އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓަކު އަދި ކަނޑައަޅާފައި ނުވާ ކަމަށް ޕީޕީއެމްއިން ބުނެފިއެވެ.

ޕީޕީއެމްއިން އެހެން ބުނެފައި ވަނީ ރައީސް ޔާމީންގެ ރަނިން މޭޓަކަށް ބޭފުޅަކު ހަމަޖައްސަވައިފި ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ރިޕޯޓް ކޮށްފައި ވަނިކޮށެވެ.

ޕީޕީއެމްއިން ބުނީ ރަނިން މޭޓަކު ކަނޑައެޅުމަކީ ޕާޓީގެ އަސާސީ ގަވާއިދުން ރިޔާސީ ކެންޑިޑޭޓަށް ލިބިދޭ އިހުތިޔާރަކަށް ވީނަމަވެސް ލީޑާޝިޕްގެ ފަރާތުން ނަންތަކެއް ފޮނުވުމަށް ރައީސް ޔާމީން ވަނީ ލީޑާޝިޕްގައި އެދިވަޑައިގެންފައި ކަމަށެވެ. އެހެންނަމަވެސް ރަނިންމޭޓު ކަނޑައެޅުމަކީ ޕާޓިގެ އަސާސީ ގަވާއިދުން ރިޔާސީ ކެންޑިޑޭޓަށް ލިބިދޭ އިހުތިޔާރަކަށް ވާތީ ލީޑާޝިޕްގެ ފަރާތުން ވަކި ނަންތަކެއް ދިނުމުގެ ބަދަލުގައި ރިޔާސީ ކެންޑިޑޭޓް ބޭފުޅަކު ހިޔާރު ކުރެއްވުމަށް ދަންނަވަން ލީޑާޝިޕްގެ އިއްތިފާގުން މިރޭ ނިންމާފައިވާ ކަމަށް އެ ޕާޓީއިން ވަނީ ބުނެފައެވެ.

ޕީޕީއެމްއިން އިތުރަށް ބުނީ އެހެންކަމުން މިހާތަނަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިން މޭޓަކަށް ވަކި ބޭފުޅަކު ކަނޑައެޅިފައި ނުވާ ކަމަށެވެ.

ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، 11 އަހަރަށް ޖަލަށް ލާފައިވާ ޔާމީންގެ ފޯމު ހުށަހެޅުމަށްޓަކައި ޔާމީންގެ ސޮއި ބޭނުންވާތީ އެމަނިކުފާނާ ބައްދަލުކުރުމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން މަސައްކަތް ކުރިއެވެ. ނަމަވެސް ތަކެތި ބަލައި ފާސްކުރުމަށް އުޅުމުން އެކަމާ ޔާމީންގެ ވަކީލުންގެ ޓީމުން ދެކޮޅު ހެދިކަމަށް ބުނެ، ކަރެކްޝަނުން އެ ފުރުސަތެއް ނުދިނެވެ. އަދި މިއަދު އެމަނިކުފާނުގެ ކެންޑިޑަސީ ފޯމުގައި ކަރެކްޝަންސްގެ އެހީތެރިކަމާއެކު ވަނީ ސޮއިކުރައްވާފައެވެ.

ކްރިމިނަލް ކޯޓުން ޔާމީނަށް ކުރި 11 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފު މައްސަލަ ހައިކޯޓުގައި ތާށިވެ ލަސްވާތީ، ޔާމީންގެ އިންތިހާބީ ހައްގު ކަށަވަރު ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އިއްޔެ ބޭރުކޮށްލުމުން، އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ އެ މައްސަލަ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅާފައެވެ.

ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވޭނެކަން ކަށަވަރު ވާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މައްސަލަ އެމަނިކުފާނާ އެއްކޮޅަށް ނިމިގެންނެވެ. އަންނަ މަހުގެ 7 ވަނަ ދުވަހުގެ ކުރިން ޔާމީނާ އެއްކޮޅަށް މައްސަލަ ނުނިމިއްޖެ ނަމަ، މި އިންތިހާބުގައި ޔާމީނަށް ވާދައެއް ނުކުރެއްވޭނެއެވެ.