އައްޑޫ ސިޓީގެ ހިތަދޫގައި ތަރައްގީކުރާ އިސްލާމީ މަރުކަޒުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

މިދިޔަ މާޗް މަހުގެ 24 ވަނަ ދުވަހު ސޮއިކުރެވުނު އިސްލާމީ މަރުކަޒުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވީ، މިނިވަން ދުވަހުގެ މުނާސަބަތު ފާހަގަކުރުމަށް އައްޑޫގައި ބާއްވާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް އެ ސިޓީ އަށް ވަޑައިގެން ހުންނެވި ނައިބު ރައީސް ފައިސަލް ނަސީމެވެ.

ހިތަދޫގައި ތަރައްގީކުރާ އިސްލާމީ މަރުކަޒާ ގުޅޭ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ވެސް ނައިބު ރައީސެވެ.

މި އިސްލާމީ މަރުކަޒުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ދީނީ ކަންކަމަށް ހާއްސަކޮށް ޒުވާނުންގެ މެދުގައި ދީނަށް ލޯބި ޖެއްސުމަށްޓަކައި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ.

އޭގެ ހެއްކަކީ އެމަނިކުފާނު ވިދާޅުވި ގޮތުގައި، މީގެ ކުރިން ނުހިންގޭ މިންވަރަށް ދީނަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ރަށްރަށުގައި ހިންގުމާއި، ޤުރުއާން މުބާރާތްތައް ބޭއްވުމާއި އިމާމުން ތަމްރީނުކުރުމުގެ ކޯސްތައް ހިންގުމެވެ.

ސަރުކާރުން ބުނީ، ފެޑޯ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި މި އިސްލާމީ މަރުކަޒުގައި 1،500 މީހުންގެ ޖާގައިގެ ނަމާދުކުރާނެ ތަނަކާއި، 450 މީހުންގެ ޖާގައިގެ މަލްޓިޕާޕަސް ހޯލަކާއި، ހަތަރު ކްލާސްރޫމާއި، ދެ ސެމިނާ ރޫމާއި، އިދާރީ އޮފީހަކާއި ކުތުބުހާނާ އެއް ހުންނާނެ ކަމަށެވެ.

ފެޑޯ ޕްރައިވެޓް ލިމިޓެޑާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން 450 ދުވަހުގެ ތެރޭ މި އިސްލާމީ މަރުކަޒުގެ މަސައްކަތް ނިންމަން ޖެހޭނެއެވެ.