މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ އެންމެ އިސް ހަތަރު ވެރިންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ޕްރޮމޯޝަން ދެއްވައިފިއެވެ.

މިއަދު މަގާމުގެ ކުރިއެރުން ލިބިވަޑައިގަތް ބޭފުޅުންނަކީ މޭޖާ ޖެނެރަލްގެ މަގާމުން ލެފްޓިނެންޓް ޖެނެރަލްގެ މަގާމަށް ކުރިއެރުން ލިބުނު، ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް އަބްދުﷲ ޝަމާލާއި، ބްރިގޭޑިއާ ޖެނެރަލްގެ މަގާމުން މޭޖާ ޖެނެރަލްގެ މަގާމަށް ކުރިއެރުން ލިބުނު ވައިސް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފެވެ.

މީގެ އިތުރުން މޭޖާ ޖެނެރަލްގެ މަގާމަށް ކުރިއެރުން ލިބުނު ދެބޭފުޅުންނަކީ އެމްއެންޑީއެފް މެރިން ކޯގެ ކޮމަޑާންޓް، މޭޖާ ޖެނެރަލް ވައިސް ވަހީދާއި، އެމްއެންޑީއެފް ސާވިސް ކޯގެ ކޮމަޑާންޓް މޭޖާ ޖެނެރަލް ހާމިދު ޝަފީގެވެ.

މި ހަތަރު ބޭފުޅުންގެ ރޭންކް މަތިކޮށް މިއަދު އެ ބޭފުޅުންނަށް ރައީސް ސޯލިހް ރޭންކް ދެއްވާފައި ވަނީ ބަންޑާރަކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެ ބޭފުޅުންނަށް މަގާމުގެ ލިޔުން ހަވާލު ކޮށްދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއެވެ.

މިއަދު މަގާމުގެ ކުރިއެރުން ލިބިވަޑައިގަތް ޝަމާލް އަކީ އަސްކަރީ ތާރީހުގައި، ލެފްޓިނެންޓް ޖެނެރަލްގެ ރޭންކާ ހަމައަަށް ވަޑައިގެންނެވި ދެވަނަ ބޭފުޅާއެވެ. މީގެކުރިން ލެފްޓިނެންޓް ޖެނެރަލް ރޭންކް ލިބިވަޑައިގަތް ހަމައެކަނި ބޭފުޅަކީ ލެފްޓިނެންޓް ޖެނެރަލް (ރިޓަޔަޑް) އަންބަރީ އަބްދުއްސައްތާރެވެ.