ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުހައްމަދު ސޯލިހު، ހއ. ވަށަފަރު ސިއްހީ މަރުކަޒަށް އިތުރުކުރި އިމާރާތާއި، ހއ. ދިއްދޫ ފުޓުބޯޅަ ދަނޑު ހުޅުއްވައިދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ދެތަން ހުޅުއްވައިދެއްވީ މިއަދު އެމަނިކުފާނު އެ ދެރަށަށް ކުރެއްވި ދަތުރުފުޅުގައެވެ.

ރައީސް އޮފީހުން ބުނީ، ވަށަފަރު ސިއްހީ މަރުކަޒަށް އިތުރުކުރި އިމާރާތުގެ މަސައްކަތް ކޮށްފައި ވަނީ ޕާފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކަމަށެވެ. މި އިމާރާތުގައި ޕަބްލިކް ހެލްތު ޔުނިޓަކާއި، އިދާރީ އޮފީސް އަދި ސްޓޯރޭޖު ރޫމްތަކާއި، ލޯންޑްރީ ހިމެނޭ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މީގެ އިތުރުން މިއަދު ރައީސް ހުޅުއްވައިދެއްވި ދިއްދޫ ފުޓުބޯޅަ ދަނޑަކީ ޓާފް އަޅައިގެން ތަރައްގީކޮށްފައިވާ ފުޓުބޯޅަ ދަނޑެއް ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ބުނީ، ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، ފަހުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ތަފާތުކުރުމެއް ނެތި، ރާއްޖޭގެ ރަށްރަށުގައި ސަރުކާރުން އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަމުންދާ ކަމަށެވެ.

ރައީސްގެ މި ދަތުރުފުޅުގައި އިއްޔެ ވަޑައިގެންނެވީ ހޯރަފުށީގެ އިތުރުން ހއ. ތުރާކުނާއި ހއ. އުލިގަމާއި ހއ. މޮޅަދޫ އާއި ހއ. އިހަވަންދޫއަށެވެ. އަދި މިއަދު ހއ. މާރަންދޫ އާއި ހއ. ތަކަންދޫ އާއި ހއ. ކެލާ އަދި ހއ. ވަށަފަރު އަދި ހއ. ދިއްދޫ އަށް ވަނީ ވަޑައިގަންފައެވެ.