އިދިކޮޅު ޕީޕީއެމް/ޕީއެންސީއިން މިއަދު ހަވީރު ބޭއްވި ސައިކަލު ބުރުގައި ހަރަކާތްތެރިވި ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް އެ ހަރަކާތުގެ ބައިވެރިން ގެންގޮސްފައި ވަނީ އިދިކޮޅު ކޯލިޝަނުން މިއަދު ހަވީރު ސައިކަލު ބުރު ނިންމާލުމަށް ފަހު މަޖީދީ މަގުގައި އިށީނދެ މުޒާހަރާ ކުރަން ފެށުމާއެކުއެވެ. ސައިކަލު ބުރު ނިންމުމަށް ފަހު އެ ހަރަކާތް ހިންގުމުގައި އިސްކޮށް އުޅުނު ފަރާތްތަކުން އިރުޝާދު ދީފައި ވަނީ ސައިކަލުތަކުން ފޭބުމަށްފަހު މަޖީދީ މަގަށް ނުކުތުމަށެވެ.

އެއާއެކު ގިނަ ބަޔަކު ވަނީ މަޖީދީ މަގަށް ނުކުމެ، ޓްރެފިކް ހުއްޓޭ ގޮތަށް މަގުމަތީގައި އިށީނދެ މުޒާހަރާ ކުރަން ފަށާފައެވެ. މުޒާހަރާ ކުރަން ފެށުމާއެކު އެ ހަރަކާތުގައި ބައިވެރިވި 10 ފިރިހެނުންނާއި 4 އަންހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ޕީޕީއެމް އިން ބުންޏެވެ.

މުޒާހަރާގެ ބައިވެރިން ގޮވާލަމުން ދަނީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީން މިނިވަން ކުރުމަށެވެ. ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުންދިޔަ ނަމަވެސް ކޯލިޝަންގެ އިސްވެރިން ހިމެނޭހެން ގިނަ ބަޔަކު ދަނީ މަޖީދީ މަގުގައި އިށީނދެ މުޒާހަރާ ކުރަމުންނެވެ.

ޕީޕީއެމް މިއަދު ކުރިއަށް ގެންދިޔަ ސައިކަލު ބުރުގެ ތެރެއިން

ޕީޕީއެމް އިން މިއަދު ސައކަލު ބުރެއް އިންތިޒާމު ކުރިއިރު ދިވެހީންގެ "ސުލްހަވެރި މުޒާހަރާ" ގެ ނަމުގައި އެއްވުމަށް ބޭއްވުމަށް އެ ޕާޓީން އިއްޔެ މަސައްކަތް ކުރި ނަމަވެސް މޫސުން ގޯސްވެ ހަރަކާތް ވަނީ ކެންސަލް ކޮށްފައެވެ.

ޕީޕީއެމްގެ މެންބަރުން އަންނަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި އެކި ހަރަކާތްތައް ހިންގަމުންނެވެ. މި ހަރަކާތްތައް ހިންގަމުން އަންނަނީ އެމަނިކުފާނު ރިޔާސީ އިންތިހާބަށް ވާދަކުރުމަށް އެ ޕާޓީން ރިޔާސީ ޓިކެޓް ހަވާލުކޮށްފައިވާ އިރު، ޔާމީންގެ މައްޗަށް ސާބިތުކޮށްފައިވާ އާރަށް ވިއްކާލުމުން ކޮށްފައި ވާ ހުކުމް އިސްތިއުނާފް ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން މަސައްކަތް ކުރަމުންދާ ދަނޑިވަޅުގައެވެ.

ޕީޕީއެމް މިއަދު ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން

އިލެކްޝަންސް ކޮމިޝަނަށް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ފޯމް ހުށަހަޅަން ޖެހޭ މުއްދަތުގެ ސުންގަޑި ހަމަވުމުގެ ކުރިން އިސްތިއުނާފު މައްސަލަ ކާމިޔާބު ވެގެން ނޫނީ އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ ފުރުސަތެއް ނެތެވެ. ނަމަވެސް އެ މައްސަލަ ބައްލަވާ ފަނޑިޔާރުން މިހާރު ޗުއްޓީ ނަންގަވާފައިވާތީ މައްސަލަ ނުބަލައި ދިގުލައިގެން ދާ މައްސަލައިގައި ޕީޕީއެމުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ރައީސް ޔާމީނަށް ނުހައްގުން ދޭ އަނިޔާއެއްގެ ގޮތުގައި އެކަން ސިފަކުރައްވައި އެ ޕާޓީގެ ލީޑަރުން ވަނީ މީގެ ކުރިން ހައިކޯޓަށް ވެސް ވަޑައިގެންފައެވެ. ހަމައެއާއެކު އެ ޕާޓީން ހިންގި ބައެއް ހަރަކާތްތަކުގެ ތެރެއިން ގްރީން ޒޯނަށް ވަދެ އަޑު އުފުލާ އިހްތިޖާޖު ކޮށްފައި ވެސް ވެއެވެ.