އުތުރުގެ ތިން އަތޮޅު ހއ، ހދ އަދި ށ އަތޮޅުގައި އިންޓަގްރޭޓަޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް، ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) އާ ގުޅޭ ސޯޝިއޯ އިކޮނޮމިކް ސްޓަޑީއެއް ހަދަން ޕްލޭނިން މިނިސްޓްރީން ނިންމައިފިއެވެ.
އެ މިނިސްޓްރީ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެފްޖޭއެސް ކޮންސަލްޓިން ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން މި ސްޓަޑީ ހަދަން ހަމަޖެހިފައި ވަނީ އެ އަތޮޅުގެ ރަށްރަށުގައި މި މަހާއި އަންނަ މަހުގެ ތެރޭގައި ކަމަށެވެ. މި ސްޓަޑީގެ މައިގަނޑު މަގްސަދަކީ އާރްޓީއެލް ފެރީ ބޭނުން ކުރާ އެކި ފަރާތްތަކާއި ރައްޔިތުންނަށް ބޭނުންވާ އެކި ހިދުމަތްތައް ފޯރުކޮށްދޭ ދައުލަތުގެ އެކި މުއައްސަސާތަކާއި، ހިދުމަތް ލިބިގަންނަ ފަރާތްތަކާއި، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި، ވިޔަފާރިތަކާއި ތަފާތު އެކި ސިނާއަތްތަކަށް ކުރާ އަސަރު ދެނެގަތުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އާރްޓީއެލް ހިދުމަތުގެ ސަބަބުން ސީދާ އަދި ނުސީދާކޮށް އަސަރު ކުރާ ފަރާތްތައް ދެނެގަތުމަށް ހަމަޖެހިފައި ވަނީ، ސާވޭގެ ޒަރިއްޔާއިން، ފޯކަސް ގްރޫޕް މަޝްވަރާ ތަކުންނާއި، އިންޓަވިއު ކޮށްގެން ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އެގޮތުން މި ދިރާސާއަށް ހޯދާ މައުލޫމާތުތައް އެއްކުރުމަށް އެފްޖޭއެސް ކޮންސަލްޓިންއަށް އެ ތިން އަތޮޅުގެ ރައްޔިތުން އެއްބާރުލުން ދިނުމަށް ޕްލޭނިން މިނިސްޓްރީން އިލްތިމާސް ކުރެއެވެ.
ދިވެހިރާއްޖެ ހައި-ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ފަރުމާ ކޮށްފައިވާ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ދަށުން އާރްޓީއެލް ފުރަތަމަ ފިޔަވަހީގެ ޒޯން 1 (ހއ. ހދ. ށ) ގެ ދަށުން އެ އަތޮޅުގައި ހިދުމަތް ދެމުން އަންނަ އިތު ޅ އަތޮޅަށް ވެސް ފެރީގެ ހިދުމަތް އަންނަނީ ދެމުންނެވެ. މީގެ އިތުރުން ގއ އަދި ގދ އަށް ވެސް ދާދި ފަހުން ވަނީ އާރްޓީއެލް ފެރީގެ ހިދުމަތް ދޭން ފަށާފައެވެ.