ވަޒީފާއެއް ނުލިބި ކުރާނެ ކަމެއްނެތި ހުންނަން ނުޖެހި އާމްދަނީ ލިބޭނެ މަގު ކަށަވަރު ކޮށްދޭނެ ކަމަށް ބުނެ، ދަ ޑިމޮކްރެޓްސްގެ "ފަސޭހަ ވިޔަފާރި ސިޔާސަތު" ލޯންޗު ކޮށްފިއެވެ.
އެ ސިޔާސަތު ލޯންޗު ކުރުމުގެ ހަރަކާތް އިއްޔެ 36 ރަށެއްގައި ކުރިއަށް ގެންގޮސްފައިވާއިރު އިއްޔެއާއި މިއަދު 52 ރަށަކަށް ޑިމޮކްރެޓްސްގެ ޓީމު ޒިޔާރަތްކުރަން ވަނީ ނިންމާފައެވެ. ދަ ޑިމޮކްރެޓްސްއިން ބުނީ ރައީސް ނަޝީދާއި މަޖިލިސް މެންބަރުންނާއި އަތޮޅު ކައުންސިލް ރައީސުންނާއި ކައުންސިލަރުނާއި އިސްތިއުފާ ދެއްވި މިނިސްޓަރުންނާއި ސްޓޭޓް އަދިޑިޕިއުޓީ މިނިސްޓަރުން މި ދަތުރުގައި ބައިވެރިވެވަޑައިގަންނަނާވަނެ ކަމަށެވެ. އަދި އެމްޑީއިންނާއި ޑީއެމްޑީނާއި އެގްޒެކެޓިވް ޑައިރެކްޓަރުންނާއި ވިމެން ޑިމޮކްރެޓްސްއާއި ޔަންގް ޑިމޮކްރެޓްސްއާއި ވެޓެރަންސް ކްލަބް އަދި އެންމެހާ ޑިމޮކްރަޓުން އެއްކޮށް ނިކުންނާނެ ކަމަށް ވެސް އެ ޕާޓީއިން ބުނެއެވެ.
ސިޔާސަތު ލޯންޗުކުރުމުގެ އިތުރުން މި ދަތުރުތަކުގައި ޕާޓީއަށް މެންބަރުން އިތުރުކުރުމާއި ދޮރުން ދޮރަށް ހިނގުމާއި ޕާޓީއާގުޅޭ މައުލޫމާތު ދިނުމާއި ޕާޓީގެ ސިޔާސަތުތައް އެކުލެވުމުގައި މަޝްވަރާ ހޯދުމާއި ސިޔާސަތާބެހޭ ވޯރކްޝޮޕްތައް ހިންގުމާއި ކެމްޕޭން ބައްދަލުވުންތައް ބޭއްވުމާއި ކެމްޕޭން ޓީމުތައް އެކުލެވުމާއި ޕާޓީގެ ޖަގަހަ ހެދުމާއި ޕާޓީގެ ދިދަނެގުން ހިމެނޭހެން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް އެ ޕާޓީއިން ވަނީ ބުނެފައެވެ.
ޑިމޮކްރެޓްސްއިން ބުނީ ފަސޭހަ ވިޔަފާރި ސިޔާސަތު އެކުލެވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށާއި ވިޔަފާރިތަކަށް މިހާރު ހުރި ގޮންޖެހުންތަކާއި ހުރަސްތަކަށް ރިއާޔަތްކުރުމަށްފަހުގައި ކަމަށެވެ. އެގޮތުން ވިޔަފާރިތަކަށް ދޫކުރާ ލޯނުތަކުގެ ޝަރުތެއްގެ ގޮތުގައި އޮންނަ އިކުއިޓީ ނިސްބަތާއި އަދި ރަހުނުގެ ގޮތުގައި ބަހައްޓަން ޖެހޭ އެއްޗެއްގެ ޝަރުތުތައް ނުކުޅަދާނަ މިންވަރަށް ބޮޑުވުމާއި ރައީސާއި ވަޒީރަށް ނޫނީ މެމްބަރަށް ގުޅައި އެއިން މީހަކަށް ބައި އަޅާގޮތަށް ނޫނީ ލޯނު އެޕްރޫވް ނުކުރުމާއި ފާޅުކުރާ ހިޔާލެއްގެ ސަބަބުން ނޫނީ ތާއިދުކުރާ ސިޔާސީ ޕާޓީއެއްގެ ސަބަބުން އެޕްރޫވެފައި އޮންނަ ލޯނުގެވެސް ދެން އޮތް ޑިސްބާސްމަންޓް ހުއްޓުވާ ބިރުދެއްކުން މިހާރު އާންމުވެފައިވާ ކަމަށް ޑިމޮކްރެޓްސްއިން ވަނީ ބުނެފައެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހިންދެމިލުމަށް ހުރި އިތުރު ދަތިތަކުގެ ތެރޭގައި އާންމު ކުދި ވިޔަފާރިތަކުން ކުރާ މަސައްކަތްތަކުގެ ތެރެއަށް ސަރުކާރު ހިއްސާވާ ކުންފުނިތައް ވަންނަމުން ދިއުމާއެކު އެ ވިޔަފާރިތައް ސަރުކާރާ ވާދަކުރާން މިހާރު މަޖުބޫރުވާ ކަމަށާއި އަމިއްލަ މަސައްކަތްކުރާ މީހުން ގިނަ ދާއިރާތަކުގައިވެސް ބޭރު މީހުންނަށް އެއްވެސް ހުރަހަކާ ނުލައި ވިޔަފާރި ކުރުމުގެ ފުރުސަތު އޮތުން ހިމެނޭ ކަމަށްވެސް އެ ޕާޓީއިން ވަނީ ފާހަގަކޮށްފައެވެ.
ދަ ޑިމޮކްރެޓްސްއިން ބުނީ ފަސޭހަ ވިޔަފާރި ސިޔާސަތުގެ ނަތީޖާއަަކަށްވާނީ ދުނިޔޭގެ ކޮންމެ ތަނެއްގެ ކޮންމެ ބަޔަކަށްމެ ދިވެހި އުފެއްދުންތަކާއި ހިދުމަތްތައް ވާސިލުކޮށްދިނުމުގެ ދޮރު ހުޅުވުމާއި ދިރިއުޅުމުގެ ހަރަދުތަކަށް ފަހު ބާކީކުރެވޭނެ އާމްދަނީއެއް އަމިއްލަ ޝައުގާއި ހުނަރުގެ ބޭނުން ހިފޭނެ މަގުފަހިވުމުން ކަމަށެވެ. އަދި ހުރިހާ ވަގުތެއް މަސައްކަތަށް ހޭދަކުރަން ޖެހިފައި އޮތް އޮތުމަށް ނިމުން ގެނެސް އާއިލާއާއެކު ހޭދަކުރާނެ ވަގުތު އިތުރުވުމާއި މެޝިނަރީ އާއި އޮޓޮމޭޝަންގެ ތެރެއިން ވެލިއު އެޑްކުރެވި އެއިން ލިބެންއޮތް އެންމެ ބޮޑު އަގު ކަށަވަރުވުމާއި އެތެރޭގެ އިގްތިސާދުގެ ތެރެއަށް އެކަށީގެންވާ އަދެއްގެ ބޭރު ފައިސާ ވައްދާ ދާއިރާއަކަށް ކުދި އަދި މެދުފަންތީގެ އާންމު ވިޔަފާރިވުން ކަމަށް ވެސް އެ ޕާޓީއިން ބުނެއެވެ.
އެކަންކަން ހާސިލުކުރުމަށް ހުށަހަޅާނެ ކަންކަން:
- ބިޒްނަސް އިންކިއުބޭޓާތައް ތައާރަފުކޮށް އޭގެތެރެއިން ވެންޗާ ކެޕިޓަލްއާ ވިޔަފާރިތައް ގުޅުވައިދިނުމަށް
- އާ އީޖާދުތަކާއި، ޕޭޓެންޓާއި، ކޮޕީރައިޓާއި، ޓްރޭޑްމާކްތައް ފަދަ އިންޓަލެކްޗުއަލް ޕްރޮޕަޓީގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށް
- ބައިނަލްއަގުވާމީ މާކެޓްތަކުގައި ޝޯކޭސް ކުރެވޭނެ ގޮތަށް ބޮޑެތި ޓްރޭޑް ޝޯ، ފެއާރތަކުގައި ރާއްޖެ ތަމްސީލުކުރުމަށް
- ބޭނުންވާ އިކުއިޕްމަންޓާއި މެޝިނަރީ އަދި ކޮންސިއުމަބަލްސް އިން ޑިއުޓީ ކަނޑާލާ ފަސޭހައިން އެތަކެތި ލިބޭނެގޮތް ހަމަޖެއްސުމަށް
- ބޭރު ފައިސާގެ ދަތިކަން ނައްތާލާ ފަސޭހައިން ޑޮލަރު ލިބޭނެކަން ކަށަވަރުކުރުމަށް
- ޕޭޕަލް އަދި ސްޓްރައިޕް ފަދަ އިންޓަނޭޝަނަލް ޕޭމަންޓް ގޭޓްވޭތަކުގެ ހިދުމަތް ރާއްޖެއަށް ލިބޭނެކަން ކަށަވަރުކުރުމަށް
- އާންމު ވިޔަފާރިތަކުން ކުރާ މަސައްކަތްތައް ސަރުކާރު ކުންފުނިތަކުން ކުރުން ހުއްޓުވާ އެދާއިރާތަކުން ޑައިވެސްޓްކުރުމަށް
- މަސައްކަތްކުރާ ކޮންމެ މީހަކީ މާލީ ނިޒާމުގެ ތެރެއިން ބޭންކުތަކުން ދޭ ހިދުމަތްތަކަށް ޝަރުތުހަމަވާ ބައެއްކަމުގައި ހެދުމަށް
މީގެ އިތުރުން އެކަންކަން ހާސިލުކުރުމަށް އިކުއިޓީ އަދި ރަހުނުގެ ޝަރުތައް އެކީ ނައްތާލާ، ހަމައެކަނި ވައެބަލް އަދި ފީސިބަލް ބިޒްނަސް ޕްލޭނަށް ފައިސާއާއި ވަސީލަތްތައް ހަމަޖައްސައިދިނުމަށް ހުށަހަޅާނެ ކަމަށާއި ތަފާތުކުރުންތައް ނައްތާލާ ރާއްޖޭގެ ކޮންމެ ރަށެއްގައި އުޅޭ ކޮންމެ އުމުރެއްގެ ކޮންމެ މީހަކަށްވެސް ފުރުސަތު ފަހި ކޮށްދިނުމަށް ހުށަހަޅާނެ ކަމަށް ވެސް އެ ޕާޓީއިން ބުނެއެވެ.