ވިލިމާލޭގައި ސްޓެލްކޯގެ އިތުރު ޓްރާންސްފޯމަރެއް ބަހައްޓަން އެ ކުންފުނިން ހުށަހެޅި ބިން ނުދޭން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
ސްޓެލްކޯ އިން ހުށަހަޅާފައި އޮތީ ވިލިމާލޭގައި ހުރި އިންޖީނުގެއާ ޖެހިގެން އޮތް ބިމުން 30 ފޫޓު 30 ފޫޓުގެ ބިމެއް ހަމަޖައްސައިދިނުމަށެވެ.
މާލެ ސިޓީ ކައުންސިލްގެ މިއަދު ބައްދަލުވުމުގައި ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ވިދާޅުވީ، ސްޓެލްކޯ އިން ބޭނުންވާ ބިން ވަކި ސަރަހައްދަކުން ހޯދަން މަސައްކަތް ކުރަނީ އެ ކުންފުންޏަށް ވިލިމާލެ އިން މިހާރު ދީފައިވާ ބޮޑު ބިމަށް ޖާގަ އިތުރުކުރުމުގެ ބޭނުމުގައި ކަމަށެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު ސައިފް ފާތިހު ވިދާޅުވީ، ސްޓެލްކޯ ކަހަލަ ކުންފުންޏަކުން މާލާގެ އެކި ސަރަހައްދުން ބިން ހޯދުމަށް އެދޭއިރު ދިގު މުއްދަތުގެ ޕްލޭނެއް އޮންނަން ވާނެ ކަމަށެވެ.
ނަމަވެސް ސްޓެލްކޯ އިން ބިން ބޭނުންވެގެން އެދެނީ ކުއްލިއަކަށް ކަމަށާއި ޓްރާންސްފޯމަރު ބަހައްޓަން ސްޓެލްކޯ އަށް ދޫކުރާ ބިންތަކުގައި ވިޔަފާރި އުސޫލުން ކަންކަން ކުރާ ކަމަށް ވެސް ސައިފް ތުހުމަތުކުރެއްވިއެވެ.
މިހާރު އިންޖީނުގެ ހިންގަމުން އަންނަ ބިމުގައި ޓްރާންސްފޯމަރު ބެހެއްޓުމަށް އެންގުމަށާއި އެ ތަނުގައި ނުބެހެއްޓޭނަމަ އިތުރަށް މަޝްވަރާ ކުރުމަށް މާލެ ސިޓީ ކައުންސިލުން މިއަދު ވަނީ ފާސްކޮށްފައެވެ. އަދި، ސްޓްލެކޯއިން ކުރިއަށް އޮތް ތިން އަހަރަށް ބޭނުންވާ ޖާގައިގެ ޕްލޭނެއް ހޯދުމަށް ވެސް ވަނީ ނިންމާފައެވެ.
ބިން ހަމަޖެއްސުމުގައި މާލެ ސިޓީ ކައުންސިލާއި ސްޓެލްކޯއާ ދެމެދު މިފަހަކަށް އައިސް ހިޔާލު ތަފާތުވުންތައް އުފެދިފައިވާއިރު ސްޓެލްކޯއިން ތިން ޓްރާންސްފޯމަރެއް ބަހައްޓަން އެދުނު ބިމެއް ނުދިން މައްސަލައެއް މީގެ ކުރިން ވެސް ޖެހުނެވެ.