ސެޕްޓެމްބަރު ނުވަވަނަ ދުވަހަކީ ވަގު ހިފާ ދުވަސް ކަމަށާއި އެކަން ކުރާނީ ރައީސް އަބްދުﷲ ޔާމީން ވެރިކަމާ ހަވާލުވެވަޑައިގަންނަވައިގެން ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ސިލްސިލާ ގޮތެއްގައި އިދިކޮޅުން ކުރިއަށްގެންދާ އެއްވުމުގެ ތެރެއިން ރޭގައި ބޭއްވި އެއްވުމުގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ ރައްޔިތުން ތިބީ މި ސަރުކާރުގައި ތިބި ވަގުން ގާނޫނީ އިމުގެ ތެރެއިން ހިފާ ހައްޔަރުކުރަން ތައްޔާރުވެގެން ކަމަށާއި އެ ދުވަހު ރައްޔިތުން ހިފާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މި ސަރުކާރުގައި ތިބި ވަގުން ކަމަށެވެ.

އަދުރޭ ވިދާޅުވީ ސެޕްޓެމްބަރު 9 ވަނަ ދުވަހު ރައްޔިތުން ވޯޓުލާނީ ވަގުން ހިފާ ހައްޔަރުކުރަން ކަމަށާއި ކިތަންމެ ވަރަކަށް ރައްޔިތުންނަށް އޮޅުވާލަން އުޅުނަސް ރައްޔިތުން ތިބީ ވަރަށް ރަނގަޅަށް ފާރަވެރިވެ ހޭލާ ކަމަށެވެ.

ރައީސް ޔާމީންގެ ކެންޑިޑެންސީ ފޯމް ކަރެކްޝަންސް މެދުވެރިކޮށް ސޮއިކުރެއްވުމަށްފަހު މިހާރު ޕާޓީ އޮފީހަށް ލިބިފައިވާކަން ފާހަގަކުރައްވާ އަދުރޭ ވިދާޅުވީ އެމަނިކުފާނުގެ މަޝްވަރާއާއެކުގައި ލަސްތަކެއް ނުވެ އެ ފޯމު އީސީއަށް ހުށަހަޅުއްވާނެ ކަމަށެވެ.

އަދުރޭ ވަނީ ރައީސް ޔާމީންގެ ނަންފުޅު ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސް ކޮޅުގައި އޮންނާނެ ކަމަށާއި ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދަވަނީ އެ ޔަގީން ކަމާއި އިތުބާރާއެކީގައި ކަމަށް ވިދާޅުވެފައެވެ. އަދި އެ ޔަގީން ކަމާއެކީގައި ރައީސް ޔާމީން ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ނިންމާލައްވާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.

ފަސް އަހަރުތެރޭ ވައުދު ނުފުއްދުމުން އިތުރު ފަސް އަހަރަށް އެދެން ނުޖެހޭ ކަމަށާއި ޔާމީން ވެރިކަމުން ފައިބައިވަޑައިގެންނެވީ ވައުދުތަކުގެ 99 ޕަސެންޓް ފުއްދަވާފައި ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި މި ސަރުކާރަށް ދައުލަތުގެ މާލިއްޔާ ދަވާލުން ނޫން ކަމެއް ނުކުރެވޭ ކަމަށާއި އަދި މިނިވަންކަން ނަގާލުމާއި ތަފާތު ދީންތަކަށް ފުރުސަތު ދިނުމާއި ރައްޔިތުންނަށް އޮޅުވާލައި ދޮގު ހެދުން ނޫން އިތުރު ކަމެއް ނުކުރެވޭ ކަމަށްވެސް އަދުރޭ ވަނީ ވިދާޅުވެފައެވެ.

އަދުރޭ ވިދާޅުވީ ނާގާބިލު ވެރިކަމެއް ގެންނަން ރައްޔިތުން ބޭނުންނުވާ ކަމަށާއި ރައްޔިތުން ބޭނުން ވަނީ އުފާވެރި ފާގަތި ދިރިއުޅުމެއް އުޅެން ކަމަށެވެ.

ކްރިމިނަލް ކޯޓުން ޔާމީނަށް ކުރި 11 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފު މައްސަލަ ހައިކޯޓުގައި ތާށިވެ ލަސްވާތީ، ޔާމީންގެ އިންތިހާބީ ހައްގު ކަށަވަރު ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލުމުން، އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ އެ މައްސަލަ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅާފައެވެ.

ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވޭނެކަން ކަށަވަރު ވާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މައްސަލަ އެމަނިކުފާނާ އެއްކޮޅަށް ނިމިގެންނެވެ. އަންނަ މަހުގެ 7 ވަނަ ދުވަހުގެ ކުރިން ޔާމީނާ އެއްކޮޅަށް މައްސަލަ ނުނިމިއްޖެ ނަމަ، މި އިންތިހާބުގައި ޔާމީނަށް ވާދައެއް ނުކުރެއްވޭނެއެވެ.