ފުވައްމުލަކު ސިޓީގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާ ކުރުމަށާއި ފުވައްމުލަކުގައި ކުދި ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށް މައިކްރޯ ފައިނޭންސް ސްކީމެއް ތައާރަފް ކޮށްފިއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ދޫކުރުމަށް ނިންމައިފައިވާ މައިކްރޯފައިނޭންސް ސްކީމް އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ސްކީމް އިފްތިތާހު ކޮށްދެއްދީ ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއީލް ރަފީގެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ބުނީ މި ލޯން ސްކީމް ތައާރަފް ކުރުމުގެ ބޭނުމަކީ އެ ސިޓީގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާ ކުރުމަށާ، ފުވައްމުލަކުގައި ކުދި ވިޔަފާރި ފަށަން ބޭނުންވެފައި ތިބި ފަރާތްތަކަށް އެފުރުސަތު ފަހިކޮށް ދިނުން ކަމަށެވެ. އަދި ފުވައްމުލައް ސިޓީގެ ރައްޔިތުންގެ މާލިއްޔަތު އިތުރުކުރުމާއި ފަރުދުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުން ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

މި ސްކީމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައި ވަނީ އެންމެ ގިނަވެގެން މީހަކަށް ފަންސާސް ހާސް ރުފިޔާއެވެ. މި ލޯން ދައްކަން ފެއްޓުމުގެ ގްރޭސް ޕީރިއަޑެއްގެ ގޮތުގައި 3 މަސް ދުވަސް ލިބޭނެއެވެ. ލޯން އެއްކޮށް ދައްކާ ހަލާސް ކުރުމަށް 5 އަހަރު ދެއެވެ. މި ލޯނުގެ އިންޓަރެސްޓެއްގެ ގޮތުގައި 5 ޕަސެންޓް ނެގުމަށް ހަމަޖެހިފައި ވާއިރު މި ލޯން ސްކީމަށް ކަނޑައަޅާފައިވާ ޖުމްލަ ރައުސުލްމާލުގެ މަދުވެގެން 40 ޕަސެންޓް އަންހެނުންނަށް ހާއްސަކުރުމަށް ވަނީ ނިންމާފައެވެ.

މި ސްކީމްގެ ދަށުން 14 ދާއިރާއަކުން ލޯނު ދިނުމަށް ނިންމާފައިވާއިރު އެ ދާއިރާތަކަކީ ބިއުޓީ އެންޑް މޭކަޕް، ފޮޓޯގްރަފީ އާއި ވީޑިއޯގްރަފީ، އަތްތެރި މަސައްކަތް، ފެހުމާއި ޓެކްސްޓައިލްސްގެ މަސައްކަތެވެ، މީގެ އިތުރުން އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ، ކްރިއޭޓިވް އާޓްސް އާއި މިއުޒިކް، ކުޅިވަރާ ފިޓްނަސް، މަސްވެރިކަން، އިލެކްޓްރިކަލް ވަޔަރިން، މެއިންޓެނަންސާއި މެނުފެކްޗަރިން އަދި ދަނޑުވެރިކަމާ ވެލްޑިންގެ މަސައްކަތުގެ އިތުރުން ކާޕެންޓްރީގެ މަސައްކަތާ ޓޫރިޒަމް އަދި އަމިއްލަ އުފެއްދުންތަކެވެ.

ފުވައްމުލަކު ކައުންސިލުން ބުނީ ލޯނަށް އެދި ހުށަހަޅަން ޖެހޭ ފޯމާއި ލޯނާ ގުޅޭ އިތުރު މައުލޫމާތު ކައުންސިލުގެ ވެބްސައިޓާއި ކައުންސިލް އިދާރާގެ ރިސެޕްޝަނުން ލިބޭން ހުންނާނެކަމަށެވެ.