ށ. ފުނަދޫ ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަސައްކަތް ސިތުރަމާސް ހެވީ އިންޑަސްޓްރީސްއާއި ފްލެކްސްއިންކް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

ހެލްތު މިނިސްޓްރީން ބުނީ، މި މަޝްރޫއަށް 135 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށާއި މި މަސައްކަތް ސިތުރަމާސް ހެވީ އިންޑަސްޓްރީސްއާއި ފްލެކްސްއިންކް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައި ވަނީ 540 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް ކަމަށެވެ.

ރާއްޖޭގައި މިވަގުތު ހުރި ރީޖަނަލް ހޮސްޕިޓަލްތަކާއި އަތޮޅު ހޮސްޕިޓަލްތައް އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތްތައް ސަރުކާރުން ވަނީ ފަށާފައެވެ. އަދި އަތޮޅުތަކުގައި ހުރި ސިއްހީ މަރުކަޒުތަކީވެސް ރަށުފެންވަރުގައި އެކަށީގެންވާ ފަރުވާ ލިބޭނެ ތަނަކަށް ހެދުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

އެގޮތުން ގިނަ ރަށްތަކެއްގެ ސިއްހީ މަރުކަޒުގެ އިމާރާތުގެ މަސައްކަތާއި ބޭނުންވާ އިކުއިޕްމަންޓްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

ރާއްޖޭގެ ފަސް ސަރަހައްދެއްގައި ފަސް ޓާޝަރީ ހޮސްޕިޓަލް ތަރައްގީ ކުރަމުން އަންނައިރު ރާއްޖޭގެ އެކި ރަށްރަށުގައި 50 އެނދުގެ 6 ހޮސްޕިޓަލާއި 30 އެނދުގެ 12 ހޮސްޕިޓަލް ސަރުކާރުން އަންނަނީ ތަރައްގީ ކުރަމުންނެވެ.