ގދ. ތިނަދޫގެ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން 6.5 ކިލޯ މީޓަރުގެ މަގުގައި ތާރު އަޅައި ނިންމާލައިފިއެވެ.

ތިނަދޫގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ކުރަމުންދަ ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އިން ބުނީ 6.5 ކިލޯ މީޓަރުގެ މަގުގައި ތާރު އަޅައި ނިންމާ، މި ވަގުތު ކުރިއަށް ދަނީ އަލަށް އިތުރު ކުރި 500 މީޓަރުގައި ތާރު އެޅުމުގެ މަސައްކަތް ކަމަށެވެ.

ތިނަދޫގެ މަގު ހެދުމުގެ މަސައްކަތް ދެ ފޭސްއަކަށް ބަހާލައިގެން ކުރިއަށްދާ މި މަޝްރޫއަކީ 78 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. ތިނަދޫގައި މަގު ހެދުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އެރަށުގައި 9.2 ކިލޯމީޓަރުގެ މަގުގައި މީގެކުރިން ތާރު ވަނީ ތާރު އަޅާފައެވެ. އަދި ދެވަނަ ފޭސްގެ މަސައްކަތް ފެށީ މިދިޔަ މޭ މަހުއެވެ.

މި މަޝްރޫއުގެ ދަށުން މަގުތަކުގައި ފެން ހިންދާ ނިޒާމު ގާއިމުކުރުމާއި، މަގު ބައްތި ޖެހުމާއި، އަދި މަގުތަކުގައި ޓްރެފިކް ނިޝާން ހަރުކުރުން ހިމެނެއެވެ.

ޕްރޮޖްކްޓްގެ މަސައްކަތް 450 ދުވަހުން ނިންމާގޮތަށް ހަވާލުކުރި ނަމަވެސް، ޕްރޮޖެކްޓް ކުރިއަށްގެންދިއުމުގައި ލަސްތަކެއް ވަނީ އައިސްފައެވެ. މަސައްކަތް އޭރު ލަސްވެގެންދިޔައީ، މަގުގެ އަޑީގައި ކޭބަލް ނެޓްވޯކްގެ މަސައްކަތްތަކެއް ކުރިއަށްގެންދަން ޖެހުމާއި ގުޅިގެން ކަމަށް އާރްޑީސީން ބުނެއެވެ.