އެމްޑީޕީގެ ފަރާތުން ކުރިމަތިލައްވާފައިވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިންތިހާބީ އެޖެންޓަކަށް ރައްޔިތުން މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް ހަމަޖައްސައިފިއެވެ.

އިންތިހާބީ އެޖެންޓަކަށް ނާޝިޒު ހަމަޖައްސާފައި ވާއިރު މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު ކުރިއަށް ދަނީ ރައީސް ސޯލިހާއި, ނާޝިޒުގެ ކުށުގެ ރިކޯޑް ސާފުކުރުމުގެ މަސައްކަތެވެ.

މިދިޔަ ޖެނުއަރީގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައިވެސް ނާޝިޒް ވަނީ ރައީސް ސޯލިހުގެ ކެމްޕެއިން މެނޭޖަރުކަން ކުރައްވާފައެވެ.

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން އިންތިހާބަށް ކުރިމަތިލާ ކޮންމެ ކެންޑިޑޭޓަކު އެ މީހަކު އިންތިހާބަށް ކުރިމަތިލުމުގެ ކުރިން އެ މީހެއްގެ ރަސްމީ އިންތިހާބީ އޭޖެންޓަކު ކަނޑައަޅަން ޖެހެއެވެ.

ރައީސް ސޯލިހުގެ އިންތިހާބީ އެޖެންޓަކަށް ނާޝިޒު ހަަމަޖައްސާފައި ވާއިރު ޕީޕީއެމްގެ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިންތިހާބީ އެޖެންޓެއްގެ ގޮތުގައި ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ތޮލާލް ވަނީ ހަމަޖައްސާފައެވެ.

ތޮލާލަކީ ޔާމީނުގެ ވެރިކަމުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އަދި މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަން ވެސް ތޮލާލް ވަނީ ކުރައްވާފައެވެ. ޕީޕީއެމްއިން ޔާމީންގެ އިންތިހާބީ އެޖެންޓެއް މިއަދު އިއުލާން ކޮށްފައިވީ ނަމަވެސް 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވުއެކު އެމަނިކުފާނަށް އިންތިހާބުގައި ވާދަ ކުރެއްވޭނެ ފުރުސަތު ވަނީ ހަނިވެފައެވެ.