ޔޫކްރައިންގެ އިރުމަތީ ބިތުން ރަޝިއާގެ ފައުޖުތަމާ ކުރިމަތިލާ ސަފުތައް ރޫޅި ގޮންޖެހުންތައް ކުރިމަތިވެފައި ވަނިކޮށް އެ ސަރަހައްދުން ރަޝިއާ ކުރިއަރާ ކަމަށް ރިޕޯޓް ކޮށްފިއެވެ.

ޔޫކްރައިން އިން ބުނީ އިރުމަތީ ބިތުގެ ސިޓީއެއް ކަމަށް ވާ ކުޕިއާންސްކް އިން ރަޝިއާ ސިފައިން ކުރިއަރަމުން އަންނަ ކަމަށާއި އެސަރަހައްދުގައި ރަޝިއާ އާ ކުރިމަތިލާ ޔޫކްރައިންގެ ފައުޖުތަކަށް ބޮޑެތި ގެއްލުންތައް ލިބެމުން އަންނަ ކަމަށެވެ.

ކުރިއަރަމުން ދާ މިންވަރާ ބެހޭ ގޮތުން ރަޝިއާގެ ޓާސް ނިއުސް އެޖެންސީން ބުނެފައި ވަނީ ގާތްގަނޑަކަށް 2 ކިލޯމީޓަރުގެ ސަރަހައްދަކަށް ވަދެވިއްޖެ ކަމަށާއި ހާކީވް އާ ގުޅޭ ކްޕިއާންސްކް ގެ މުހިންމު ރެއިލްވޭ ޖަންކްޝަނެއް ހުންނަ ހިސާބަށް ފޯރައިފި ކަމަށެވެ.

ނަމަވެސް ޔޫކްރައިނުން ބުނެފައި ވަނީ، އެ ސަރަހައްދުން ރަޝިއާ ސިފައިން ކުރި އެރި ނަމަވެސް މާ ބޮޑަށް އެތެރެއަށް ނުވަދެވޭ ކަމަށާއި ޔޫކްރައިންގެ ފައުޖުތަކުން ރައްދު ހަމަލާދީ ކުރިއެރުން ހުއްޓުވަމުން ދާ ކަމަށެވެ.

ކުޕިއާންސްކް އާއި ޖެހިގެން އޮންނަ ލީމަން އަކީ ހަނގުރާމަ ފެށިފަހުން ރަޝިއާ އިން ހިފައިގެން ތިއްބާ ޔޫކްރައިން އިން ހަމަލާ ދީ އަތުލި ދެ ސިޓީއެވެ. ނަމަވެސް މިހާރު ލީމަން އަށް ވެސް ރަޝިއާ ސިފައިން ހަމަލާ ދެމުން ދާ ކަމަށް ހަބަރުތައް ބުނެއެވެ.

ޔޫކްރައިންގެ ޑެޕިއުޓީ ޑިފެންސް މިނިސްޓަރު ހަންނާ މަލިއާރު ވިދާޅުވީ، ހުޅަނގުގެ އެހީއާ އެކު މިދިޔަ ޖޫންގައި ރައްދު ހަމަލާތައް ފެށިފަހުން މިހާތަނަށް 210 ސްކެއާ ކިލޯމީޓަރު (81 ސްކެއާ މޭލު) ގެ ސަރަހައްދެއް ޔޫކްރައިނުން އަތުލާފައި ވާ ކަމަށެވެ. ނަމަވެސް އަދިވެސް ބޮޑުބައި އޮތީ ރަޝިއާގެ ކޮންޓްރޯލްގައެވެ. ހުސްވި އަހަރުގެ ފެބްރުއަރީގައި ހަނގުރާމަ ފެށިފަހުން މިހާތަނަށް އައި އިރު ރަޝިއާއިން ވަނީ ޔޫކްރައިންގެ މައި 5 ސްޓޭޓެއް ހިފާފައެވެ. ކްރިމިއާ އާ އެއްބިތަށް ރަޝިއާގެ ބޯޑަރާ އިންވެގެން އޮންނަ 5 ސްޓޭޓް ހިފާފައި ގިނަ ސަރަހައްދުތަކެއްގައި މައިން ވަޅުލާފައި ވުމުން، ޔޫކްރައިން ސިފައިންނަށް ބޮޑެތި އަނިޔާތައް ވެސް ދަނީ ލިބެމުންނެވެ. ވެހިކަލްތަކުގައި މައިން ފީލްޑްތަކަށް އެރޭ ކޮންމެ ފަހަރަކު ވެހިކަލާއެކު ގޮވާ އޭގައި ތިބޭ މީހުން މަރުވެ ނުވަތަ ޒަހަމްވެގެން ދަނީ ރިޕޯޓް ކުރަމުންނެވެ.

ހަނގުރާމަ އާ ގުޅިގެން ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ވިދާޅުވެފައި ވަނީ، ޔޫކްރައިން އަށް ރައްދުހަމަލާތަކުގައި ކާމިޔާބު ނުހޯދޭނެ ކަމަށާއި، ރަޝިއާ ސިފައިން މިހާރު އަމާޒު ހިފާފައި ވަނީ ވެރިރަށް ކީވްގެ ދިފާއުގައި ތިބި ސަފުތައް ފޫއަޅުވާލަން ކަމަށެވެ.

މިވަގުތު އެންމެ ގަދަޔަށް ހަނގުރާމަ ހިނގަމުން ދާ އިތުމަތީ ބިތުގައ ރަޝިއާގެ 100،000 ސިފައިންނާއި 900 ޓޭންކް ހަރަކާތްތެރި ވަމުން ދާ ކަމަށް ޔޫކްރައިންގެ އިދާރާތަކުން ބުނެއެވެ.

ހަމައެއާއެކު ބަކްމޫތް ސަރަހައްދަށް ވެސް އިތުރު ސިފައިން ޖަމާކުރަމުން ގެންދާ ކަމަށާއި، އެސަރަހައްދުން ހަމަލާދޭ ޔޫކްރައިންގެ ފައުޖުތައް ހުއްޓުވަން މަސައްކަތް ކުރަމުން ދާ ކަމަށް ވެސް ހަބަރު ލިބެއެވެ.