ޕީޕީއެމްއާ ވާހަކަ ދައްކައިގެން އެންމެނަށް ރުހެވޭނަމަ 1 ކެންޑިޑޭޓަކު ނެރެން ޑިމޮކްރެޓްސް އާއި އެމްއެންޕީ އަދި ޖޭޕީ އެއްބަސް ވެފައިވަނިކޮށް ދަ ޑިމޮކްރެޓްސް އިން ރިޔާސީ ކެންޑިޑޭޓެއް ކަނޑައަޅަށް ބާއްވާ ރިޔާސީ ޕްރައިމަރީ އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޑިމޮކްރެޓްސް އިން ބުނީ، ރިޔާސީ ޕްރައިމަރީ އޮންނާނީ މި މަހުގެ 28 ގައި ކަމަށާއި ޕްރައިމަރީ އަށް ކުރިމަތިލާން ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 22 ގެ ނިޔަލަށް ކަމަށެވެ.

މި ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ މި އިއުލާން ކުރުމާ ހަމައަށް އެ ޕާޓީގެ މެންބަރުންނަށް ވުމަށް އެދި ޕާޓީ އަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ކަމަށް އެޕާޓީން ބުނެއެވެ.

އިއްޔެ ޖޭޕީ ރަސްމީ އޮފީސް، ކުނޫޒުގައި ޖޭޕީ އާއި އެމްއެންޕީ އަދި ޑިމޮކްރެޓްސް ބޭއްވި ބައްދަލުވުމަށް ފަހު ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ، 3 ޕާޓީގެ މަޝްވަރާ އިން 1 ކެންޑިޑޭޓަކު ނެރޭނެ ފޯމިއުލާއެއް އެބައޮތް ކަމަށާއި ޕީޕީއެމް އާ ވެސް ވާހަކަ ދައްކާ އެންމެނަށް އެއްބަސް ވެވޭނަމަ އެއް ކެންޑިޑޭޓަކު ނެރުމަށް މިއަދު އެއްބަސްވެވިފައި ވާ ކަމަށެވެ.

3 ލީޑަރުން ނޫސްވެރިންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކައިގައި އިތުރަށް ވިދާޅުވީ، އެއް ކެންޑިޑޭޓަކު ނެރޭ ފޯމިއުލާއަށް މަސައްކަތް ކުރެއްވި ނަމަވެސް ޕީޕީއެމް އާއި އެމްއާރުއެމް އިން އެ ގޮތަށް އެއްބަސް ނުވާނަމަ އެ 3 ޕާޓީންވެސް ވަކިން ވާދަ ކުރާނެ ކަމަށެވެ.

ގާސިމް އިތުރަށް ވިދާޅުވީ، އެކަމުގައި އެ 3 ޕާޓީއަށް އެއްވިސްނުމެއް ނެރެވިފައި ވާ ކަމަށާއި ޕީޕީއެމް އާއި އެމްއާރުއެމްއާ އެކު އެކަމުގައި މަޝްވަރާ ކުރައްވާނެ ކަމަށެވެ.

އެމްއެންޕީގެ ލީޑަރު ކާނަލް މުހައްމަދު ނާޒިމް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިންމަން ޖެހޭކަމަށް 3 ބޭފުޅުންނަށް ވެސް އެއްބަސްވެވަޑައިގެންނެވޭ ކަމަށާއި ގައުމު މިހާރު އޮތް ހާލަތުންވެސް އެކަން އެގޮތަށް ކުރަން ޖެހޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓަކަށް ވާނެކަމަށް ބެލެވޭ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެއް ކެންޑިޑޭޓަކު ނެރެން މަސައްކަތް ކުރުމަށް 3 ޕާޓީއަށް ވެސް އެއްބަސްވެވޭ ކަމަށެވެ. އެހެން ކަމުން އިދިކޮޅު ޕާޓީތަކަށް އެއްބަސްވެވޭ ކެންޑިޑޭޓަކު ހޯދުމުގެ މަސައްކަތް ފެށިގެން ދާނެ ކަމަށެވެ.

އިދިކޮޅު ޕާޓީތަކުން އެއްބަސްވާ ކެންޑިޑޭޓެއްގެ ގޮތުގައި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ކެންޑިޑޭޓް ޔާމީން ހަމަޖެއްސުމަށް ޕީޕީއެމް އިން ވަނީ ގޮވާލާފައެވެ.