ރާއްޖެއިން ބޭރުގައި ތިބި ފަރާތްތަކުން އޮންލައިންކޮށް ރީ-ރަޖިސްޓާ ކުރެވޭ ގޮތް މި އަހަރު ހަމަޖެއްސިފައި ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދް ތައުފީގް ވިދާޅުވެއްޖެއެވެ.
ފުވާދު މިފަދައިން ވިދާޅުވެފައި ވަނީ ރާއްޖެއިން ބޭރުގައި ތިބި ގިނަ އަދެދެއްގެ ދިވެހިން އޮންލައިންކޮށް ރީ-ރަޖިސްޓާ ވެވޭނެ ގޮތް އޮޅުން ފިލުވުމަށް ބޭނުންވެފައިވާ ދަނޑިވަޅެއްގައެވެ.
އެ ފަރާތްތަކަށް އޮންލައިންކޮށް ރަޖިސްޓާ ނުވެވޭނެކަން ފާހަގަކުރައްވާ ފުވާދު ވިދާޅުވީ ކޮލަމްބޯ، ޓްރިވެންޑްރަމް، ލަންޑަން އަދި ކުއަލަމްޕޫރު، ފަދަ ރަށެއްގައި ހުރި ފަރާތެއް ނަމަ އެ ރަށެއްގައި ހުންނަ ހައި ކޮމިޝަނަށް ރީ ރަޖިސްޓޭޝަން ފޯމް ހުށަހެޅުމަށް އެދިލައްވާ ކަމަށެވެ.
ރާއްޖެއިން ބޭރުގައި ތިބި ފަރާތްތަކުންނަށް އޮންލައިންކޮށް ރަޖިސްޓާ ކުރެވޭ ގޮތް މިފަހަރު ހަމަޖެެއްސިފައި ނުވާތީ ފުވާދު ވަނީ ވަރަށް ބޮޑަށް މާފަށް އެދިލައްވާފައެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރަޖިސްޓްރީވެފައި ވާ ތަން ނޫން އެހެން ތަނެއްގައި ވޯޓު ލުމަށް އޮންލައިންކޮށް ރަޖިސްޓްރީ ވެވޭނީ މިމަހުގެ 29އާ ހަމައަށް ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެއެވެ.
އީސީއިން ބުނީ މިގޮތަށް ނިންމީ އީސީގެ ސިސްޓަމްތެރެއިން ވެރިފައި ކުރަންޖެހޭ ކަންކަން ވެރިފައި ކުރުމަށާއި ދިމާވެދާނެ އެހެން ޓެކްނިކަލް ކަމެއްގެ ސަބަބުން އެންމެ ފަހު ވަގުތު މީހެއްގެ ވޯޓްދިނުމުގެ ހައްގު ގެއްލުނަ ނުދިނުމަށް ކަމަށެވެ. އީސީއިން ވަނީ އެންމެ ފަހު ވަގުތު މަޑުނުކޮށް އަވަހަށް ރީ-ރަޖިސްޓްރީ ވުމަށް އެދިފައެވެ.
އީސީއިން ވަނީ ވޯޓުލެވޭ މީހުންގެ ލިސްޓު އާންމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިދިޔަ މަހުގެ 11 އިން 22 އަށް ހުޅުވާލައިފައެވެ. އެ ފުރުސަތުގައި 551 ޝަކުވާ އިލެކްޝަންސް އަށް ލިބިފައިވާއިރު، އެންމެ ގިނައިން ހުށަހަޅާފައި ވަނީ މަރުވެފައިވާ މީހުން ލިސްޓުގައި ހިމެނިގެން 465 ޝަކުވާއެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވާ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 282،672 މީހުންނަށް ލިބިގެންވާ ކަމަށް، އިލެކްޝަންސްގެ ތަފާސްހިސާބުތަކުން ދައްކާއިރު ރިޔާސީ އިންތިހާބުގައި ރަށްރަށުގައްޔާއި ރާއްޖެއިން ބޭރުގައި ޖުމްލަ 604 ވޯޓުފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.
އަވަހައް އިސްތިއުފާ ދީފަގެއައް ކަނޑާލާw