ފަތުރުވެރިކަން، އިމާރާތްކުރުން، ދަތުރުފަތުރާއި މުވާސަލާތީ ހިދުމަތްތާއި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިތަކަށް ކްރެޑިޓްގެ ގޮތުގައި ފައިސާ ހޯދުމަށް ދަތިވެފައިވާކަމާއި ކުރިއަށް އޮތް ކުއާޓަރުގައި ވެސް ކްރެޑިޓަށް ފައިސާ ހޯދުމުގައި ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ވިޔަފާރިތަކުން ލަފާކޮށްފިއެވެ.
ވިޔަފާރިތަކުން މިގޮތަށް ލަފާކޮށްފައި ވަނީ، މި އަހަރުގެ ދެވަނަ ކުއާޓަރުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ހިންގި ސާވޭއެއްގައެވެ. ފަތުރުވެރިކަން، އިމާރާތްކުރުން، ދަތުރުފަތުރާއި މުވާސަލާތީ ހިދުމަތްތާއި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ދާއިރާ ހިމެނޭ ގޮތަށް ހަތަރު ދާއިރާއަކުން ޖުމްލަ 138 ވިޔަފާރިއެއް ބައިވެރިވި މި ބިޒްނަސް ސާވޭ ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ ޖޫން މަހުގެ 22 އިން ފެށިގެން މި މަހުގެ 13 އާ ދެމެދުގައެވެ.
އެ ސާވޭގެ ރިޕޯޓް އެމްއެމްއޭ އިން އިއްޔެ އާންމު ކޮށްފައިވާ އިރު، އެ ރިޕޯޓްގައި ބުނެފައި ވަނީ، މި އަހަރުގެ ދެވަނަ ކުއާޓަރުގައި ސާވޭގައި ހިމެނޭ ހުރިހާ ދާއިރާއެއްގެ ވިޔަފާރިތަކަށް ވެސް ކްރެޑިޓްގެ ގޮތުގައި ފައިސާ ހޯދުމަށް ދަތިވެފައިވާ ކަމަށާއި ކުރިމަގުގައި، ފަތުރުވެރިކަމުގެ ދާއިރާ ފިޔަވައި، ސާވޭގައި ހިމެނޭ ހުރިހާ ދާއިރާއެއްގެ ވިޔަފާރިތަކަށް ވެސް ކްރެޑިޓްގެ ގޮތުގައި ފައިސާ ހޯދުމަށް އިތުރަށް ދަތިވެގެންދާނެ ކަމަށް ވިޔަފާރިތަކުން ލަފާކުރާ ކަމަށެވެ.
ޖުމްލަ ގޮތެއްގައި ފަތުރުވެރިކަމުގެ ދާއިރާ ފިޔަވާ، ސާވޭކުރެވުނު ހުރިހާ ދާއިރާއެއްގައި ވެސް މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ އަދަދު މަތިވެފައިވާ ކަމަށް އެ ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ. އެގޮތުން ނިމިދިޔަ ކުއާޓަރުގައި، މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ އަދަދު އެންމެ ބޮޑަށް އިތުރުވެފައި ވަނީ ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ދާއިރާގައެވެ.
މި ސާވޭގައި ފަތުރުވެރިކަމުގެ ދާއިރާ، އަދި ދަތުރުފަތުރާއި މުވާސަލާތީ ހިދުމަތުގެ ދާއިރާގައި ހިމެނޭ ވިޔަފާރިތައް ފިޔަވާ، ދެން ސާވޭ ކުރި ދާއިރާތަކުގައި ވިޔަފާރިކުރާ މިންވަރު ވަނީ މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާ އިރު މަތިވެފައެވެ. ނަމަވެސް ފުރަތަމަ ކުއާޓަރާ އަލާ ބަލާއިރު، ދެވަނަ ކުއާޓަރުގައި ފަތުރުވެރިކަމުގެ ދާއިރާއާއި ދަތުރުފަތުރާއި މުވާސަލާތީ ހިދުމަތުގެ ދާއިރާގައި ހިމެނޭ ވިޔަފާރިތަކުގެ މާލީ ހާލަތު ވަނީ ދަށަށް ގޮސްފައި ކަމަށް ބުނެއެވެ. އަދި މި މުއްދަތުގައި އިމާރާތް ކުރުމުގެ ދާއިރާގައި ހިމެނޭ ވިޔަފާރިތައް ކުރިއަރަމުންދާ މިންވަރު މަޑުޖެހިފައިވާ ކަމަށް އެ ރިޕޯޓްގައި ބުނެއެވެ.
ކުރިމަގަށް ބަލާ އިރު، އަންނަ ކުއާޓަރުގައި، އިމާރާތްކުރުމުގެ ދާއިރާގައި ހިމެނޭ ވިޔަފާރިތަކުގެ މާލީ ހާލަތު އިތުރަށް ރަނގަޅުވާނެ ކަމަށް ލަފާކޮށްފައި ވެއެވެ. ނަމަވެސް ހޯލްސޭލް އަދި ރީޓެއިލް ދާއިރާގައި ހިމެނޭ ވިޔަފާރިތަކުގެ މާލީ ހާލަތު ރަނގަޅުވަމުންދާ މިންވަރު މަޑުޖެހިގެންދާނެކަމަށް އަންދާޒާ ކުރެއެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާ އަދި ދަތުރުފަތުރާއި މުވާސަލާތީ ހިދުމަތުގެ ދާއިރާގައި ހިމެނޭ ވިޔަފާރިތަކުން ލަފާކުރަނީ ކުރިއަށް އޮތް ކުއާޓަރުގައި ވިޔަފާރިތަކުގެ މާލީ ހާލަތު އިތުރަށް ހީނަރުވެގެންދާނެ ކަމަށެވެ.
އަހަރުގެ ދެވަނަ ކުއާޓަރަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް އޮންނަ ޑިމާންޑް އެންމެ ބޮޑަށް ދަށްވެގެންދާ "އޮފް-ޕީކް ސީޒަން" ނިމޭ ދުވަސްވަރެވެ. ދެވަނަ ކުއާޓަރާ އަޅާބަލާ އިރު ތިންވަނަ ކުއާޓަރުގައި، ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ ވިޔަފާރިތަކުން ލިބޭ އާމްދަނީ އަދި ރިސޯޓް ބުކިންސް އިންޑެކްސް އިތުރުވާނެ ކަމަށް އެ ރިޕޯޓްގައި ވަނީ އަންދާޒާ ކޮށްފައެވެ.
ވިޔަފާރިތަކުން ކްރެޑިތަށް ފައިސާ ހޯދުމުގެ ދަތިކަން އޮތް ކަން ފާހަގަކޮށްފައި ވީ ނަމަވެސް ހުރިހާ ދާއިރާއެއްގެ ވިޔަފާރިތަކުން ވެސް ކުރިއަށް އޮތް ކުއާޓަރުގައި ވިޔަފާރި ކުރި އަރާ މިންވަރު މަތިވެގެންދާނެ ކަމަށް ލަފާކޮށްފައި ވެއެވެ. އޭގެތެރެއިން ކުރިއަށް އޮތް ކުއާޓަރުގައި، އެންމެ ބޮޑަށް ވިޔަފާރި ކުރާ މިންވަރު އިތުރުވެގެންދާނެ ކަމަށް ފާހަގަކޮށްފައި ވަނީ ދަތުރުފަތުރާއި މުވާސަލާތީ ހިދުމަތުގެ ދާއިރާއިންނެވެ.