މިދިޔަ މެއި މަހު ތައިލޭންޑްގައި ބޭއްވި އާންމު އިންތިހާބު ކާމިޔާބު ކުރެއްވި ކެންޑިޑޭޓަށް ބޮޑުވަޒީރުކަން ނުދޭން ތައިލޭންޑްގެ ގާނޫނު ހަޑާ މަޖިލީހުން ދެކޮޅު ހަދައިފިއެވެ. އަސްކަރިއްޔާގެ ބާރު އޮންނަ ތައިލޭންޑްގެ ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާއަށް ހާޒިރު ވި 715 މެންބަރުންގެ ތެރެއިން 395 މެންބަރުން ވޯޓު ދިނީ އިންތިހާބު ކާމިޔާބު ކުރެއްވި ޒުވާން ލީޑަރު ޕިޓާ ލިމްޖަރޯންރަޓް އަށް ތާއީދު ނެތް ކަމަށެވެ. ތާއީދު އޮތް ކަމަށް ލިބިވަދައިގަތީ 312 ވޯޓެވެ.

އޭނާ އިންތިހާބުވި ގޮތާ މެދު މިހާރު އިލެކްޝަން ކޮމީޝަނުން ސުވާލު އުފައްދާ ކޯޓަށް ދިޔުމުން ކޯޓުން ވަނީ ގާނޫނު ހަދާމަޖިލީހުގައި އޭނާ ތަމްސީލު ވުން ވަގުތީ ގޮތުން ސަސްޕެންޑް ކޮށްފައެވެ. އިލެކްޝަން ކޮމިޝަނުން ބުނަމުން ދަނީ އޭނާ އިންތިހާބަށް ނިމުވެ ވަޑައިގެންނެވި އިރު މީޑިއާ ކުންފުންޏެއްގެ ޝެއާ ދޫކޮށްލައްވާފައި ނުވާ ކަމަށާއި އެއީ އިންތިހާބާ ބެހޭ ގާނޫނުތަކާ ހިލާފު ކަމެއް ކަމަށެވެ.

މި މައްސަލަގައި ޕިޓާ ވިދާޅުވެފައި ވަނީ އޭނާ ގާނޫނާ ހިލާފު އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށާއި އިކެލްޝަން ކޮމިޝަނުން އަވަސް އަރުވާލައިގެން ކޯޓަށް ވަނީ ކަމަށެވެ.

އޭނާ ތަމްސީލު ކުރެއްވި މޫވް ފޯވާޑް ޕާޓީ އިންތިހާބަށް ނިކުތީ ތައިލޭންޑްގައި ދެމެމުން އަންނަ އަސްކަރި ވެރިކަން ނިމުމަކަށް ގެނެސް ރިފޯމް ކުރައްވައި ބާރުތައް ލާމަރުކަޒު ކުރައްވައި އެއްވެސް ބޭފުޅަކަށް އަތްލާން ކެރިވަޑައިގެންފައި ނުވާ ރަސްކަމުގެ ނިޒާމުތަކާއި އުސޫލުތައްވެސް ރިފޯމް ކުރެއްވުމުގެ ވައުދާ އެކުގައެވެ.

70 މިލިއަން މީހުންގެ އާބާދީއެއް އޮތް ތައިލޭންޑްގައި ޕިޓާ ވަނީ ބޮޑު ކާބިޔާބީއެއް ހޯއްދަވާފައެވެ. މިއީ 2014 ގައި އަސްކަރިއްޔާއިން ބަޣާވާތެއް ގެނެސް ވެރިކަން އަތުލިފަހުން ބޭއްވި އިންތިހާހެއްގައި އަސްކަރިއްޔާގެ ތާއީދު ނެތް ކެންޑިޑޭޓަކު އިންތިހާބު ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ.

ކޯޓާއި މަޖިލީހުގެ ނިންމުމާ ގުޅިގެން ޕިޓާ އަށް ތާއީދު ކުރާ ފަރާތްތަކާއި ގުޅިފައިވާ ޕާޓީތަކުން މިހާރު ވަނީ މުޒާހަރާ އަށް ނިކުމެފައެވެ.

ޕިޓާ އަކި ހާވަޑް ޔުނިވާސިޓީން ގްރެޖުއޭޓް ވެފައި ވާ އުމުރުން 42 އަހަރުގެ ޒުވާން ލީޑަރެކެވެ. ޒުވާނުންގެ މެދުގައި އޭނާގެ މަގުބޫލުކަން ބޮޑެވެ.

ތައިލޭންޑް ގައި ސަރުކާރެއް އެކުލަވާލުމަށްޓަކައި މަޖިލީހުގެ މަތި ގެއާއި ތިރި ގެ އެއްކޮށް 375 ގޮނޑި ހޯދަން ޖެހެއެވެ. މިހާރު ދެ ގެ އެއްކޮށްލީމައި 749 ގޮނޑި ހިމެނެއެވެ. އެތަނުން މަތި ގޭގެ ކޮންޓްރޯލް މިހާރުވެސް އޮތީ 250 މެންބަރުން ތަމްސީލު ކުރާ އަސްކަރިއްޔާ އަށެވެ.

މި މައްސަލަ ކޮޅެއްގައި ނުޖެހި ދިގުލައިފި ނަމަ ލޭއޮހޮރުވުން ހިނގާނެ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެފައި ވާ އިރު، އިލެކްޝަން ކޮމިޝަނާއި މަޖިލީހުން އަދި އޮތީ ދޫދޭގޮތަކަށް ނޫނެވެ.