އަންނަ މަހު ހއ. ދިއްދޫގެ ބިން ހިއްކަން ފަށައި، އެ ރަށުގައި އެއާޕޯޓެއް ގާއިމްކޮށް، ކައިރި ރަށެއްގައި ޕިކްނިކް އައިލެންޑެއް ގާއިމްކުރުން ފަދަ ވައުދުތައް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެ ރަށަށް ވެވަޑައިގެންފިއެވެ.

ހއ. ގެ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެންމެ ފަހު މަންޒިލެއްގެ ގޮތުގައި ވަޑައިގަތީ އެ އަތޮޅުގެ ވެރިރަށް ދިއްދު އަށެވެ. ދިއްދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ދިއްދު އަށް ބޮޑެތި ވައުދުތަކެއް ވެވަޑައިގެން، އެ ރަށުގައި ހިންގަވާނެ ބައެއް ކަންކަން ހާމަކުރައްވައިފައެވެ.

ކުރިއަށް އޮތް ދައުރަށް އިންތިހާބުވެވަޑައިގެންފި ނަމަ، ދިއްދު އަށް ރައީސް ކޮށްދެއްވާނެ ކަމަށް ވިދާޅުވި ކަންކަން:

  • އެ ރަށުގައި އެއާޕޯޓެއް ގާއިމްކުރުން
  • ކައިރި ރަށެއް ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީކުރުން
  • ރަނގަޅު އާ ހޮސްޕިޓަލެއް އަޅައިދިނުން
  • ޔޫތު ސެންޓަރެއް ގާއިމްކޮށްދިނުން
  • ބަހުގެ ހިދުމަތް ފެށުން

މީގެ އިތުރުން، އެމަނިކުފާނު ވަނީ މިހާރު ވެސް ދިއްދޫގައި ހިނގަމުންދާ ބައެއް މަޝްރޫއުތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން އެ ރަށުގެ ޖޫނިއާ ކޮލެޖުގެ މަސައްކަތް ކުރެވެމުންދާ ކަމަށާއި، އެ ރަށުގެ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ނިމެމުންދާ ކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އަންނަ މަހު އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ފެށޭނެ ކަމަށާއި، ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި އެ ރަށުގެ ދެވަނަ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ފެށޭނެ ކަމަށެވެ.

"ދިއްދޫ ރައްޔިތުން ބޭނުންވާ ހުރިހާ ކަމެއްގައި އަމަލީ ސިފަ ޖައްސުވައިދޭނަން،" އެ ރަށަށް ސަރުކާރުން ކަންކަން ރާވާފައި ހުރިކަން ހާމަކޮށްދެއްވަމުން، ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ، މިދިޔަ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވާދަކުރައްވައި ކެމްޕެއިނަށް އެކި ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި އާންމުން އެތައް ޝަކުވާ އެއް ހުށަހެޅި ކަމަށް ވިދާޅުވެފައެވެ. އޭގެ ތެރޭގައި އަސާސީ ހިދުމަތްތައް ކަމަށްވާ ސާފު ބޯފެން ނުލިބުމާއި، ކަރަންޓު ރަނގަޅަށް ނުލިބުމާއި، ތައުލީމް ހާސިލްކުރުމަށް ރަނގަޅަށް ފުރުސަތު ދެވިފައި ނުވާ ކަމަށް އާންމުން ޝަކުވާ ކުރި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަމަވެސް މިހާރު އެ ޝަކުވާތަކުގެ އަޑެއް އެއްވެސް ވަރަކަށް އިވިވަޑައިނުގަންނަވާ ކަމަށާއި، ސަބަބަކީ ސަރުކާރުން އައިސް ވައުދުތައް ފުއްދަމުން ދިއުމުން ކަމަށް، ރައީސް ވިދާޅުވިއެވެ.