ކޮމީޑިއަންގެ ދާއިރާއިން ރާއްޖޭގައި މަޝްހޫރުކަން ހޯދާފައިވާ އަހުމަދު ޝާހިދު ހަލީމް ނިޔާވެއްޖެއެވެ.

"ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުން ޝާހިދު ނިޔާވެފައި ވަނީ އައިޖީއެމް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ ފަރުވާ ހޯއްދަވަމުން ގެންދެވީ މުސްކުޅި ބައްޔަށެވެ.

ޝާހިދުވަނީ 1970ގެ އަހަރުތަކުގައި އެތައް ސްޓޭޖް ތަމްސީލުތަކެއް ކުޅުއްވާފައެވެ. އަދި އެއީ އޭނާގެ ރަން ދުވަސް ވަރުވެސްމެއެވެ. އެގޮތުން ޝާހިދު ކުޅުއްވި ހާއްސަ ތަމްސީލު ތަކުގެ ތެރޭގައި 'ތިން އުނދަގޫ' ތަމްސީލާއި 'ކުއްލި ދިއްލުމެއްގައި ސާހިބުގެ ބުމަރު' ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުންވެސް ޓީވީ މޯލްޑިވްސް އިން 1980ގެ ފަހުކޮޅު އުފެއްދި 'ބަހަބަރު' ޝޯ ގައި ކުޅުއްވި ހެއްވާ މަޖާ ރޯލަކީ ވެސް ދިވެހިންގެ ތެރޭގައި މަގުބޫލުވި ރޯލެކެވެ.

އަހުމަދު ޝާހިދު ހަލީމް ބަހަބަރު ޝޯގެ ތެރެއިން

ތަމްސީލު ކުޅުމުގެ އިތުރުން ޝާހިދަކީ ޅެންވެރިއެއް ވެސް މެ އެވެ. ޝާހިދުގެ ޅެންތައް 'އާބާރު' އާއި 'ފަތްތޫރަ' މަޖައްލާގައިވެސް ޝާއިއުކޮށްފައިވެއެވެ. ޝާހިދު ގިނަ ދުވަހު ވަޒީފާ އަދާކުރެއްވީ އެޓޯލްސް މިނިސްޓްރީގައެވެ. މީގެ އިތުރުންވެސް މަދަރުސަތުލް އަހްރާރުގައި މުދައްރިސްކަންވެސް އޭނާ ކުރައްވާފައި ވެއެވެ.

ޝާހިދަކީ ޓީވީ މޯލްޑިވްސްގެ ކުޅަދާނަ ހުށަހެޅުންތެރިޔާ މޫސާ ރިލްވާންގެ ބައްޕައެވެ. ސަރުކާރުން ވަނީ ޝާހިދަށް ތަމްސީލުކުޅުމުގެ ރޮނގުން 1986 ވަނަ އަހަރު އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމުވެސް ދެއްވާފައެވެ.