ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީ، ޕީޕީއެމް އިން ރިޔާސީ ރޭހަށް ކެނޑިޑޭޓަކު ނުދެއްކޭތީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ފާޑު ވިދާޅުވެއްޖެއެވެ.

އިމްރާން ކުރެއްވި ޓްވީޓުގައި ވަނީ ސިޔާސީ ޕާޓީތައް އުފެދުނުތާ ވިއްސަކަށް އަހަރު ވާން ގާތްވާއިރު، ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީ އިން ރިޔާސީ ރޭހަށް ކެނޑިޑޭޓަކު ދައްކާނެ ގޮތަކާމެދު ހިލާފު ބޮޑުވެގެން ދިޔުމުން އޭގެ މާނައަކީ ކޮބައި ކަމާމެދު ބުއްދިވެރި ދިވެހިން ވިސްނާކަށް ނުވޭތޯ ސުވާލު އުފައްދާފައެވެ.

އިމްރާނަަށް ރައްދުދެއްވަމުން ޕީޕީއެމް އަދި ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކެންޑިޑޭޓަކު ދައްކާނެ ގޮތަކާމެދު ހިލާފު އުފެދިގެނެއް ނޫޅޭ ކަމަށެވެ. އަދި ވެގެން އުޅޭ ގޮތަކީ އިމްރާންއާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބާރާއި ނުފޫޒު ބޭނުން ކުރައްވައިގެން އިދިކޮޅުގެ ކެންޑިޑޭޓްގެ އިންތިހާބީ ހައްގުތަކުން މަހްރޫމްކޮށް ޖަލުގައި "ހަރާން" ހުކުމެއް ޖަހައިގެން ބަންދުކޮށްގެން އުޅުން ކަމަށެވެ.

ވެގެން އުޅޭ ގޮތަކީ މަނިކުފާނާ މަނިކުފާނުގެ ރައީސްގެ ބާރާ ނުފޫޒު ބޭނުންކޮށްގެން އިދިކޮޅުގެ ކެންޑިޑޭޓްގެ އިންތިހާބީ ހައްގުތަކުން މަހްރޫމްކޮށް ޖަލުގައި ހަރާން ހުކުމެއް ޖަހައިގެން ބަންދުކޮށްގެން އުޅެނީ. ތިފާޑަށް ޓުވީޓު ކުރަން ލަދު ގަންނަންޖެހޭ. އަމިއްލަ ޕާޓީން ނެރޭނެ ކެންޑިޑޭޓެއް ނުދެއްކޭ. ދެން ކޮން ވާހަކައެއް
ހީނާ

ޕީޕީއެމް އިން ބުނަމުން ދަނީ ޔާމީނަށް ކުރި ހުކުމް ހަރާން ކަމަށެވެ.

ކްރިމިނަލް ކޯޓުން ޔާމީނަށް ކުރި 11 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފު މައްސަލަ ހައިކޯޓުގައި ތާށިވެ ލަސްވާތީ، ޔާމީންގެ އިންތިހާބީ ހައްގު ކަށަވަރު ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލުމުން، އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ އެ މައްސަލަ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅާފައެވެ.

ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވޭނެކަން ކަށަވަރު ވާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މައްސަލަ އެމަނިކުފާނާ އެއްކޮޅަށް ނިމިގެންނެވެ. އަންނަ މަހުގެ 7 ވަނަ ދުވަހުގެ ކުރިން ޔާމީނާ އެއްކޮޅަށް މައްސަލަ ނުނިމިއްޖެ ނަމަ، މި އިންތިހާބުގައި ޔާމީނަށް ވާދައެއް ނުކުރެއްވޭނެއެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރާ ސިޔާސީ ޕާޓީތަކުން މިހާރު އަންނަނީ ފޯރިއާއެކު ތައްޔާރު ވަމުންނެވެ. އިންތިހާބުގައި ވާދަކުރާނެކަން އިއުލާން ކޮށްފައިވާ ބޭފުޅުންގެ ތެރޭގައި އެމްޑީޕީން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ދެވަނަ ދައުރަކަށް ކުރިމަތި ލައްވާ، ކެމްޕެއިން ކުރައްވަމުންގެންދަވާއިރު އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެމްއެންޕީގެ ރައީސް ކާނަލް މުހައްމަދު ނާޒިމް ވެސް ގެންދަވަނީ ކެމްޕެއިން ކުރައްވަމުންނެވެ.

އެ ޕާޓީތަކުގެ އިތުރުން އަމިއްލަ ގޮތުން ވެސް ބައެއް ބޭފުޅުން އިންތިހާބުގައި ވާދަކުރައްވާނެ ކަން އޮތީ އިއުލާން ކުރައްވައިފައެވެ. އޭގެތެރޭގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ހިމެނިވަޑައިގަންނަވައެވެ.