މިހާރު ރާއްޖެއިން އިވެމުން ދަނީ ދިވެހިންގެ ގައުމު ދިވެހިންނަށް ލިބެން ޖެހޭކަމުގެ ވާހަކަތައް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ މައި ހަރުގެ، މ. ކުނޫޒުގައި ރޭ ބޭއްވި "ދިވެހިންގެ ގައުމު ދިވެހީންނަށް، މިނިވަން ދުވަސް 2023" ކެމްޕެއިން އިވެންޓުގައި އޯޑިއޯ މެދުވެރިކޮށް ދެއްވި މެސެޖެއްގައެވެ. ގާސިމް ވިދާޅުވީ، ރާއްޖޭގެ މިނިވަން ކަމަށް 58 އަހަރު ވެފައިވާ އިރު، ދިވެހިން މިތިބީ ކޮން ހާލެއްގައިތޯ ދިވެހިން ސުވާލުކުރާ ކަމަށެވެ. އަދި ވިދާޅުވީ "ދިވެހިން މިއަދު ގޮވަނީ ދިވެހިންނަށް ދިވެހި ގައުމު ލިބެންޖެހޭނެ" ކަމަށެވެ.

ގާސިމް ވިދާޅުވީ ރާއްޖެ މިހާރު ދެކެމުން މިދާ ތަރައްގީގެ ބާނީއަކީ ކުރީގެ ރައީސް އިބްރާހިމް ނާސިރު ކަމަށާއި ރާއްޖެ ތަރައްގީ ކުރެއްވުމުގެ މަސައްކަތް ނާސިރު ފެއްޓެވީ ސުމަކުން ކަމަށެވެ،

ރާއްޖެ ކުރިން ދެކިފައިނުވާ ފަދަ އިޖުތިމާއީ ދުޅަހެޔޮކަމާއި، އިގުތިސޯދީ ތަރައްގީއާއި، ހިންގުމުގެ ދާއިރާއަށް ގެނައި ބަދަލުގެ އިތުރުން މުވާސަލާތީ ގޮތުންނާއި ސިއްހީ އަދި ތައުލީމީ ގޮތުން ރާއްޖެ ބިނާކުރުމުގެ މަސައްކަތް ފައްޓަވައިދެއްވީ ނާސިރު ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ. ރާއްޖޭގެ މައި އިގުތިސޯދު ކަމަށްވާ ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާ މިހާ ހިސާބަށް އައިސްފައި މިވަނީ ވެސް ނާސިރުގެ ބުރަ މަސައްކަތުން ކަމަށް ގާސިމް ފާހަގަ ކުރެއްވިއެވެ.

އެ ހޯއްދަވައިދެއްވި މިނިވަންކަމާއި، ނުގުޑާފަދަ އަޒުމާއި، މޫރިތިކަން ދިވެހި ވެރިންގެ ކިބައިން ފިލައިގެންދިޔަކަމީ ހިތާމައިގެ ކޮޅެއް ނެތްހާ ކަމެއް. ރައީސް މައުމޫނުގެ ވެރިކަމުގައި ހާރިޖީ ގޮތުން ވަކި އަތަކަށް ބުރަ ނުވެ ގައުމު ބައިނަލްއަގުވާމީ ކަނޑުގައި ދުއްވީ އޮމާންކަމާއި ފަހުރުވެރި ދުވެއްޔެއްގައިކަން ކަށަވަރު،
ގާސިމް

މިނިވަން ދުވަހަކީ އިނގިރޭސީންގެ ހިމާޔަތުން ފުރިހަމަ މިނިވަންކަމެއް ލިބި ސިޔާސީ ގޮތުން ރާއްޖެއަށް މިނިވަންކަން ލިބުނު ދުވަހެެވެ. އިނގިރޭސިވިލާތުގެ ހިމާޔަތުގެ ދަށަށް ދިވެހިރާއްޖެ ގޮސްފައި ވަނީ ޑިސެމްބަރު 16, 1887 ވަނަ އަހަރު ދިވެހިރާއްޖޭގެ އޭރުގެ ރަދުން އައްސުލްތާން މުހައްމަދު މުއީނުއްދީން ދެވަނަ އާއި އިނގިރޭސީންގެ ކްއީން ވިކްޓޯރިއާގެ ބަދަލުގައި ސިލޯނުގައި ހުންނެވި އިނގިރޭސި ގަވަރުނަރު ސާ އޭއެޗްގޯޑަން އާ ދެމެދު ކުރެވުނު މުއާހަދާއެއްގެ ދަށުންނެވެ.

ނަމަވެސް، ޖުލައި 26, 1965 ވަނަ އަހަރު ދިވެހި ސަރުކާރާއި އިނގިރޭސި ސަރުކާރާ ދެމެދު ކުރެވުނު އެގްރީމެންޓަކުން ދިވެހިރާއްޖެ އަކީ ވަކިވަކި ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ވެރިކަން ހިންގުމުގެ ފުރިހަމަ ބާރު ލިބިފައިވާ މިނިވަން ދައުލަތެއް ކަމަށް އިނގިރޭސި ސަރުކާރުން ގަބޫލު ކުރިއެވެ.