ހއ. އިހަވަންދޫގެ އުމްރާނީ ތަރައްގީއަށް މި ސަރުކާރުން ކުރިއަށް ގެންދިޔަ ގިނަ މަޝްރޫއު ތަކެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު، އިފްތިތާހް ކޮށްދެއްވައިފިއެވެ.

އިއްޔެ އެމަނިކުފާނު ތިލަދުންމައްޗަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އިހަވަންދޫގެ ބަނދަރު ހުޅުއްވާދެއްވާފައި ވަނީ ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މިސަރުކާރުން، ހއ. އިހަވަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންގޮސްފައި ވާއިރު މިމަޝްރޫގެ ދަށުން، ބަނދަރު ފުޅާކޮށް، 251 މީޓަރުގެ ބޭރުތޮށިލައި 178 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ވަނީ ޖަހާފައެވެ.

އަދި ބޭރުތޮއްޓަށް އެރުމަށްޓަކައި ބުރިޖެއް ހެދުމުގެ އިތުރުން، 121 އަކަމީޓަރުގެ ރޭމްޕެއް ބަނދަރުގައި ވަނީ ހަދާފައެވެ. މީގެ އިތުރުން މިމަޝްރޫއުގެ ދަށުން ނެރު ބައްތި އާއި ބަނދަރު ބައްތި ޖަހައި، ޕޭވްމެންޓް ހަދާފައި ވެއެވެ.

އިހަވަންދޫގެ މަލްޓިޕާޕަސް ހޯލު ހުޅުއްވައިދެއްވުން

މީގެ އިތުރުންވެސް ރައީސް ވަނީ އިހަވަންދޫ ފެނަކަ އޮފީސް އިމާރާތާއި، އިހަވަންދޫ ސްކޫލުގައި އަލަށް އިމާރާތް ކުރި މަލްޓިޕާޕަސް ހޯލާއި، ކޮމިއުނިޓީ ސެންޓަރު ހުޅުއްވައި ދެއްވާފައެވެ. ފެނަކަ އޮފީސް އިމާރާތަކީ އެއްފަހަރާ 50 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ، ޖާގަައިގެ ގޮތުން ތަނަވަސް އިމާރާތެކެވެ.

އިހަވަންދޫ ސްކޫލުގެ މަލްޓިޕާޕަސް ހޯލުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްގެން ނިންމާފައި ވާއިރު ކޮމިއުނިޓީ ސެންޓަރު އިމާރާތް ކޮށްފައި ވަނީ، ޓޫއޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލު ކޮށްގެންނެވެ. މިކޮމިއުނިޓީ ސެންޓަރަކީ، ކުޅިވަރު ކުޅުމުގެ އިތުރުން، ޖަމިއްޔާތަކަށް މަސައްކަތް ކުރެވޭނެ ޖާގަ ތަނަވަސް ކުރެވިފައިވާ އެންމެ ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްފައިވާ ސެންޓަރެކެވެ.

އިހަވަންދޫގެ މަލްޓިޕާޕަސްސް ހޯލު ހުޅުއްވައިދެއްވުމުގެ ތެރެއިން

ސަރުކާރުން ބުނީ ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، ފަހުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ މަގު ފަހިކޮށްދިނުމަށްޓަކައި، ތަފާތުކުރުމެއް ނެތި، ރާއްޖޭގެ ރަށްރަށުގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ސަރުކާރުން ދަނީ ހިންގަމުން ކަމަށެވެ.