އިގްތިސޯދީ ބޭނުންތައް ފިޔަވައި އެހެން ބޭނުންތަކަށް ދޫކުރާ ރަށު ކައުންސިލްގެ ނުވަތަ ސިޓީ ކައުންސިލްގެ އިހްތިސާސްގައި ނުހިމެނޭ ފަޅުރަށްރަށް ކަނޑައަޅެމުގެ ބާރު ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސްއަށް ދޭ "މަސްވެރިކަމާއި ދަނޑުވެރިކަން ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށް ދޫ ކުރުމާ ބެހޭ ގަވާއިދު" ގެޒެޓުކޮށްފިއެވެ.

އިގްތިސޯދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށް ދޫ ކުރުމުގެ ގަވާއިދު ހިނގާނީ ގާނުނުގެ ދަށުން ވަރުވާއަށް ލިޔެދޭ ފަޅުރަށްރަށް، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރެވޭ ފަޅުރަށްރަށް، އިގްތިސާދީ ނުވަތަ ސިނާއީ އެހެން ބޭނުމަކަށް އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ދޫކުރެވޭ ފަޅުރަށްރަށް އަދި ރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނުގެ ދަށުން ކުއްޔަށް ދޫކުރެވޭ ފަޅުރަށްރަށް ފިޔައި އެހެން ފަޅު ރަށްރަށަށެވެ.

މި ގަވާއިދުގެ ދަށުން ފަޅުރަށްރަށް ނުވަތަ ފަޅުރަށަކުން ބައެއް ދޫކުރެވޭނީ ބީލަމުގެ އުސޫލުން އާންމުކޮށް އިއުލާނުކޮށްގެން އެކަށީގެންވާ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށް ނުވަތަ ރަށުގައި ކުރަން ބޭނުންވާ ކަމާބެހޭ ތަފުސީލު ރިޕޯޓަކާއެކު ހުށަހެޅުމުން ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަނޑައަޅާ ފަރާތަކަށެވެ. ސަރުކާރުގެ އިސްނެގުމަށް ފަޅުރަށެއް ބެލެހެއްޓުން ވަކި ޝަރުތުތަކަކާއެކު ކައުންސިލަކާ ހަވާލުކުރުމަށް ރައީސް ނިންމަވައިފިނަމަ ވެސް މި ގަވާއިދުގެ ދަށުން ފަޅުރަށް ދޫކުރެވޭނެއެވެ.

ބީލަމުގައި ފަޅުރަށް ދޫކުރުމަށް ކުރާ އިއުލާނުގައި ކުއްޔަށް ދޫކުރާ ރަށް ނުވަތަ ކުއްޔަށް ދޫކުރާ ރަށުގެ ބައި، ކުއްޔަށް ދޫކުރާ ބޭނުން، ކުއްޔަށް ދޫކުރެވޭ ރަށުގެ ނުވަތަ ރަށުގެ ބަޔަށް ކުލީގެ ގޮތުގައި ކަނޑައެޅޭ އެންމެ ދަށް އަދަދުގެ އިތުރުން ޕްރޮޕޯސަލާއެކު ހުށަހަޅަންޖެހޭ ލިޔެކިޔެކިޔުމާއި ފަޅުރަށް ދޫކުރާ ފަރާތުން ހުށަހަޅަން ބޭނުންވާ މިނޫންވެސް އިތުރުބައިތަށް ހިމަންނަންޖެހެއެވެ.

މި ގަވާއިދުގެ ދަށުން ފަޅުރަށްރަށް ދޫކުރާނީ މީލާދީ 21 އަހަރުދުވަހުގެ މުއްދަތަކަށެވެ. ނަމަވެސް އެއަށްވުރެ ކުރު މުއްދަތަކަށް ދޫކުރުމުގެ އިހްތިޔާރު ފަޅުރަށް ދޫކުރާ ފަރާތަށް ލިބިގެންވެއެވެ.

ފަޅުރަށް ދޫކޮށްފައިވާ މުއްދަތު އިތުރު ކުރުމަށްޓަކައި މުއްދަތު ހަމަވުމުގެ 12 މަސްދުވަހާއި 24 ސައުވީސް މަސްދުވަހާ ދެމެދުގެ މުއްދަތުގެ ތެރޭގައި ފަޅުރަށްދޫ ކުރާ ފަރާތަށް ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން ދޫކުރެވިފައިވާ މުއްދަތުގެ ޖުމްލަ 50 އަހަރު ދުވަހުގެ މުއްދަތަކަށްވުރެ އިތުރުނުވާނެ ގޮތެއްގެ މަތިން މުއްދަތު އިތުރު ކުރުމުގެ އިހްތިޔާރު ފަޅުރަށް ދޫކުރާ ފަރާތަށް މި ގަވާއިދުން ލިބިދެއެވެ.

ފަޅުރަށް ދޫކޮށްފައިވާ މުއްދަތު އިތުރު ކުރުމުގައި ބަލާނެ ކަންކަން:

  • ރަށުގައި ކުރަން ހުށަހެޅި މަސައްކަތްތައް ޝެޑިއުލާ އެއްގޮތަށް ކުރަމުން ގޮސްފައިވޭތޯ ( މަދުވެގެން މަސައްކަތުގެ 75 ޕަސެންޓު ފުރިހަމަކޮށްފައިވުން)
  • ރަށުގައި ކުރަން ހުށަހެޅި މަސައްކަތްތަކަށް ކުރަން ހުށަހަޅައިފައިވާ އިންވެސްޓްމަންޓުގެ އަދުދުގެ މަދުވެގެން 75 ޕަސެންޓު ފައިސާ އިންވެސްޓްކޮށްފައިވުން

މީގެ އިތުރަށް ފަޅުރަށް ދިނުމުގައި އެންމެ މަތީ އަގު ހުށަހަޅާ ފަރާތަކަށް އިސްކަންދިނުން، ފަންނީ ގާބިލުކަން ހުރި މިންވަރަށް ބެލުމުގެ އިތުރުން މަސައްކަތުގެ ސަބަބުން ވަށައިގެންވާ މުޖުތަމައަށާއި ތިމާވެއްޓާއި ސަގާފަތަށް ފައިދާ ކުރާނެ މިންވަރަށް ރިއާޔަތް ކުރަން ޖެހޭނެ ކަމަށް އެ ގަވާއިދުގައިވެއެވެ.

ފަޅުރަށް ހަވާލު ކުރާއިރު ފަޅުރަށްހަވާލު ކުރާ މުއްދަތު އަދި މުއްދަތު އިތުރުކުރުމުގެ ޝަރުތެއްވާނަމަ އެފަދަ ޝަރުތެއް، ކުއްޔަކާއެކުނަމަ ކުލީގެ އަދަދާއި ކުލި ދައްކާނެ ގޮތް، ރަށުގައި ހިންގާނެ މަސައްކަތާއި އެ މަސައްކަތް ހިންގާނެ ގޮތް އަދި މަސައްކަތްތައް ހިންގާނެ ޝެޑިއުލް، ހަވާލުވި ފަރާތުން އެއްބަސްވުމާ ހިލާފުވެއްޖެނަމަ އަމަލު ކުރާނެ ގޮތުގެ އިތުރުން އެއްބަސްވުން ބާތިލު ކުރާނެ ގޮތާއި އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ނުވަތަ އެއްބަސްވުން ބާތިލުވުމުން އެ ރަށުގައި ހުންނަ އިމާރާތްތަކާއި ތަކެއްޗާމެދު އަމަލު ކުރާނެ ގޮތް ބަޔާންކޮށްފައިވާ އެއްބަސްވުމެއްގައި 2 ފަރާތުން ސޮއި ކުރަންޖެހޭނެ ކަމަށް އެ ގަވާއިދުގައި ވެއެވެ.

ގާނޫނުގައި ނުވަތަ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ކަމަކާ ހިލާފަށް ފަޅުރަށް ދޫކޮށްފައިވާ ބޭނުން ނޫން އެހެން ބޭނުމަކަށް ރަށް ނުވަތަ ރަށުން ބައެއް ބޭނުންކޮށްފިނަމަ އެއްބަސްވުމުގައި ކަނޑައެޅުނު ފިޔަވަޅުގެ އިތުރަށް 1 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިހްތިޔާރު މިގަވައިދުގެ ދަށުން ފަޅުރަށް ކުއްޔަށް ދޫކުރާ ފަރާތަށް ލިބިގެންވެއެވެ. އަދި އިންވެސްޓްމެންޓާއި ހިލާފަށް ވިއްކާލައިފިނަމަ ނުވަތަ ދެވަނަ ފަރާތަކަށް ދޫކޮށްފިނަަމަ 1 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިހްތިޔާރުގެ އިތުރުން ޖިނާއީ ކުށެއް އެކުލެވިގެންވާ އަމަކެއްކޮށްފިނަމަ ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަށް ފަޅުރަށް ދޫ ކުރާ ފަރާތަށް މި ގަވާއިދުން ލާޒިމް ކުރެއެވެ.