އައްޑޫ ސީޓީގައި ބާއްވާ އުރީދޫ މަސް ރޭހުގެ ހޯސްޓް ޕާޓްނަރަކަށް އައްޑޫ ސިޓީ ކައުންސިލް ހަމަޖައްސައިފިއެވެ.
83 ޓީމާއެކު ރާއްޖޭގެ 4 ސިޓީގައި ބާއްވާ އުރީދޫ މަސްރޭސް ފަށަން ތައްޔާރު ވަމުން އަންނަ އިރު، އައްޑޫ ސިޓީގައި މަސް ރޭސް ބާއްވަން ހަމަޖެހިފައި ވަނީ އަންނަ އޮގަސްޓް މަހުގެ 18 ވަނަ ދުވަހުއެވެ. އުރީދޫން ބުނީ، އައްޑޫގައި ބާއްވާ މަސް ރޭހުގައި 13 ޓީމެއް ބައިވެރިވާނެ ކަމަށެވެ.
ކޮންމެ އަހަރަކު ވެސް އުރީދޫން ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތް ކަމަށްވާ އުރީދޫ މަސްރޭސް 2023 ގެ ރަޖިސްޓްރޭޝަން މަރުހަލާ ނިންމާލާފައިވާ އިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މަސްވެރިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ހީވެސް ނުކުރާ ވަރުގެ ތަރުހީބެއް ވަނީ މި މުބަރާތަަށް ލިބިފައެވެ. އެ ކުންފުންޏަށް 18 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ހަރަކާތްތަކުގެ ތެރެއިން، މަސްރޭސް ބާއްވަނީ އެހެން އަހަރުތަކަށް ވުރެ ފޯރިގަދަކޮށް އަދި ކުލަ ގަދަކޮށް ރާއްޖޭގެ ހުރިހާ ސިޓީއެއް ގައެވެ.
ކޮންމެ ސިޓީއެއްގައި ވެސް މުބާރާތް ފެށުމަށް ހަމަޖެހިފައިވާ ތާރީހުތައް:
- މާލެ: އޮގަސްޓު 4
- ކުޅުދުއްފުށި: އޮގަސްޓު 11
- އައްޑޫ: އޮގަސްޓު 18
- ފުވައްމުލަކު: އޮގަސްޓު 25
މި މުބާރާތުގައި މާލެއިން 34 ޓީމު ބައިވެރިވާ އިރު ކުޅުދުއްފުށި ސިޓީން 23 ޓީމާއި އައްޑޫ ސިޓީގެ 13 ޓީމަކާއި ފުވައްމުލައް ސިޓީގެ 13 ޓީމު ބައިވެރިވެއެވެ. އަދި ކޮންމެ ޓީމެއްވެސް އެ ޓީމެއްގެ ސިޓީގައި ޗެމްޕިއަންކަން ހޯދުމަށް ވާދަކުރާ އިރު މުބާރާތުގެ ފޯރި އާއި ވާދަވެރިކަން އެހެން އަހަރުތަކަށް ވުރެ ވަރުގަދަވާނެ ކަމަށް ބެލެވެއެވެ.
މި މުބާރާތުގައި އިނާމުގެ ގޮތުގައި ޖުމްލަ 160،000 ރުފިޔާގެ އިނާމު ދިނުމަށް ހަމަޖެހިފައި ވާއިރު، އޭގެ ތެރޭއިން ކޮންމެ ސިޓީއަކުން ވަނަތައް ހޮވަން ވަނީ ނިންމާފައެވެ. އެގޮތުން އެއްވަނަ ޓީމަށް 25،000 ރުފިޔާ، ދެ ވަނަ ޓީމަށް 10،000 ރުފިޔާ، 3 ވަނަ ޓީމަށް 5000 ރުފިޔާގެ އިތުރުން އެންމެ މޮޅު ފިރިހެން ކެޔޮޅަށް 1000 ރުފިޔާ އަދި އެންމެ މޮޅު އަންހެން ކެޔޮޅަށް 1000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.