފައިވާކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ. އަދި ފުވައްމުލައް ސިޓީގައި ރޯވި އަލިފާނުގެ އަސަރު އެ ސީޓީއަށް ޒިޔާރަތްކުރި ފަތުރުވެރިންނަށްވެސް ކޮށްފައި ވާކަމަށް އެ ބަޔާނުގައިވަނީ ބުނެފައެވެ.

މީގެ އިތުރުން އެ ބަޔާނުގައިވަނީ ވިހަ ދުން އަރަމުން ދާއިރު ނޭވާލާ ނިޒާމަށް ކުރާނެ ނޭދެވޭ އަސަރާއި މެދު ހޭލުންތެރިކަން އުފައްދާ، ރައްކާތެރިކަމުގެ ގޮތުން ފިޔަވަޅެއް އަޅާ ހާއްސަ އެހީތެރިކަމެއް ފުވައްމުލަކު ހޮސްޕިޓަލް، ފުވައްމުލަކު ޕަބްލިކް ހެލްތް ޑިޕާޓްމަންޓް އަދި ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީ އިން ފޯރުކޮށް ދީފައިނުވާކަމަށެވެ.

ފުވައްމުލަކު ސިޓީ ކައުންސިލާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން، ސިޔާސީ ވާދަވެރިކަމުން އެއްކިބާވެ،ރައްޔިތުންގެ ހައްގުގައި ޒިންމާދާރު ގޮތުގައި މަސައްކަތް ކުރުންޖެހޭކަން ފާހަގަކޮށް އެ ބަޔާނުގައިވަނީ މިކަމުގެ ސަބަބުން ކުރިމަތިވި ސިއްހީ ނުރައްކަލާ ރަށުގެ ވެއްޓާ މާހައުލީ ނިޒާމަށް ލިބުނު ގެއްލުންތަކުގެ ބަދަލުހުރިހާ އިދާރީ އަދި ގާނޫނީ ވަސީލަތްތަކުގެ އެހީގައި ހޯދުމަށް ފުވައްމުލަކު ސިޓީ ކައުންސިލަށް ގޮވާލާފައެވެ.

މީގެ އިތުރުން މި ބަޔާނުގައިވަނީ ވެމްކޯ އާއި މިނިސްޓްރީ އޮފް އެންވައިރަމަންޓާ ދެމެދު ކުނިކޮށި މެނޭޖް ކުރުމަށް ކޮށްފައިވާ އެއްބަސްވުމުގެ ދަށުން އެ ކުނިކޮށި މެނޭޖް ކުރަމުން އައިގޮތާ މެދު ފުރިހަމަ ތަހުގީގެއް ކުރުމަށް ގޮވާލާފައެވެ. އަދި ފުވައްމުލަކުގެ ފަސްގަނޑާއި ކުޅިތަކާ ފެންފަށަލައިގެ އިތުރުން ދަނޑުބިންތަކާ އެ ބިންތަކުގެ ކާބޯތަކެތީގެ ބާވަތްތަކާ ރަށުގެ ރުއްގަހަށާއި ވަލުތެރެއަށް، ކޮށްފައިވާ އަސަރު ދެނެގަތުމަށް މިނިވަން ތަހުގީގެއް ކުރުމަށް އެންވައިރަމަންޓް ޕްރޮޓެކްޝަން އޮތޯރިޓީއަށް ވެސް ވަނީ ގޮވާލާފައެވެ.