ރާއްޖޭގެ 155 މިސްކިތެއްގައި ސޯލާ ޕީވީ ނިޒާމު ގާއިމުކުރުމަށް ބޭނުންވާ ސޯލާ ޕީވީ ސިސްޓަމް ފޯރުކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި އެންވަޔަރަމަންޓް މިނިސްޓްރީގެ އެދުމުގެ މަތިން 155 ރަށެއްގެ 155 މިސްކިތަށް ސޯލާ ޕީވީ ސިސްޓަމް ސަޕްލައި ކޮށްދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ.

އަދި މި މަސައްކަތުގެ ޝަރުތު ހަމަވާ ބަޔަކު ހޯދުމުގެ ކަންކަން ކުރިއަށްދާނީ ނެޝަނަލް ކޮމްޕެޓިޓިވް ބިޑިން އުސޫލުގެ ދަށުން ކަަމަށެވެސް އެ އިއުލާނުގައި ވެއެވެ.

މީގެ އިތުރުންވެސް ބީލަމުގައި ބައިވެރިވުމަށް ދައްކަންޖެހޭ ފީ ބަލައިގަތުން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށާއި ބިޑް ސެކިއުރިޓީގެ ގޮތުގައި 50،000 ރުފިޔާ ހުށަހަޅަންޖެހެއެވެ.

އަދި ބިޑުތައް ހުޅުވުން އޮންނާނީ އަންނަ މަހުގެ 17 ވަނަ ދުވަހު ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައި ވެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ.

އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން މިސްކިތްތައް އޭސީ ކުރުމަކީ މި ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެއް ނަމަވެސް ކުރިއަށް އޮތް ތިން އަހަރުތެރޭގައި މިސްކިތްތަކުގައި ސޯލާ ޕެނަލް ހަރުކޮށް ނިންމާނެ ކަމަށް އެ މިނިސްޓްރީން މީގެ އަހަރެއް ކުރިން ވަނީ ބުނެފައެވެ.