މި ފަސް އަހަރަށްވުރެ މިނިވަންކަން އޮތް ފަސް އަހަރެއް ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ މިނިވަން ދުވަހުގެ ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ސިޔާސީ މިނިވަންކަމުގެ ތާރީހަށް ބަލާއިރު މިދިޔަ ފަސް އަހަރަކީ ކޮންމެ ދިމާއަކަށް ނަޒަރު ހިންގިޔަސް ފުރިހަމަ މާނައިގެ މިނިވަންކަން ގާއިމުވެފައި އޮތް ފަސް އަހަރު ކަމަށެވެ. އަދި މިދިޔަ ފަސް އަހަރަކީ ރާއްޖޭގެ ސިޔާސީ މިނިވަންކަން ފުރިހަމަށް ރައްކާތެރިކުރެވުނު ފަސް އަހަރުގެ ގޮތުގައިވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް ސޯލިހު ވިދާޅުވީ މިދިޔަ ފަސް އަހަރަކީ ހާރިޖީ މިނިވަންކަން އެންމެ ވަރުގަދަ ފަސް އަހަރު ކަމަށާއި ދާހިލީ މިނިވަންކަން އެންމެ ފުޅާގޮތެއްގައި ލިބިދެވުނު ފަސް އަހަރު ކަމަށެވެ. އަދި ފަރުދުންގެ ޒާތީ މިނިވަންކަމާއި އެއްވެސް ހިފެހެއްޓުމެއް ނެތި ކަށަވަރު ކޮށްދެވުނު ފަސް އަހަރުގެ ގޮތުގައިވެސް ރައީސް ވަނީ ސިފަކުރައްވާފައެވެ.
ރައީސް ސޯލިހު ވިދާޅުވީ މިނިވަންކަމުގެ މަދަނީ އައްޑަނައަކީ ރައްޔިތުންގެ ހިތްތަކުގައި އޮންނަ ގައުމީ ލޯބި ކަމަށާއި އެ އައްޑަނައިން ރައްކާތެރިކޮށްދޭ މިނިވަންކަމުގެ ބިންގަލަކީ ދާހިލީ ހަމަޖެހުން ކަމަށެވެ. އަދި އެ ބިންގަލުގެ މަތީގައި ބިނާކުރާ ގައުމިއްޔަތުގެ ކުރިބޯއްޓަކީ ރައްޔިތުންގެ މެދުގައި އޮންނަ ސުލްހަ މަސަލަސްކަމާއި އަމާންކަމާއި އެކުވެރިކަން ކަމުގައި ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.
މިނިވަންކަން ރައްކާތެރިކަންމަތީ ދެމެހެއްޓުމުގެ އެންމެ ވަރުގަދަ ބާރަކީ ރާއްޖެއާއި ބައިނަލްއަގުވާމީ މުޖްތަމައާ ދެމެދުގައި އޮތް ރަހުމަތްތެރި ބަދަހި ގުޅުންކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ އެ ގުޅުމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދީ ތަރައްގީއަށް ދިރުން ލިބިއްޖެ ކަމަށާއި ރައްޔިތުންގެ ފަރުދީ ފުދުންތެރިކަން އިތުރުވެ އާއިލީ ތަނަވަސްކަން އިތުރުވެއްޖެ ކަމަށެވެ.
ރައީސް ސޯލިހު އިތުރަށް ވިދާޅުވީ ކުރިމަގުގައި ވެސް އެންމެ އިސް އަމާޒަކީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިޔާމަތްކޮށް ރައްކާތެރިކުރުން ކަމަށާއި ދިވެހިންގެ ފަސްގަނޑުގެ ސިޔާދަތީ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމަކީ ދިވެހި ސަރުކާރުގެ އެންމެ އިސް ވާޖިބު ކަމަށެވެ.