5 ރަށެއްގައި 474 މިލިއަން ރުފިޔާގެ މަޝްރޫއު ހިންގަން ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

އެމްޓީސީސީއާ ހަވާލުކުރި މަޝްރޫއުތަކުގެ ތެރޭގައި އއ. އުކުޅަސް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުއާއި އދ. މަހިބަދޫ ބިން ހިއްކުމުގެ މަޝްރޫއު އާއި ދ. މާއެނބޫދޫ ބިންހިއްކު މުގެ މަޝްރޫއުގެ އިތުރުން ފުވައްމުލައް އެތެރޭގެ މަގުތަކުގައި ތާރުއެޅުން–ފޭސް 2 އަދި ލ. މާވަށް ބިން ހިއްކުމުގެ މަޝްރޫއުއެވެ.

އުކުޅަސް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން 650 މީޓަރު ބޭރުތޮށި ޖެހުމާއި 90 މީޓަރު ގްރޮއިން ޖެހުން އަދި ގޮޑުދޮށަށް ވެލި އެޅުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫއަކީ 28 މިލިއަން ރުފިޔާއަށް 180 ދުވަސް ތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

މަހިބަދޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ހުޅަނގު ފަރާތު ފަޅުތެރެއިން 7 ހެކްޓަރުގެބިން ހިއްކުން ހިމެނެއެވެ. މި މަޝްރޫއަކީ 43 މިލިއަން ރުފިޔާއަށް 240 ދުވަސް ތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

މާއެނބޫދޫ ބިންހިއްކު މުގެ މަޝްރޫއުގެ ދަށުން ހުޅަނގުފަރާތުން އަދި ދެކުނު ފަރާތުން 15 ހެކްޓަރުގެ ބިންހިއްކުމަށް ހަމަޖެހިފައިވެއެވެ. މި މަޝްރޫއަކީ 82 މިލިއަން ރުފިޔާއަށް 300 ދުވަސް ތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

ފުވައްމުލައް އެތެރޭގެ މަގުތަކުގައި ތާރުއެޅުން–ފޭސް 2، މަޝްރޫއުގެ ދަށުން 12.17 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމާއި މަގުތަކުގައި ފެންހިންދާ ނިޒާމް ގާއިމްކުރުން އަދި މަގުތަކުގައި މަގުބައްތިޖެހުން ހިމެނެއެވެ. މި މަޝްރޫއަކީ 255 މިލިއަން ރުފިޔާއަށް 730 ދުވަސް ތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

މާވަށު ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ަށުގެ އިރު އުތުރު ފަރާތު ފަޅުތެރެއިން 15 ހެކްޓަރުގެބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ. މި މަޝްރޫއަކީ 66 މިލިއަން ރުފިޔާއަށް 240 ދުވަސް ތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.