3.6 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައި، މައްސަލަ ބަލަން ފަށައިފިއެވެ.
ކަސްޓަމްސް އިން ބުނީ މި މަހުގެ ހަތްވަނަ ދުވަހު އެ ތަކެތި އަތުލައިގެންފައި ވަނީ މި މަހުގެ ހަތްވަނަ ދުވަހު ޕޯސްޓުން ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލައި ފާސްކުރުމަށް ފަހު ކަމަށެވެ.
އިނގިރޭސިވިލާތުން ރާއްޖެ ގެނައި އެ ޕެކޭޖުގައި ޝައްކުކުރެވޭ އެއްޗެހި ހުރުމުން، ކަސްޓަމްސް އިން ބެލި ބެލުމުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި ދެ ޕެކެޓެއް ފެނިފައިވާ ކަމަށާއި، ކުރި ތަހުލީލުތަކުން ދައްކާ ގޮތުން އެ ތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯނަށް ޕޮޒިޓިވް ކަމަށް، ކަސްޓަމުން ބުންޏެވެ.
ޕެކިން ހިމެނޭހެން ޖުމްލަ 2.20 ގްރާމްގެ މި ތަކެތީގެ މަގުމަތީ އަގު 3.6 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ކަސްޓަމުން ބުންޏެވެ.
އެ ހިދުމަތުން ބުނީ، މި މައްސަލަ އިތުރަށް ތަހްގީގުކުރުމަށްޓަކައި ފުލުހުންނާ އެ ތަކެތި ހަވާލުކޮށްފައިވާ ކަމަށެވެ. މި މައްސަލައިގައި މީހަކު ހައްޔަރުކުރި ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނޫނެވެ.
އާންމު ގޮތެއްގައި ރާއްޖެ އަށް އެތެރެކޮށް ބޭނުންކުރާ މަސްތުވާތަކެތީގެ އެއް ބާވަތަކީ މެފެޑްރޯނެވެ.