ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމާއި، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލި މައްސަލައާ ގުޅޭގޮތުން މަޝްވަރާ ކުރުމުގެ ބަދަލުގައި ޕާޓީތަކުން ބޭނުންވަނީ 1 ކެންޑިޑޭޓެއްގެ ވާހަކަ ދައްކަން ކަމަށާއި އެނޫން ކަމަކާ މަޝްވަރާ ކުރަން އެއްބަސް ނުވާތީ ޕާޓީތަކާއެކު މަޝްވަރާ ކުރުން ހުއްޓާލައްވައިފި ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވީ، ކެންޑިޑޭޓު ނޫން ކަމެއްގައި ވާހަކަ ނުދެއްކޭނަމަ މަޝްވަރާތައް ކުރިއަށް ގެންދިއުމުގެ ބޭނުމެއް ނެތް ކަމަށާއި، ދެން އެއްވެސް ޕާޓީ އަކާ އެކީ މިވަގުތު ވާހަކަ ނުދައްކަން ނިންމާފައި ވާ ކަމަށެވެ.
އިދިކޮޅު ކޯލިޝަނުން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެއް ކެންޑިޑޭޓެއް ނެރެ، ވާދަކުރުމާ ގުޅޭ ގޮތުން އެމްއެންޕީ އާއި ޖުމްހޫރީ ޕާޓީ އާއި ދަ ޑިމޮކްރެޓްސް އާ އެކު މީގެ ކުރިން މަޝްވަރާ ބައްދަލުވުންތައް ބާއްވާފައެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި އެކުގައި މަސައްކަތްކުރުމާ ގުޅޭ ގޮތުން ޑިމޮކްރެޓްސް އާ އެކު މަޝްވަރާ ބައްދަލުވުންތައް ބޭއްވި ނަމަވެސް، ބައްދަލުވުންތައް ވަނީ މިހާރު ހުއްޓިފައެވެ.
ހަމަ އެއާއެކު، ކަނޑުން ސަރަހައްދެއް ދޫކޮށްލި މައްސަލައިގައި ހެދި "ކަނޑު ވިއްކުމާ ދެކޮޅު" ކޯލިޝަނުން މިދިޔަ މަހު ބޭއްވި ޖަލްސާ އަށް ފަހު، އެ ކޯލިޝަން ވެސް ވަނީ މަޑުޖެހި، ހުއްޓުމަކަށް އައިސްފައެވެ.
ޗެނަލް 13 އިން ގެނެސްދިން ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ހުރިހާ ޕާޓީތަކަކާ އެކީގައި ވެސް ވާހަކަ ދެކެވުނީ ގައުމީ ބޮޑެތި މައްސަލަތަކުގައި ކަމަށެވެ. އޭނާ އޭގެ ތެރެއިން ފާހަގަކުރެއްވި ކަންކަމަކީ:
- ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލުން
- އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ ތިބުން
- ސަރުކާރުގެ ކޮރަޕްޝަން މައްސަލަތަކާއި އެހެނިހެން މައްސަލަތައް
އަބްދުއްރަހީމް ވިދާޅުވީ، މި ކަންކަމަކީ ގޯސް ކަންތައްތަކެއް ކަމަށް ގަބޫލުކުރެވޭ ކަމަށް ވަންޏާ، އަދި ދެ ފަރާތުން އެއްބަސްވާ ކަންކަމުގައި އެކީގައި ނުކުމެ އަޑުއުފުލައި، ޖަލްސާތައް ބާއްވަން ހުށަހެޅުއްވި ކަމަށާއި، ނަމަވެސް އެކަމަކަށް އެއްވެސް ޕާޓީ އަކުން އެއްބަސްނުވާ ކަމަށެވެ. އޭނާ ވިދާޅުވީ، ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ ރިޔާސީ އިންތިހާބަށް އެއް ކެންޑިޑޭޓަކު ނެރޭ ވާހަކަ އެކަނި ކަމަށެވެ.
އެއް ކެންޑިޑޭޓުގެ ވާޙަކަ އާ ގުޅޭ ގޮތުން އަބްދުއްރަހީމް ވިދާޅުވީ، އިދިކޮޅު ކޯލިޝަނުން ވަނީ މާ ކުރިން ކެންޑިޑޭޓެއް ކަނޑައަޅާފައި ކަމަށާއި، އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ.
"އަޅުގަނޑުމެން މި ގަބޫލުކުރަނީ ރައީސް ޔާމީނަށް ވުރެ މި ގައުމުގެ ވެރިކަމަށް މިވަގުތު ގެންނަން މުހިންމު އެހެން ބޭފުޅަކު ނެތް ކަމަށޭ، އެއަށްވުރެ އެކަށީގެންވާ ގާބިލް، އެކަން ކުރެއްވޭނެ، ރައްޔިތުންނަށް އެކަން ކުރައްވާފައި ދައްކަވާފައި ހުރި އެހެން ކެންޑިޑޭޓަކު ނެތޭ މި ރިޔާސީ ރޭހުގަ ވާދަކުރައްވާކަށް، އެހެންވީމާ އަޅުގަނޑުމެންނަކަށް ނެތޭ ތިޔަ އެއް ކެންޑިޑޭޓުގެ ވާހަކަ ދެއްކޭކަށެއް،" ޔާމީނަކީ އިދިކޮޅުގެ ކެންޑިޑޭޓުކަން ތަކުރާރު ކުރައްވައި އޭނާ ވިދާޅުވިއެވެ.
އިދިކޮޅުން އަބަދު ވެސް ގަބޫލުކުރަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލުމާއި، އިންޑިއާގެ އަސްކަރިއްޔާ އިން ތިބޭ ތިބުމަކީ ދިވެހިންގެ މިނިވަންކަމަށާއި އިސްތިގުލާލަށް އެކަމުގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއްގެ ގޮތުގައި ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، މި ކަންކަމާ މެދު ޕާޓީތަކާ އެކު މަޝްވަރާ ނުކުރެވެންޏާ ވާހަކަތައް ކުރިއަށް ގެންދިއުމުގެ ބޭނުމެއް ނެތެވެ.
ރިޔާސީ އިންތިހާބަށް އެއް ކެންޑިޑޭޓަކު ނެރުން އެއީ މާ ފަހަތުގައި އޮތް ވާހަކައެއް ކަމަށާއި، އިންތިހާބުގައި ޔާމީން ވާދަ ކުރައްވަނީ މި މައްސަލަތަކަށް ހައްލެއް ހޯއްދަވައިދެއްވުމަށް ކަމަށް، އަބްދުއްރަހީމް ވިދާޅުވިއެވެ.
އިތުރަށް އޭނާ ވިދާޅުވީ، އެންމެންވެސް ދައްކާ އަނެއް ވާހަކައަކީ "އިބޫ ނޫން ގޮތެއް" ކަމަށާއި އެ އިބޫ ނޫން ގޮތަކީ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ. އިބޫ [ރައީސް އިބްރާހިމް މުހައްމަދު ސޯލިހު] ކަމު ނުގޮސްގެން އެވާހަކަ ސިޔާސީ ޕާޓީތަކުން ދައްކާ އިރު، ގައުމުގައި ހުރި ބޮޑެތި މައްސަލަތަކަކީ އެކަމާ ގުޅިފައި ހުރި މައްސަލަތައްކަން ދޭހަވާ މޭރުމަކުން އޭނާ ވިދާޅުވީ، އެއް ކެންޑިޑޭޓުގެ ވާހަކަ ފަހަށް ބާއްވާފައި މައްސަލަތަކާ މެދު މަޝްވަރާ ކުރުމަށެވެ.