ބޯހިޔާވަހިކަން ލިބި އާންމު ރައްޔިތުން ސަރުކާރަށް ދައްކަމުންދާ ފައިސާ ޖުމްހުރީ ޕާޓިގެ ވެރިކަމެއްގައި މައާފުކޮށް ދެއްވާނެ ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެ ޕާޓީން 18-35 ނަމުގައި އެ ދެމެދުގެ އުމުރު ފިރާގައި ހިމެނޭ ޒުވާނުންނަށް ހާއްސަ އިވެންޓެއް ކުރިއަށް ގެންދާ އިރު ގާސިމް ދެއްވި ހާއްސަ މެސެޖުގައި ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި ރާއްޖޭގެ ހުރިހާ ދިމާލެއްގައި ސަރުކާރުން ބޯހިޔާވަހިކަމަށް ދީފައިވާ ފްލެޓާއި ގޯއްޗަށް ދައުލަތަށް ލާރި ދައްކާކަމަށް ވަންޏާ އެހުރިހާ ފައިސާއެއް މައާފުކޮށް ދެއްވާނެ ކަމަށެވެ. ހަމައެއާއެކު 20،000 ހައުސިން ޔުނިޓް އަޅުއްވާ ވާހަކަ ގާސިމް ވިދާޅުވެފައި ވާއިރު، އެ ހައުސިން ޔުނިޓްތައް ރާއްޖޭގެ އަތޮޅުތަކުގައި އަދި މާލޭގައި އެޅި ކަމުގައި ވިޔަސް އެ ތަންތަނުން ވެސް ދައުލަތަށް ފައިސާ ނުނަގާނެ ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި އެ ހައުސިން ޔުނިޓްތަކަކީ ގެދޮރަށް އެންމެ ބޭނުންވެފައިވާ ފަރާތްތަކަށް ދޭނެ ތަންތަން ކަމަށާއި އެ ތަންތަން ދޭ އިރު ދޭނީ ޕާޓީގައި ހުރި މީހަކަށް ބަލައިގެން ނޫން ކަމަށް ގާސިމް ވިދާޅުވިއެވެ. އެއީ ކޮންމެ ޕާޓީއެއްގައި ހުރި މީހެއް ކަމުގައި ވިޔަސް ކޮށްމެ މަގާމެއްގައި ހުރި މީހެއް ކަމުގައި ވިޔަސް އެކަމުގައި އެންމެ ބޮޑަށް ބޭނުންވެފައިވާ މީހުންނަށް ކޮށްދޭ ކަމެއް ކަމަށް ގާސިމް ވިދާޅުވިއެވެ.

ހަމައެއާއެކު ޖޭޕީން ރިޔާސީ އިންތިހާބެއް ކާމިޔާބު ކުރެއްވިއްޖެ ނަމަ، ވަޒީފާ އަދާކުރަން ކެރޭ ހުރިހާ މީހުންނަށް ވެސް، ވަޒީފާ އަދާ ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ގާސިމް ވިދާޅުވިއެވެ. ޒުވާނުންނަށް ވަޒީފާ އަދާ ކުރެވޭނެ މަގު ތަނަވަސްކޮށްދީ، އެކަމުގެ ސްކިލް ހުރި މީހުންނަށް ފައިސާގެ އެހީތެރިކަން ލިބޭނެ މަގު ތަނަވަސްކޮށްދީ ޒުވާނުން ތަނަވަސް މީހުންނަށް ހެދުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށް ގާށިމް ވިދާޅުވިއެވެ. އެ މީހެއްގެ ސްކިލް ހުރި ގޮތަކުން، ތައުލީމީ ފެންވަރު ހުރި ގޮތަކުން ރަނގަޅު ވަޒީފާތައް ލިބުމާއި ނުލިބުމަކީ އޮންނަ ގޮތް ކަމުގައި ވިޔަސް ޒުވާން އެއްވެސް މީހަކަށް ވަޒީފާއެއް ނުލިބި ހުންނާކަށް ނުޖެހޭނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

އެއާއެކު ތައުލީމީ ގޮތުން ރަނގަޅު ގާބިލް މީހަކަށް ހެދުމަށްޓަކައި، ހުރިހާ ދަރިވަރުންނަށް ވެސް، ވަކި ފަރުދެއް ނެތި އެންމެން ޝާމިލްވާ ގޮތަށް، ރާއްޖެއިނާއި، ރާއްޖެއިން ބޭރުން ތައުލީމް ހާސިލްކުރުމުގެ ހުރިހާ ފުރުސަތެއް ވެސް ތަނަވަސްކޮށް ދެއްވާނެ ކަމަށާއި އެއީ ވަރަށް އަހަންމިއްޔަތުކަން ދެއްވާނެ ކަމެއް ކަމަށް ގާސިމް ވިދާޅުވިއެވެ.

މީގެ އިތުރުން ބޮޑެތި ބަލިތައް ދިމާވާ ޒުވާނުންނަށާއި އަދި އެނޫން ފުރައިގެ މީހުންނަށް ވެސް ފުރިހަމަ ސިއްހީ ފަރުވާ ލިބޭނެ ގޮތް ހަމަޖައްސަވައި ދެއްވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ. ރާއްޖެއިން ބޭރަށް ދާނަމަ ހުރިހާ ހަރަދެއް ދެއްވާނެ ކަމަށާއި އޭގެތެރޭގައި އެހީތެރިއަކަށް ދާނެ ހަރަދާއި، ތިބުމުގެ ހަރަދާއި، ޑޮކްޓަރަށް ދެއްކުމުގެ ހަރަދާއި ގޭގެ ހަރަދާއި ކެއުންބުއިމުގެ ހަރަދު ދެއްވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ. މީގެ އިތުރުން ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުން މަދުކުރުމަށްޓަކައި މާލެ ސަރަހައްދު ހިމެނޭގޮތަށް ރާއްޖޭގެ ތިން ސަރަހަށްދެއްގައި ހުރިހާ ބަލި ބައްޔަށް ބޭސްފަރުވާ ކުރެވޭނެ ނިޒާމު ހަމަޖެއްސައްވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ. އެ މަސައްކަތް ކުރައްވާނީ އޭނާއަށް ވެރިކަން ލިބި އެންމެ ގިނަ ވެގެން 3 އަހަރު ތެރޭގައި ކަމަށް ގާސިމް ވިދާޅުވިއެވެ. އެ ވަސީލަތްތައް ގާއިމްކޮށް، ރާއްޖެއިން ބޭރަށް ދިޔުމުގެ ދަތި އުނދަގޫ ބުރަ މަސްއޫލިއްޔަތުން ރައްޔިތުން ސަލާމަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.