މިއަންނަ ސެޕްޓެމްބަރު މަހު ބާއްވަން ނިންމާފައިވާ ރިޔާސީ އިންތިހާބަށް ދަ ޑިމޮކްރެޓްސް އިން ހުށަހަޅާ "ފަސޭހަ ވިޔަފާރި" ސިޔާސަތު ލޯންޗު ކުރުމަށް ޓީމުތަކަކަށް ބަހާލައިގެން، ޕާޓީގެ އެ ޓީމުތައް މިއަދު އަތޮޅު ތެރެއަށް ގޮސްފިއެވެ.

ދަ ޑިމޮކްރެޓްސްއިން ބުނީ ރައީސް ނަޝީދާއި މަޖިލިސް މެންބަރުންނާއި އަތޮޅު ކައުންސިލް ރައީސުންނާއި ކައުންސިލަރުނާއި އިސްތިއުފާ ދެއްވި މިނިސްޓަރުންނާއި ސްޓޭޓް އަދިޑިޕިއުޓީ މިނިސްޓަރުން މި ދަތުރުގައި ބައިވެރިވެވަޑައިގަންނަނާވަނެ ކަމަށެވެ. އަދި އެމްޑީއިންނާއި ޑީއެމްޑީނާއި އެގްޒެކެޓިވް ޑައިރެކްޓަރުންނާއި ވިމެން ޑިމޮކްރެޓްސްއާއި ޔަންގް ޑިމޮކްރެޓްސްއާއި ވެޓެރަންސް ކްލަބް އަދި އެންމެހާ ޑިމޮކްރަޓުން އެއްކޮށް ނިކުންނާނެ ކަމަށް ވެސް އެ ޕާޓީއިން ބުނެއެވެ.

އެއްފަހަރާ 36 ރަށަކަށް ޓީމުތައް މިހާރު ފުރާފައިވާ ކަމަށާއި އެ ހަރަކާތްތައް މިއަދާއި މާދަމާ ހިނގަމުންދާނެ ކަމަށް ޑިމޮކްރެޓްސްއިން ވަނީ ބުނެފައެވެ. އެ ދަތުރުގެ ތެރެއިން ރައީސް ނަޝީދު މިހާރު ވަނީ ބ އަތޮޅަށް ވަޑައިގެންފައެވެ. އަދި މިހާރު އެމަނިކުފާނު ހުންނެވީ އެ އަތޮޅު ފެހެންދޫގައެވެ.

މީގެ ކުރިން އެ ޕާޓީގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ ޖުމްލަ 52 ރަށަކަށް ޓީމުތައް ދާނެ ކަމަށެވެ. އެހެންނަމަވެސް އެއީ ކޮން ރަށްތަކެއް ކަމެއް އެ ޕާޓީއަކުން އިއުލާނެއް ނުކުރެއެވެ.

ރައީސް ނަޝީދު ދާދިފަހުން ޑިމޮކްރެޓްސްއަށް ސޮއިކުރައްވާފައިވާއިރު އެ ޕާޓީއިން ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް އިއުލާންކޮށްފައެވެ. އަދި ރިޔާސީ ކެންޑިޑޭޓަކު ޕްރައިމަރީއަކުން ކަނޑައެޅުމަށްޓަކައި ވަރަށް އަވަހަށް ޕްރައިމަރީއަށް ކުރިމަތިލުމަށް ހުޅުވާލާނެ ކަމަށްވެސް ވަނީ ބުނެފައެވެ.