ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ރާއްޖޭގެ ތައުލީމީ ދާއިރާއަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތެއް ކަމަށްވާ އަދި ސްޕެޝަލް އެޑްވައިޒާ އޮން ސޯޝަލް ޕޮލިސީގެ މަގާމުގައި ހުންނެވި ޑރ. މުސްތަފާ ލުތުފީއަށް ނިޝާން ދިޔަމިގިލީގެ ޝަރަފުގެ އިއްޒަތް އަރުވައިފިއެވެ.

ޑރ. ޑރ. މުސްތަފާ ލުތުފީއަށް މި އިއްޒަތް އެރުވީ، މި އަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި ރަސްމީ ޖަލްސާގައެވެ.

ރައީސް އޮފީހުން ބުނީ، ޑރ. ޑރ. މުސްތަފާ ލުތުފީއަށް ނިޝާން ދިޔަމިގިލީގެ ޝަރަފުގެ އިއްޒަތް ރައީސް ސޯލިހު އެރުއްވީ ޑރ. މުސްތަފާ ލުތުފީއަކީ ރާއްޖޭގެ ތައުލީމީ ދާއިރާއަށް ވަރަށް މުހިންމު ހިދުމަތްތަކެއް ކޮށްދެއްވާ، ރާއްޖެ މިއަދު މި ދެކޭ ތައުލީމީ ނިޒާމު ބައްޓަން ކުރެއްވުމުގައި އާއި، މުދައްރިސުން އުފެއްދެވުމަށް ކުރައްވާފައިވާ ގިނަގުނަ މަސައްކަތްތަކާއި، ތައުލީމީ ދާއިރާއިން ދިވެހި ރައްޔިތުންނަށާއި، ދިވެހި ދައުލަތަށް ކޮށްދެއްވާފައިވާ އަގުހުރި ހިދުމަތްތަކުގެ އަގު، ދިވެހި ދައުލަތުން ވަޒަންކުރުމުގެ ގޮތުން ކަމަށެވެ.

އަދި، ތަފާތު އެކި މަގާމުތަކުގައި ހުންނަވައިގެން، ދިވެހި ދައުލަތަށާއި ދިވެހި ގައުމަށް 34 އަހަރަށްވުރެ ދިގު މުއްދަތެއްގައި ކޮށްދެއްވާފައިވާ އަގުހުރި ހިދުމަތްތަކުގެ އަގުވެސް ވަޒަންކުރުމުގެ ގޮތުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މިއަދުގެ ޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ޑރ. ޑރ. މުސްތަފާ ލުތުފީއަކީ ރާއްޖޭގެ ތަރައްގީއަށް ވަރަށް މުހިންމު މަސައްކަތްތަކެއް ކޮށްދެއްވި ފަރާތެއް ކަމަށާއި، ހާއްސަކޮށް ރާއްޖޭގެ ރަށްރަށުގެ ތައުލީމީ ހާލަތު ރަނގަޅު ކުރެއްވުމަށް ތައުރީފް ހައްގު މަސައްކަތްތަކެއް ކޮށްދެއްވި ފަރާތެއް ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ރައީސް، ޑރ. ޑރ. މުސްތަފާ ލުތުފީއަށް ދިވެހި ދައުލަތުގެ ނަމުގައްޔާއި ދިވެހި ރައްޔިތުންގެ ނަމުގައި އިހްލާސްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރެއްވިއެވެ.