ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ރަށްރަށުގައި ބޭއްވި ޓްރެއިނިން ޕްރޮގްރާމުގައި 165 ރަށަކުން 429 މީހުން ތަމްރީނު ކޮށްފިއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ފެށި މި ޓްރެއިނިން ޕްރޮގްރާމްގެ މަގްސަދަކީ ގެވެށި އަނިޔާ އަދި އާއިލީ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ރަށްރަށުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަންތައް ކުރިއަށްގެންދާނެ މީހުން ތަމްރީނުކުރުމަށް ކަމަށެވެ. މިގޮތުން ކޮންމެ އަތޮޅެއްގައިވެސް، ހުރިހާ ރަށަކަށް އަމާޒުކޮށްގެން ދެ ދުވަހުގެ ޓްރެއިނިން ޕްރޮގްރާމެއް މިނިސްޓްރީގެ ފަރާތުން ކުރިއަށްގެންގޮސްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މި ޓްރެއިނިން ޕްރޮގްރާމް ތަކުގައި، ގެވެށި އަނިޔާ އަކީ ކޮބައިކަމާއި، އަނިޔާ ހިނގާ ގޮތާއި، އޭގެ ސަބަބުން ކުރާ ނޭދެވޭ އަސަރާއި، އަނިޔާ ލިބޭ މީހަކު ދެނެގަންނާނެ ގޮތްތަކާއި، އަނިޔާ ލިބޭ މީހަކަށް އެހީތެރިވުމުގެ ގޮތުން ކުރެވޭނެ ކަންކަމާއި އަދި، އަނިޔާ ލިބޭ މީހުންނަށް ރާއްޖޭގައި ފޯރުކޮށްދެވޭ ހިދުމަތްތަކާ ގުޅޭގޮތުން ބައިވެރިންނަށް މައުލޫމާތު ދީފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ އާއިލާގެ ތެރޭގައި މައްސަލަތައް ކުރިމަތިވާން މެދުވެރިވާ ސަބަބުތަކާއި، އެފަދަ މައްސަލަތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުގެ އިތުރުން ޢާއިލީ ގުޅުން ބަދަހިކުރުމަށްޓަކައި ކުރެވޭނެ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މި ޓްރެއިނިން ޕްރޮގްރާމްގައި މައުލޫމާތު ބަދަލުކޮށްފައިވާ ކަމަށެވެ.

ގެވެށި ގުޅުން ކެމްޕެއިން އަކީ ގެވެށި އަނިޔާ އާ ދުރު މުޖުތަމަޢުއެއް ބިނާކުރުމަށް މަގުފަހިކުރުމުގެ ގޮތުން 2020 ވަނަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހު ގެންޑާ މިނިސްޓްރީގެ ފަރާތުން ފެށި ކެމްޕެއިނެކެވެ. މިނިސްޓްރީން ބުނީ، ކެމްޕެއިންގެ ވަކިވަކި މަގްސަދުތަކުގެ ތެރޭގައި ގެވެށި އަނިޔާއަށް މުޖުތަމައު ހޭލުންތެރިކުރުމާއި، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތައް ބާރުވެރިކުރުވުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމާއި، އެފަރާތްތަކަށް ފޯރުކޮށްދެވޭ ހިދުމަތްތައް އިތުރުކޮށް، އެ ހިދުމަތްތަކުގެ ފެންވަރު ރަގަޅުކުރުމުގެ އިތުރުން ގެވެށި އަނިޔާއާ ދުރުކޮށްދޭނެ ވިސްނުމާއި އުޅުން ޕްރޮމޯޓްކުރުމަށް ބޭނުންވާ ހޭލުންތެރިކަން އިތުރުކުރުން ހިމެނޭ ކަމަށެވެ.

މި ކެމްޕެއިންގެ ދަށުން މިހާތަނަށް އައިއިރު ގިނަ ހަރަކާތްތަކެއް މިނިސްޓްރީގެ ފަރާތުން ކުރިއަށް ގެންގޮސްފައިވާއިރު އޭގެ ތެރޭގައި ވީޑިއޯ ލަވަ، ޓީވީ ޕްރޮގްރާމް ސީރީސް، ރޭޑިއޯ ޑްރާމާ ސީރީސް، ކުޑަކުދިންގެ ވާހަކަ ފޮތް ސީރީސް، ބިލްބޯޑް، މަޖައްލާ، ބުކްލެޓް އަދި ލީފްލެޓް ފަދަ ތަކެތި ތައްޔާރުކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ. މިނިސްޓްރީން ބުނީ، ގެވެށި ގުޅުން ކެމްޕެއިނަކީ ސަރުކާރުގެ ބަޖެޓުންނާއި، ޕާކިސްތާނު ސަރުކާރުން ފޯރުކޮށްދީފައިވާ ހިލޭ އެހީން ޚަރަދުކޮށްގެން ކުރިއަށްގެންދާ ކެމްޕެއިނެއް ކަމަށެވެ.

މި ޕްރޮގްރާމްގެ ނިމުން ފާހަގަކުރުމަށް މިނިސްޓްރީން ބ.އޭދަފުށީގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު މި ރަސްމިއްޔާތުގައި މިނިސްޓްރީގެ ސްޓޭޓް މިނިސްޓާ ޒިފްލީނާ ހަސަން އާއި ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފަ ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް މުހައްމަދު ފައްޔާޒް ގިލާނީ ބައިވެރިވެވަޑައިގެންނެވި ކަމަށް މިނިސްޓްރީން ބުނެއެވެ.