ހީކުރިގޮތާ ހިލާފަށް އާދިއްތަ ދުވަސް ވެގެން ދިޔައީ މޫސުން ރީތި ކަނޑު މަޑު ދުވަހަކަށެވެ. ބޮޑު ޗުއްޓީ ފެށިގެން އައި ދުވަސްވަރު ކަމުން ދަތުރަށް ފުރަންވެފައި ތިބި ގިނަ ބަޔަކު އެކަމާ އުފާކުރިއެވެ. އަހަރެންވެސް ހުރީ އުފަލުންނެވެ. އަހަރެންނަށް ވުރެން ބޮޑަށް އުފާވެފައި ހުރީ އަހަރެންގެ 7 އަހަރުގެ ދަރިފުޅު މިސްކުއެވެ. މިއީ އަހަރެމެން ދެމައިން އަހަރެންގެ އަލަތު ފިރިމީހާ ނަޒީފްގެ ރަށަށް ކުރާ ފުރަތަމަ ދަތުރެވެ. އަހަރެމެންގެ ކައިވެންޏަށް އަދި މިވީ އެންމެ ތިންމަސް ދުވަހެވެ. އަހަރެންނަކީ ކައިވެނީގެ ބޭރުން ދަރިއަކު ލިބިފައި ހުރި އަންހެނަކަށް ވީތީ އަހަރެމެންގެ ކައިވެނި ކުރެވިގެން ދިޔައީ ނަޒީފްގެ މަންމަ ފާތިމާގެ ރުހުން ނުލިބިއެވެ. ނަމަވެސް ކައިވެންޏަށް ފަހު ފާތިމާ އަހަރެންނަށް ގުޅައި ވާހަކަ ދައްކާ ހަދާތީ މިދަތުރު އަހަރެން އަންނަން އެއްބަސްވީ އެއާއިލާގެ ފަރާތުން ގާތްކަން ފެނިދާނެކަމުގެ އުއްމީދާއި އެކުގައެވެ.

"ސުދާ"

ނަޒީފް އަހަރެން ކޮނޑުގައި ހިފާ ތަޅުވާލިއެވެ. އަހަރެންނަށް ބަލާލެވުނީ ނަޒީފްގެ މޫނަށެވެ. އަހަރެންގެ މޫނަށް ބަލަހައްޓައިގެން އިން މިސްކު ހިނިތުންވެލީ ކޮޅަށް ތެދުވަމުންނެވެ. ލާންޗު ރަށަށް ބަނދަރު ކޮށްފިކަން އަހަރެންނަށް ރޭކާލީ ދެނެވެ.

"ކޮންހިޔާލެއްގަ؟ ފައިބަން ހިނގާ. އެންމެން އެތިބީ އިންތިޒާރުގަ. "

އަހަރެމެންނަށް މަރުހަބާ ކިޔުމަށް ނަޒީފްގެ އާއިލާ އެތިބީ އައިސް ބަނދަރުގައެވެ. މިސްކު ވަރުގެ ހަތަރު ކުދިން އެތަނުގައި ތިއްބެވެ. ނަޒީފް ތެދުވަން އުޅުމުން އަހަރެންނަށް ހިފާލެވުނީ ނަޒީފް އަތުގައެވެ. ދައްކަން ބޭނުންވި ވާހަކަ އަހަރެންނަށް ނުދެއްކުނީ މިސްކު އަހަރެންގެ މޫނަށް ބަލަހައްޓައިގެން ހުރުމުންނެވެ.

"ހާސްނުވެބަލަ. މަށަށް ޔަގީން މަންމަ އެތިބަ ކުދިންނާއި މިސްކު ވަކި ތަފާތެއް ނުކުރާނެކަން "

އަހަރެންގެ ދުޢާއަކީވެސް އެއީއެވެ.

ނަޒީފްގެ އާއިލާއަކީ ބޮޑު އާއިލާއެކެވެ. ނަޒީފް އާއި އެއްބަނޑު އެއްބަފާ ތިން އަންހެނުން ތިބިއިރު އެންމެންވެސް ކައިވެނި ކޮށްގެން ދިރިއުޅެމުން ދަނީ އެގޯތިތެރޭގައި ކޮޓަރި އަޅައިގެންނެވެ. ތިން އަންހެނުންގެ އިތުރުން ނަޒީފް އާއި އެއްބަނޑު އެއްބަފާ އިތުރު ފިރިހެން ކޮއްކޮއެއް ހުރެއެވެ. ކުދިންގެ ބައްޕަ ނިޔާވެފައި ވީއިރު ފާތިމާއަށް މާމަ ކިޔާ ނުވަ ކުދިން މިހާރުވެސް އެ އާއިލާގައި އެބަތިއްބެވެ.

ނަޒީފްގެ އާއިލާއިން އަހަރެންނާއި މިސްކުއަށް ކީ ހޫނު މަރުހަބާއެކެެވެ. ގެއަށް އާދެވުމާއި އެކު ލަހެއްނުވެ އެހެން ކުދިންނާއި މިސްކުގެ ގުޅުން ބަދަހިވެގެން ހިނގައްޖެއެވެ.

"ބަލާލާފަ ހީވެސް ނުވޭ މިސްކުއަށް ވާހަކަ ނުދެއްކޭހެނެއް. ވިހޭ ފަހުންތަ އެހެންވީ؟ "

ސައިބޮއެ ނިމިގެން އެންމެން އައިސް އިށީނީ ސޯފާގައެވެ. މިސްކު އެހެން ކުދިންނާއި އެކު ކުޅެން އުޅޭތަން ބަލަން ހުރި އާޝިއާ ކޮށްލި ސުވާލުން އަހަރެންގެ ހިތަށް ފުން އަސަރުތަކެއް ކުރުވިއެވެ. އަހަރެންގެ ލޯބިވާ ދަރިފުޅަށް އެހެން ދިމާވީ ހުދު އަހަރެންގެ ކުށުންނެވެ. ދުނިޔޭގެ ލަދަށް ފިލަން އަހަރެން ކެއި ބާރުގަދަ ބޭހެއްގެ ސަބަބުން، އެކަމުގެ ވޭނާއި ކެކުޅުން އުފުލަން ޖެހިފައި ވަނީ ކުށެއް ނެތް މައުސޫމް އެ ދަރިފުޅަށެވެ.

"މިސްކު ހިތުގެ މައްސަލަވެސް ހުރޭ. ހިތުގަ ޖެހޭގޮތަށް ބަހެއް ނުބުނެ އަހަރުމެންވެސް އޭނަ މި ގެންގުޅެނީ."

އާޝިއާއަށް ޖަވާބު ދިނީ ނަޒީފެވެ. މިސްކުއަށް އެހެން ދިމާވީ އަހަރެންގެ ސަބަބުން ކަން ނަޒީފްއަކަށް ވެސް ނޭނގޭނެއެވެ.

"ކިހާ ދެރަދޯ. ކޮބާ އޭނަގެ ބައްޕަ؟"

ރީނާ ކުރި ސުވާލުން އަހަންނަށް ހީވީ އަހަރެންގެ މެއަށް ވިހަ ދުންޏެއް މީހަކު ހަރާލިހެނެވެ.

"ނެތް ދުނިޔެއަކު. ސުދާ ބައްޕަ ބުނީ އެކްސިޑެންޓެއް ވެގެންނޯ މަރުވީ."

ނަޒީފް ދެކޮނޑު އަރުވާލަމުން ބުނެލިއެވެ.

"ތިވާހަކަ ހުއްޓާލާފަ ހިނގާބަލަ ދަތުރެއް ރާވަމާ. ހާދަ ގިނަ ބަޔަކު މިހާރު ދަތުރު އެބަދެއޭ. އެނގޭތަ ރޭވެސް ފަހަލަ ތުނޑި އޮތީ ރެދަން ލާފަ. ހަނދުވަރު އެހާ ރީތި. ދޮންބެދައްތައަށް އެނގޭތަ ރާއްޖޭގައި ވެސް ނޯންނާނެ ފަހަލައަށް ވުރެ ދިގު ފަޅު ރަށެއް. އަހަރުމެން މިހާ ވަރަށް ދަތުރު ދާއިރުވެސް ފޫހި ނުވޭ. އެހާވެސް ރީތި ވާނެ. މިރަށު މީހުން ދަރިންފަތި ގޮވައިގެން ގިނައިން ދަތުރު ދާނީވެސް ރޭގަނޑާ ދިމާކޮށްފަ."

އަހަރެންނަށް ވެފައި އިން ގޮތް ފެނި ޝަނާ މައުޟޫއު ބަދަލުކޮށްލިއެވެ.

"ދިޔަވަރު ބޮޑުވާން ޖަހަނީ ރޭގަނޑު އެގާރައިގެ ފަހުން. ރޭގަނޑާ ދިމާކޮށްފަ ގޮސްގެން ބާރައިގެ ކުރިން ރަށަކަށް ނާދެވޭނެ. މޫސުންވެސް އުޅެނީ އެކަހަލަ މިކަހަލަ ގޮތަކަށް"

ފޯނަށް ބަލަހައްޓައިގެން އިން އާޝިއާގެ ފިރިމީހާ ރިލްވާން ބުނެލިއެވެ.

"ރަނގަޅު ވާނެ. އަހަރުމެން އެކަންޏެއް ނޫނެެއްނު ގޮސް އުޅޭނީ. ވިއްސާރަ ނުވިއްޔާ ރޭއެކީ މަޑުކޮށްފަ އަންނަން މާ ސަޅިވާނެ. އީދު ދުވަހު ދެގަނޑި ބައި ހާއިރު ފުރީމަ ހުންނާނީ ރަނގަޅަށް."

އާޝިއާ ޝައުގުވެރިކަމާއިއެކު ބުނެލިއެވެ.

"ދޮންބެދައްތައަށް ހެޔޮތަ ރޭގަނޑު ދަތުރު ދާން. ވަރަށް މަޖާވާނެ."

ރީނާ އަހާލުމުން އަހަރެން އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލީ ހިނިތުންވެލަމުންނެވެ.

"މިސްކް އަލަށްވެސް ފަޅުރަށަކަށް އަދި ނުދޭ. ރެދަން އެއީ އަހަންނަށްވެސް މުޅިން އާ އެއްޗެއް."

"އެހެންވިއްޔާ ތިވީ އަދި މާރަނގަޅަކަށްނު. މި ރާވާ ލެވުނީ ދޮންބެދައްތަގެ ހަނީމޫން ދަތުރު ކަމަށް ހީކޮށްލާ"

ޝަނާ ދިމާކޮށްލުމުގެ ރާގެއްގައި ބުނެލިއެވެ. އެންމެން ހޭން ފެށުމުން އަހަރެން ވަރަށް ބޮޑަށް ލަދުގަތެވެ. ދަތުރުގެ ކަންކަން ރޭވެމުން ދަނިކޮށް އެންމެންގެ ނަޒަރު ގޭގެ ދޮރަށް ހުއްޓުނީ އަންހެނަކު އައިސް ގެއަށް ވަނުމުންނެވެ. އޭނަ އައިސްފައި ހުރި ރުޅި އޭނާގެ ދެލޮލުން ހުރީ ފެންނާށެވެ. އަހަރުމެން މީހަކަށް ބަލާ ނުލާ ގޮސް އޭނަ ވަނީ ކޮޓަރިއަށެވެ.

"އެއީ ކުޑަބެދައްތަ، މީކް މަންމަ ޒާހިޔާ. އޭނަ އުޅޭނީ އަބަދުވެސް ކޮންމެވެސް ހަނގުރާމައެއްގަ"

ކުދިން ތަކުގެ ތެރޭ ކުޅެން ހުރި 4 އަހަރުގެ ފިރިހެން ކުއްޖަކު އަހަރެންނަށް ދައްކާލަމުން ރީނާ ބުނެލިއެވެ.

"ކުޑަބެގެ ގޮތުން އެހެން އެވަނީ. ކޮންމެވެސް އަންހެނެއް ގާތަށް ވަދެ އޭނަ އެއޮންނަނީ ކޮންމެ ރެއަކު. އަތުން ފައިން ކަމެއް ކޮށްގެން ރުފިޔާއެއް ލިބުނިއްޔާ އެ ލާރިކޮޅު ދުއްވާލަނީ ކޮންމެވެސް ނުބައި ކަމަކަށް. އެވަރުން ނުވެގެން ތަޅައިވެސް އެބަ ގަނޭ. ކުޑަބެދައްތައަށް ވެސް ކެތްވާނީ ވަކިވަރަކަށް."

"އަހަރެމެން ނުކައްކާނަމަ ކުޑަބެ ހުންނާނީ ނުވެސް ކައި. ގެއަށް އައިސް ވަނިއްޔާ ޒުވާބު. މަ ނަމަ ވަރިކޮށްލާފަ ފޮނުވާލާނީ މިއަދަކު ނޫން."

އާޝިއާއަށް ރައްދު ދިނުމަށް ރީނާ ދެއްކި ވާހަކައިން ރީނާ ޒާހިޔާދެކެ ވާފޫހި އަހަރެންނަށް ވިސްނުނެވެ. ނަމަވެސް އާޝިއާ ދެންވެސް ކުށްވެރި ކުރީ އެމީހުންގެ އެއްބަނޑު އެއްބަފައި މީހާއެވެ.

"މިހާރުދެން އެދެމީހުންގެ މަސްވެސް ކެވިއްޖެއްނު. ސުދާ، މިސްކު ހަޑިކޮށް އެހުރީ. ދޭ އޭނަ ފެންވަރުވާލަން. އަހަރެން މިއަންނަނީ ރަށުތެރެ ބަލާލާފަ. "

ދަބަސްތައް ކޮޓަރިއަށް ވެއްދުމަށްފަހު ނަޒީފް ރިލްވާނުއާއި އެކު ބޭރަށް ހިނގައްޖެއެވެ. މިސްކު ގޮވައިގެން އަހަރެން ކޮޓަރިއަށް ވަނުމުން އެހެން މީހުންވެސް އެކިއެކި ކަންކަމާ މަސްއޫލުވެގެން ހިނގައްޖެއެވެ.

އަހަރެން ހީކުރިގޮތާ ހިލާފަށް ނަޒީފްގެ އާއިލާވީ މިސްކުއަށް ހެޔޮ ބަޔަކަށެވެ. މިސްކުއަކީ ބަލިކުއްޖެއްކަން އެނގުމުން ހާއްސަ ސަމާލުކަމެއް އެމީހުން މިސްކުއަށް ދޭން ފެށިއެވެ. މިސްކު ދެކެ ލޯބިވާ ބޮޑު އާއިލާއެއް ލިބުމުން މިސްކު ވެސް ހުރީ އުފަލުން ފޮޅިފައެވެ. ދަތުރެއް ހަމަޖެހުނުކަން އެނގުމުން މިސްކު އަދި ވަކިން ބޮޑަށް އުފާ ކުރިއެވެ. އެރޭ މިސްކު ނިދަން ދިޔައީ ރީނާގެ ދެކުދިން ހީރުއާއި މާހީއާއި އެކު ރީނާގެ ކޮޓަރިއަށެވެ.

"އަހަރެން ދުވަހަކުވެސް ނުދެކެން މިސްކު އެހާ އުފަލުން އުޅެނިކޮށް. މިއަދު ބުނެފި ދެން މާލެ ނުދާނަމޭ. އަހަރެންވެސް ބޭނުމީ ބޮޑު ޗުއްޓީ ނިމެންދެން މިކޮޅުގަ މަޑުކުރަން"

އުފާވެރި ވަގުތުކޮޅަކަށްފަހު ނަޒީފްގެ މޭގައި ބޯ އަޅާލައިގެން އަހަރެން އޮތީ ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައެވެ.

"އަހަރެން ބުނީމެއްނު މަންމަމެން ގޯހެއް ނުވާނޭ. އެކަމަކު ކުޑަބެ ތަފާތުވާނެ މިގޭ އެހެން މީހުންނާ. އޭނަ ގޭ ހުރިއްޔާ ލޯ މަތިން މިސްކު ގެއްލުނަ ނުދޭތި."

"އެއީ ކީއްވެ؟"

އަހަރެންނަށް ނަޒީފްގެ މޫނަށް ބަލާލެވުނީ ހައިރާންވެފައެވެ.

"އަހަރެން މިކޮޅު ޕޮލިހުގަ އުޅުނު އިރު އޭނަ ކުޑަކުއްޖަކާ ބެހިގެން އައި މައްސަލައެއް. އަހަރެންނާ ޖެހުނީ އޭނަ ހައްޔަރު ކުރަން. އަހަރެންދެކެ ވަރަށް ރުޅިއަންނާނެ އޭގެ ފަހުން. އެރުޅީގަ އަހަރެންނާ ދިމާލަށް ވަޅި ހިފައިގެންވެސް އައި. އެ މައްސަލައިގަ ހެކި ނުލިބިގެން އެފަހަރު އޭނަ ސަލާމަތްވީ. "

ނަޒީފްގެ ވާހަކައިން އަހަރެންގެ ހިތުގައި އެތައް ސުވާލެއް އުފެދުނެވެ. ކުރީ ބައިގަ ނަޒީފް އަހަރެންގެ ސަމާލުކަމަށް އެކަން ގެނައީތީ އަހަރެން ހިތްހަމަ ޖެހުނެވެ. ވަރުބަލިވެފައި ހުރިވަރުން އެރޭ ދާދި އަވަހަށް ނަޒީފްއަށް ނިދިއްޖެއެވެ. މިސްކު ފެންނަން ނެތުމުން ނިދުން އަހަންނަށް ވީ ބޮޑުކަމަކަށެވެ. އެތަށް އިރަކު އެހެން އޮތުމަށްފަހު ކޮޓަރިން އަހަރެން ނުކުތީ ފެންފުޅިއެއް ބަލާ ބަދިގެއަށް ދިއުމުގެ ނިޔަތުގައެވެ. ބާރަޖަހައި ބޮޑުވެފައި ވުމުން އެވަގުތު ގޭތެރެއަށް ވެރިވެފައި އޮތީ މަރުފަދަ ހިމޭންކަމެވެ. ބަދިގެއަށް ވަދެ އައިސަލަމާރިން ފެންފުޅިއެއް ނަގައިގެން އަހަރެން ކޮޓަރިއާއި ދިމާލަށް ހިނގައިގަތީމެވެ.

"ސުދާ.."

އަހަރެންގެ ނަމުން މީހަކު ގޮވާލިހެން ހީވެގެން އަހަންނަށް ބަލާލެވުނީ އަޑު އައި ދިމާލަށެވެ. ސޯފާގައި އޮށޯވެގެން އޮތް ޒުވާނާ ތެދުވެ އިށީނީ ކަޅިވެސް ޖަހާނުލާ އަހަރެންގެ މޫނަށް ބަލަމުންނެވެ.

"ތޮލާ..."

އެތަށް އަހަރަކަށްފަހު އަހަރެންގެ ކުރިމަތިން ތޮލާލު ފެނުނުމުން އަހަރެންގެ ފައިދަށުން ހީވީ ބިންގަނޑު ދެމިގަތްހެނެވެ. އަހަންނަށް ލިބުނު ސިހުމަށްވުރެން ގަތް ބިރު މާބޮޑެވެ. މިދަންވަރު ގަނޑީ އައިސް އެގޭތެރޭގައި ތޮލާލު އޮންނަން ޖެހުނު ސަބަބެއް އަހަރެންނަކަށް ނުވިސްނުނެވެ.

"ސުދާ މިގޭގަ... ތީތަ ދޮންބެ އަންހެނުން؟"

ސިހުމާ ހާސްކަން ލިބުނީ އަހަރެންނަށް އެކަންޏެއްނޫނެވެ. ތޮލާލުވެސް ހުރީ އަހަރެން ފެނި ދެލޯ ބޮޑުވެފައެވެ. ތޮލާލުގެ ދުލުން ދޮންބެއޭ ބުނި އަޑު އިވުމުން އަަހަރެންގެ ބޮލަށް އެނބުރުން ނޭރީ ކިރިޔާއެވެ. އެންމެން އެކިޔާ ކުޑަބެ އަކީ ތޮލާލުކަން އެނގުމުން އަހަރެން ދުވެފައިގޮސް ވަނީ ކޮޓަރިއަށެވެ. އޭރު ބޮލުގައި ދެއަތް އަޅައިގެން ތޮލާލު ބަލަން ހުއްޓެވެ. އެވަގުތު ނަޒީފް ނިދާފައި އޮތްކަން އެއީ އަހަރެންގެ ނަސީބެވެ. ފޯނު ހިފައިގެން ގޮސް ފާހަނައަށް ވަދެ ތަޅުލި ގޮތަށް އަވަސް އަވަހަށް އަހަރެން ޒައިނާއަށް ގުޅާލީމެވެ. ޒައިނާއަކީ އަހަރެންގެ ހަޔާތުގައި ހިނގާދިޔަ ހުރިހާ ކެކުޅުމެއް އެެންމެ ގާތުން ދެކުނު އަހަރެންގެ އެކުވެރިޔާއެވެ. އަހަރެންގެ އަޑު ޖެހުމާއިއެކު ކަމެއް ގޯސްވެއްޖެކަން ޒައިނާއަށް އެގިއްޖެއެވެ. ވީގޮތް ކިޔައި ދިނުމުން ޒައިނާއަށް ވެސް ލިބުނީ ވަރަށް ބޮޑު ހައިރާންކަމެކެވެ.

"ސުދާއަށް ހަމަ ޔަގީންތަ އެއީ ތޮލާކަން؟ "

"އާއެކޭ.. އަހަންނަށް އޭނަ ނޭނގިދާނެތަ. މިސްކު ބައްޕައޭ އެއީ. ފުރަތަމަ އޭނަ ގޮވާލީމަ އަހަރެން ބަލާލީވެސް. އަހަރެން ފެނިފަ އޭނަވެސް ހުރީ ދެލޯ ބޮޑުވެފަ."

އެއް ފިޔަވަޅުމަތީ ހިމޭނުން ހުރުންވެސް އަހަރެންނަށް ވީ ވޭނަކަށެވެ.

"އޭނަ އަަހައިފިއްޔާ ބުނޭ މިސްކު އެއީ އެކުއްޖާއެއް ނޫނޭ"

ޒައިނާ އަވަސް އަވަހަށް ބުނެލިއެވެ.

"ޒައި ހަނދާން ނެތުނީތަ. ވިހާފަ ނަން ކިޔާފަ އަހަރުމެން ފޮޓޯވެސް ފޮނުވީމެއްނު އޭނައަށް. އަހަރުމެން އުއްމީދު ކުރީ ދަރިފުޅު ފެނިފަ އޭނަ އެނބުރި އަންނާނެ ކަމަށް. އެކަމަކު އަހަންނަށް ހެއްދެވި ނެހެއްދެވިއަށް ގޮވާލާފަ އޭނަ ފޯނު ކަނޑާލީ"

"އާނ... ދެން ކިހިނެއް ހަނދާނީ؟"

ކަންބޮޑުވެފައި ޒައިނާ ކުރި ސުވާލާއެކު އަހަރެންގެ ދެލޮލުން ކަރުނަ ހިލިގެން ހިނގައްޖެއެވެ.

"އަހަރެންނަކަށް ނޭނގެ. އަހަރެން ބޭނުމެއްނޫން އެންމެ ހިނދުކޮޅަކުވެސް މިގޭގަ މަޑުކުރަން. އަހަރެން ހީނުކުރަން މިހާ ދުވަސްކޮށްފަ އެ ހިޔަނި އަލުން އަހަންނާ އަރާ ހަމަކޮށްފާނެ ކަމަކަށް. ކައިވެނި ނުކޮށް މިހާ ދުވަހު ނިކަމެތި ހާލުގަ އުޅެފަ ހިތްވަރެއްކޮށް ދިރިއުޅުމެއް ހޯދި އިރުން ކިހާ މޮޅު މިޖެހުނު ކަންތައް؟. އޭނަ ނަޒީފްގެ ރައްޓެއްސަކަށް ވީނަމަވެސް އަހަރެންނަށް ހިތްހަމަޖެހިލައިގެން ހުރެވިދާނެ. އެކަމަކު ނަޒީފްގެ ކޮއްކޮއޭ އެއީ.."

އަހަރެން ރޯންފެށުމުން ޒައިނާ އަހަންނަށް އެތަށް ހިތްވަރަކާއި ނަސޭހަތެއް ދިނެވެ. ކެތްތެރިވުމަށް އެދި އާދޭސް ކުރިއެވެ. ތޮލާލު ކަމެއް ކޮށްފިނަމަ ތޮލާލުވެެެސް ބޭޒާރުވާނެކަން ޒައިނާ އަހަރެންނަށް ވިސްނައިދިނެވެ.

"އެއީ އޭނަ އޮޅިގެންވެސް ކުރާނެ ކަމެއް ނޫނެއްނު. ސުދާ އެއްވެސް ކަމަކާ ނުލާ ތި ބިރުގަންނަނީ. ނަޒީފްމެންގެ ކުރިމައްޗަށް ބޭޒާރު ވެދާނެތީ ސުދާއަށް ވުރެން މާބިރުގަންނާނެ ތޮލާ، އަހަންނަކަށް ހިޔެއްނުވޭ ތޮލާއަށް އިސްއުފުލާ ސުދާއަށް ބަލާލަންވެސް ކެރިދާނެހެނެއް "

ޒައިނާ ދެއްކި ވާހަކަ އަހަރެންނަށް ގަބޫލު ކުރެވުނެވެ. ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް އަހަރެންނަށް ލިބުނެވެ. އަހަރެން ފޯނު ކުރުކޮށްލީ ޒައިނާގެ ހިތްވަރުން ހިތްވަރު ހޯދައިގެނެވެ.

މުޅި ރޭ އަހަރެން ހުރީ ހޭލައެވެ. ނިދިން އަހަރެން ވަނީ މަހުރޫމު ވެފައެވެ. ތޮލާލު އަހަރެންނާއި ވާހަކަ ދައްކަން އުޅެފިނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ.؟ ހަގީގަތް އެންމެންގެ ކުރިމައްޗަށް ފަޅާއަރައިފި ނަމަ އަހަރެން އަނެއްކައިވެސް މިދުނިޔެއަށް ވާން އޮތީ ބޭޒާރެވެ.

"ސުދާ..."

ނަޒީފްގެ އަޑު އިވުމުން އަހަންނަށް ބަލާލެވުނީ ސިހިފައެވެ. އޭރުވެސް އަހަރެންނަށް ހުރެވުނީ ކޮޓަރި ތެރޭގައި ކޮޅަށެވެ. ނަޒީފް ހޭލީ ފަތިސް ނަމާދަށެވެ.

"ތީ ކޮންކަމެއް. ކޮޓަރިތެރޭ ތި ހިނގަނީޔޯ"

"ދެންމެ ހޭލެވުނީ. ހިތައް އެރީ މިސްކު ބަލައި ދާންވީ ބާއޭ."

ގަދަކަމުން ހިނިތުންވަމުން ނަޒީފް ކައިރީގައި އަހަރެން އިށީނީމެވެ.

"ކީއްކުރަން. ހޭލެވުނީމަ އަންނާނެއްނު."

ނަޒީފް ގޮސް ވަނީ ފާހާނައަށެވެ. ވުޟޫކޮށްލައިގެން ނަޒީފް މިސްކިތަށް ދިއުމުން އަހަރެންވެސް ނަމާދުކޮށްލީމެވެ. ނަމާދުކޮށް ނިމި ދެއަތް އުފުލާލި ވަގުތު ފަހަތުގައި މީހަކު ހުރިކަމުގެ އިހުސާސް ކުރެވިގެން ފަސް އެނބުރި އަހަރެންނަށް ބަލާލެވުނެވެ. އަހަރެންނާ ދިމާލަށް ބަލަހައްޓައިގެން ހުރި ތޮލާލު ފެނުމުން އަހަރެންނަށް ކޮޅަށް ތެދުވެވުނު ގޮތްވެސް ނޭގުނެވެ.

"އެ ދަރިތަ އެއީ؟"

ބޭޒާރު ވެދާނެތީ ތޮލާލު ހުރީ ހާސްވެ ބިރުގެންފައެވެ. ނަމަވެސް ތޮލާލު އެހާ ޖެހިލުން ކުޑަކޮށްފައި އައިސް ކޮޓަރިއަށް ވަދެގަތުމުން އަހަރެން ގަތް ބިރު މާބޮޑެވެ.

"ނ.. ނަޒީފް އަންނާނެ މިހާރު. މީހަކަށް ތޮލާ މިތަނުން ފެނިއްޖިއްޔާ....."

އަހަރެން ފެށި ވާހަކަ ހުއްޓާލަން ޖެހުނީ މަލާމާތުގެ ރާގަކަށް ތޮލާލު ހީލުމުންނެވެ.

"މިގޭ މީހުންނަށް އެކަން އަންގާކަށް ނޫންތަ ދޮންބެ ވާ ވައްދައިގެން ތިއުޅެނީ."

ތޮލާލު އަހަރެންގެ ވާހަކަ މެދުކަނޑާލިއެވެ.

"އާދޭސް ކޮށްފަ މިބުނީ މިތަނުން ދޭ. މީހަކަށް ފެނިއްޖިއްޔާ އެތައް ސުވާލެއް ކުރާނެ. އެމީހުންގެ ސުވާލުތަކަށް ޖަވާބު ދޭނެހާ ހިތްވަރެއް އަހަރެން ގަޔަކު ނެތް."

"މަ ގުޅާނަން. މަ ބުނާ ތަނަކަށް މަށާ ބައްދަލު ކުރަން އަންނާތި. ނައިއްޔާ ދެންވެސް މަ ވަންނާނީ މިކޮޓަރިއަށް."

އަހަރެންގެ މޫނަށް އިނގިލި ދިއްކޮށްލުމަށްފަހު ތޮލާލު ނުކުމެގެން ހިނގައްޖެއެވެ. އަނގަމަތީ އަތްއަޅާލަމުން އަހަރެންނަށް ތިރިވެވުނީ މުސައްލަ މައްޗަށެވެ. ހަތަރު އުދަރެސް މެދުގައި ފިތި އަހަރެން ބާރުވެއްޖެކަމުގެ އިހުސާސް އަހަރެންނަށް އެވަގުތު ދިޔައީ ކުރެވެމުންނެވެ. ތޮލާލުގެ މުސީބާތުން ސަލާމަތް ނުވެވޭނެކަން ރޭވެސް އަހަރެންނަށް އެނގުންވިއެވެ. ގޮތް ހުސްވެ ހަދާނެ ގޮތެއް ނޭނގި އަހަރެންނަށް ކުރެވުނު ހާވެސް ކަމަކީ ބޮލުގައި ދެއަތް އަޅައިގެން ހުރެ ރުއިމެވެ.

އެދުވަހު އާޝިއާ މެދުވެރިކޮށް އާއިލީ ވައިބަރ ގުރޫޕަށް ތޮލާލު ވަދެއްޖެއެވެ. ތިން އަހަރު ދުވަހަށް ފަހު އަމިއްލައަށް އެދިގެން ތޮލާލު އެ ގުރޫޕަށް ވަނުމުން އެންމެންވެސް ދިމާކޮށް ހީނ ހެދިއެވެ. ތޮލާލުގެ މަގުސަދަކީ އަހަރެންގެ ނަންބަރ ހޯދުންކަން އެނގޭ ހަމައެކަނި މީހަކީ އަހަރެންނެވެ. މާދަމާ ރެއަށް އާއިލީ ދަތުރެއް ރާވައިގެން އަހަރުމެން އުޅޭކަން އެނގުމާއިއެކު އެދަތުރު ދިއުމަށް ވެސް ތޮލާލު ވަގުތުން އާބަސް ބުނެފިއެވެ.

"މަށަށް ހުވަފެނެއްތަ މިފެންނަނީ. ނޫނީ ކުޑަބެއަށްތަ ހުވަފެނެއް ފެނިގެން ތިއުޅެނީ"

ޝަނާ ހިނިގަނޑަކާއި އެކު ފޮނުވާލި މެސެޖަށް ތޮލާލު އެއްވެސް ޖަވާބެއް ނުދިނެވެ.

"އެނޫން ވާގޮތަކީ. މިހާރު ހިތާވެގެން އެއުޅޭ އަޒޫވެސް މާދަމާ ރެއަށް އޮތީ ދަތުރު ރާވާފަ. އެ މަޖާ ނަގަން ދާން އެއުޅެނީ"

އިރުގަނޑަކަށްފަހު ޝަނާއަށް ޖަވާބު ދީ މެސެޖު ފޮނުވާލީ ޒާހިޔާއެވެ.

"ކުޑަބެ ކީއްކުރަން އިނދެގެން އުޅޭ އަންހެނެއްތަ އެއީ."

ހެނދުގެ ސަޔަށް ފަހު ހުރިހާ އަންހެނުން ބަދިގެ ތެރޭ އުޅެމުން ދިޔައީ މެންދުރަށް ކާއެއްޗެހި ރޯ ފިލުވުމުގައެވެ. މަސްގަނޑެއް ކޮށަށް އަހަރެންވެސް އެތަނުގައި އިނީމެވެ. ޝަނާ ރުޅިއައިސްގެން ޒާހިޔާއަށް އެއްޗެހި ކިޔަން ފެށުމުން އެމީހުންގެ ކަންކަމުގެ ތެރެއަށް ނުވަންނަން ޝަނާއަށް އެންގީ ފާތިމާއެވެ.

އަހަރެންނަށް މުޅި ދުވަސް ހުރެވުނީ ނެގިމަޑުވެފައެވެ. ތޮލާލު ގުޅާނެކަމަށް ބިރުން އަތުން ފޯނު ދޫކޮށްލަންވެސް އަހަރެން ހުރީ ނުކެރިފައެވެ. އެހެން ދުވަސް ދުވަހާ ހިލާފަށް މިއަދު ތޮލާލުވެސް ގިނަ ވަގުތު ހޭދަކުރަމުން ދިޔައީ ގޭގައެވެ. އޭނަގެ ނަޒަރު ގިނަ ވަގުތު ހުއްޓިފައި ހުންނަނީ ކުދިންތަކާ އެކު ގޭތެރޭ ކުޅެން އުޅެމުން ދިޔަ މިސްކުއަށެވެ. ވީވަރަކުން އަހަރެން މަސައްކަތް ކުރީ ތޮލާލު ނުފެންނަ ހިސާބެއްގައި ހުރެވޭތޯއެވެ. ނަމަވެސް ތޮލާލުގެ ކުރިމައްޗަށް މިސްކު ދޫކޮށްލާފައި ގޮސް ކޮޓަރީގައި ފިލަން އޮވެވޭކަށްވެސް ނެތެވެ.

"އެ ކީއްކުރަން މަސްދަތުރު ދަނީކީ. މާދަމާ އަހަރުމެން މިއުޅެނީ ދަތުރު ދާކަށް ނޫންތަ؟"

ރެއަށް އިރުއޮއްސެމުން ދަނިކޮށް ނަޒީފް އައިސް އޭނަގެ އެކުވެރިންނާއި އެކު މަސްބާނަން ދާން އުޅޭ ވާހަކަ ބުނުމުން އަހަރެންގެ ހިތް ބާރަށް ތެޅެން ފެށިއެވެ.

(ނުނިމޭ)