ފުލުހުންގެ އޮފިސަރަކަށް ގޯސްކޮށް ކަމެއް ކުރެވިއްޖެ ނަމަ އެކަން ބަލާ ފިޔަވަޅު އަޅާނެ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވީ، މިދިޔަ ބުރާސްފަތި ދުވަހު އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކުރިއަށް ގެންދިޔަ ސުލްހަވެރި އިހުތިޖާޖު ކަވަރު ކުރަމުން ދިޔަ ދެ ނޫސްވެރިއަކު ކޮށްޕާލައި ވައްޓާލި މައްސަލައާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން ރޭ ކުރެއްވި ޓްވީޓެއްގައި އިމްރާން ވިދާޅުވީ، ސިފައިންގެ ބޭކަލަކަށް ނުވަތަ ފުލުހުންގެ އޮފިސަރަކަށް ގޯސްކޮށް ކަމެއް ކުރެވިއްޖެ ނަމަ އެކަން ބަލާ އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ. ނަމަވެސް ސިފައިންނާއި ފުލުހުންގެ އަގުވައްޓާލުމަށް ކުރެވޭ މަސައްކަތަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އިމްރާން ވިދާޅުވިއެވެ.
ސޯޝަލް މީޑއާގައި އާންމުވި ވީޑިއޯ އަދި ފޮޓޯތަކުން ފެންނަ ގޮތުގައި އެ ވަގުތު އެ ސަރަހައްދުގައި ތިބި ނޫސްވެރިން ދުރަށް ޖައްސަން އުޅުމުގެ ތެރެއިން، އެ ތަނުގައި ހުރި ފުލުހަކު ވަނީ ނޫސްވެރިން ކޮއްޕާ ވައްޓާލައިފައެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ.
އެކަމާ ގުޅިގެން ފުލުހުން ބުނީ، ޖުމްހޫރީ މައިދާނުގައި މުޒާހަރާ ކަވަރުކުރަމުން ދިޔަ ނޫސްވެރިންނާމެދު އަމަލު ކުރި ގޮތް ބަލަމުންދާ ކަމަށެވެ.
އެކަމާ ގުޅިގެން އިދިކޮޅުން ވެސް އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައި ވާއިރު އިދިކޮޅުން ބުނީ ނޫސްވެރިންނަކީ އެމީހުންގެ މަސައްކަތުގެ މާހައުލުގައި ހިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދޭން ޖެހޭ ބަޔަކަށް ވާއިރު، އެކަމަށް ބެލުމެއް ނެތި ނޫސްވެރިންގެ މަސައްކަތަށް ހުރަސް އަޅާ ނޫސްވެރިންނަށް ތަކުރާރުކޮށް ފުލުހުން އަނިޔާ ކުރަމުން ގެންދިއުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނޭ ކަމެއް ނޫން ކަމަށެވެ.
އެހެންކަމުން މިމައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބަލައި ނޫސްވެރިންގެ ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އާއި، ބްރޯޑްކާސްޓިން ކޮމިޝަނާއި، މީޑިއާ ކައުންސިލް އަދި އިންޓެގްރިޓީ ކޮމިޝަނަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ.