އިންސްޓަންޓް ޕޭމަންޓް ސިސްޓަމް ގާއިމު ކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއެކު އެއްބަސްވުމުގައި ސޮއި ކުރި ތިން ބޭންކުގެ ތެރެއިން ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް އިސްލާމިކް ބޭންކާއި ސްޓޭޓް ބޭންކް އޮފް އިންޑިއާއިން އެ ހިދުމަތުގެ ޕައިލެޓް ޓެސްޓިން ފަށައިފިއެވެ.

އެމްއެމްއޭއިން ބުނީ އެ ދެ ބޭންކުން ޕައިލެޓް ޓެސްޓިން ފަށާފައި ވަނީ މި މަހުގެ 23 ވަނަ ދުވަހު ކަމަށެވެ. މި ނިޒާމް ގާއިމް ކުރުމަށް އެމްއެމްއޭއާއެކު މި ދެ ބޭންކުގެ އިތުރުން ސްޓޭޓް ބޭންކް އޮފް އިންޑިއާ ވެސް ވަނީ އެމްއެމްއާއެކު އެބްސްވުމުގައި ސޮއިކޮށްފައެވެ.

އާ ޕޭމަންޓް ނިޒާމާއެކު މޯބައިލް ފޯނު ބޭނުން ކޮށްގެން ނުވަތަ އެހެން ޑިވައިސްތައް ބޭނުން ކޮށްގެން ރިއަލް ޓައިމްގައި ވަގުތުން ވަގުތަށް ޕޭމަންޓް ހެދުމުގެ ފުރުސަތު ލިބޭނެއެވެ. އަދި އެ ނިޒާމާ އެކު ކޮންމެ ބޭންކެއްގައި އެކައުންޓެއް އޮތް ނަމަވެސް ނަގުދު ފައިސާ ބޭނުން ކުރަން ނުޖެހި، ފައިސާގެ މުއާމަލާތް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އެމްއެމްއޭ އިން މި ހިދުމަތް ފޯރުކޮށްދޭ ތިން ބޭންކާ އެކު އެއްބަސްވުމުގައި ސޮއި ކުރި އިރު ބުނެފައި ވަނީ، އިތުރު ބޭންކުތައްވެސް ޔޫޒާ އެކްސެޕްޓެންސް ޓެސްޓުތަކުގައި ބައިވެރިވަމުން ދާ ކަމަށެވެ. އަދި ހިދުމަތް ލޯންޗު ކުރާ ހިސާބަށް ދާ އިރު އެ ބޭންކުތަކުން މި ނިޒާމާ ގުޅިގެން ދާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

އިންސްޓަންޓް ޕޭމަންޓް ސިސްޓަމް ނިޒާމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެފައި ވަނީ، މިއީ ވަރަށް ގިނަ ބައެއްގެ އުއްމީދާ ގުޅިފައިވާ މުހިންމު މަސައްކަތެއް ކަމަށާއި ނަމަވެސް މިއީ ރާއްޖޭގެ މާލީ ނިޒާމަށް އަންނަ ޖުމްލަ ހައްލެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި މިއީ އެ ހައްލު ގެނެސްދޭން މަގު ކޮށައިދޭ މެދުވެރިޔާ ކަމަށެވެ.