ހަސަދަވެރިކަން ދޫކޮށްލާ، އެކުވެރިކަމާއި އެއްބައިވަންތަކަމުގެ މަތީގައި ސާބިތުވެ ތިބެ، ކޮންމެ ކަމެއްގައި ވެސް ގައުމީ މަސްލަހަތު އިސްކުރުމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިލްތިމާސްކުރައްވައިފިއެވެ.

ރައީސް މިފަދައިން ވިދާޅުވީ، ހިޖްރީ އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައެވެ. ރައީސް ވިދާޅުވީ ގައުމީ ތަރައްގީގެ މުޅިން އާ ފަތިހަކަށް ދިވެހި އުންމަތް އަލިވިލިފައިވާ މި ދަނޑިވަޅުގައި، މިސްރާބު އަމާޒުކުރަންވީ، ދިވެހިންގެ މެދުގައި މިއޮތް ހަމަޖެހުމާއި ސުލްހަވެރިކަމުގެ މަތީގައި ގައުމު ބިނާކުރުމަށާއި އުފާވެރިކަމާއި އަމާންކަންމަތީ ދެމި ތިބެ ދިރިއުޅުން އާރާސްތުކޮށް، އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ކުރިއަރާފައިވާ ތަހުޒީބީ ގައުމެއްގެ ގޮތުގައި، ކުރިމަގުގެ ޖީލުތަކަށް މި ގައުމު ފޯރުކޮށްދިނުމަށް ކަމަށެވެ.

ބައިބައިވުމާއި ދެކޮޅުވެރިކަމާއި ހަސަދަވެރިކަން ދޫކޮށްލާ، އެކުވެރިކަމާއި އެއްބައިވަންތަކަމުގެ މަތީގައި ސާބިތުވެ ތިބެ، ކޮންމެ ކަމެއްގައި ވެސް ގައުމީ މަސްލަހަތު އިސްކުރުމަށް، މި އުފާވެރި މުނާސަބަތުގައި، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ރައީސްގެ ހިތާބުގައި ހިޖުރައިގެ މަތިވެރި ހާދިސާއާ ގުޅިފައިވާ އެންމެ މުހިންމު އެއް މަގްސަދަކީ، މައްކާގެ ބިމުގައި ނާމާންކަމާއި ހިތްދަތިކަމުގައި އުޅެމުން ދިޔަ މުސްލިމުންނަށް، މަދީނާގެ ބިމުން އުފާވެރިކަމާއި އަމާންކަން ހޯއްދަވައިދެއްވުންކަން ފާހަގަކުރެއްވިއެވެ.

އަދި މަދީނާގެ ބިމުގައި އިސްލާމީ އުންމަތް ކުރިލައި ހެދިގަތީ، ހިޖުރައަށް ފަހުގައި މުސްލިމުންނަށް ލިބުނު އަމާންކަމާއި ހިތްހަމަޖެހުމުންކަން ފާހަގަކުރައްވާ ހިޖުރީ އާ އަހަރެއް ފެށޭ މި މުނާސަބާ ފާހަގަކުރާއިރު އެ މަތިވެރި ހާދިސާއިން ލިބިދޭ ފިލާވަޅުތަކުން އިބްރަތް ހާސިލުކުރެއްވުމަށް، ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ރައީސްގެ ހިތާ ނިންމަވައިލައްވާފައި ވަނީ މިފެށުނު ހިޖުރީ 1445 ވަނަ އަހަރަކީ، ދިވެހިންނަށާއި ދިވެހިރާއްޖެއަށް އަދި މުޅި އިސްލާމީ އުންމަތަށް، ބާއްޖަވެރިކަމާއި ތަނަވަސްކަން ގެނެސްދޭނެ އުފާވެރި އަހަރެއް ކަމުގައި ލެއްވުން އެދި، ދުއާ ދަންނަވަމުންނެވެ.