ދަ ޑިމޮކްރެޓްސް އިން ރިޔާސީ ކެންޑިޑޭޓެއް ކަނޑައަޅަށް ބާއްވާ ރިޔާސީ ޕްރައިމަރީއަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ފޯމު ހުށަހަޅުއްވައިފިއެވެ.
ދަ ޑިމޮކްރެޓްސް އިން ރިޔާސީ ޕްރައިމަރީ އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިމަހު 20 ވަނަ ދުވަހުއެވެ. މި ފުރުސަތު ހުޅުވާލާފައި ވަނީ މިއަދުގެ ނިޔަލަށެވެ. މިހާތަނަށް މި ޕްރައިމަރީއަށް ވާދަކުރައްވަނީ އިލްޔާސް ލަބީބް އެކަންޏެވެ.
މި ޕްރައިމަރީ އޮންނާނީ މި މަހުގެ 28 ގައި ކަމަށް އެޕާޓީން ބުނެއެވެ. މި ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ މި އިއުލާން ކުރުމާ ހަމައަށް އެ ޕާޓީގެ މެންބަރުންނަށް ވުމަށް އެދި ޕާޓީ އަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ކަމަށް އެޕާޓީން ބުނެއެވެ.
ޑިމޮކްރެޓްސްއިން ރިޔާސީ ޕްރައިމަރީއަށް ހުޅުވާލާފައި ވާއިރު ޖޭޕީ ރަސްމީ އޮފީސް، ކުނޫޒުގައި ޖޭޕީ އާއި އެމްއެންޕީ އަދި ޑިމޮކްރެޓްސް ބޭއްވި ބައްދަލުވުމަށް ފަހު ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ، 3 ޕާޓީގެ މަޝްވަރާ އިން 1 ކެންޑިޑޭޓަކު ނެރޭނެ ފޯމިއުލާއެއް އެބައޮތް ކަމަށާއި ޕީޕީއެމް އާ ވެސް ވާހަކަ ދައްކާ އެންމެނަށް އެއްބަސް ވެވޭނަމަ އެއް ކެންޑިޑޭޓަކު ނެރުމަށް އެއްބަސްވެވިފައި ވާ ކަމަށެވެ.
3 ލީޑަރުން ނޫސްވެރިންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކައިގައި އިތުރަށް ވިދާޅުވީ، އެއް ކެންޑިޑޭޓަކު ނެރޭ ފޯމިއުލާއަށް މަސައްކަތް ކުރެއްވި ނަމަވެސް ޕީޕީއެމް އާއި އެމްއާރުއެމް އިން އެ ގޮތަށް އެއްބަސް ނުވާނަމަ އެ 3 ޕާޓީންވެސް ވަކިން ވާދަ ކުރާނެ ކަމަށެވެ.
ގާސިމް އިތުރަށް ވިދާޅުވީ، އެކަމުގައި އެ 3 ޕާޓީއަށް އެއްވިސްނުމެއް ނެރެވިފައި ވާ ކަމަށާއި ޕީޕީއެމް އާއި އެމްއާރުއެމްއާ އެކު މަޝްވަރާ ކުރައްވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓަކަށް ވާނެކަމަށް ބެލެވޭ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެއް ކެންޑިޑޭޓަކު ނެރެން މަސައްކަތް ކުރުމަށް 3 ޕާޓީއަށް ވެސް އެއްބަސްވެވޭ ކަމަށެވެ. އެހެން ކަމުން އިދިކޮޅު ޕާޓީތަކަށް އެއްބަސްވެވޭ ކެންޑިޑޭޓަކު ހޯދުމުގެ މަސައްކަތް ފެށިގެން ދާނެ ކަމަށެވެ. ނަޝީދު މިހެން ވިދާޅުވި ނަމަވެސް ދަ ޑިމޮކްރެޓްސް އިން ވަނީ ރިޔާސީ ކެންޑިޑޭޓެއް ކަނޑައަޅަށް ބާއްވާ ރިޔާސީ ޕްރައިމަރީ އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައެވެ.
އިދިކޮޅު ޕާޓީތަކުން އެއްބަސްވާ ކެންޑިޑޭޓެއްގެ ގޮތުގައި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ކެންޑިޑޭޓް ޔާމީން ހަމަޖެއްސުމަށް ޕީޕީއެމް އިން ވަނީ ގޮވާލާފައެވެ.