ޑިސްޓްރިބިއުޝަން ކޭބަލަކަށް ގެއްލުންވެ, ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެއެވެ.

ސްޓެލްކޯއިން ބުނީ ވިނަރެސް ފްލެޓްތަކާއި ދިމާލުން ކޮނުމުގެ ތެރޭ ޑިސްޓްރިބިއުޝަން ކޭބަލަކަށް ގެއްލުންވެ ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.

އެ މައްސަލަ ދެނަގަނެ ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ. އަދި ދިމާވާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މާފަށް އެދިފައެވެ.

މީގެ ކުރިން ވެސް ކަރަންޓު ކޭބަލްތަކަށް ގެއްލުންވެ، ހުޅުމާލޭގެ އިތުރުން މާލޭގެ ބައެއް ސަރަހައްދުތަކުންވެސް ކަރަންޓު ކެނޑިފައިވެއެވެ. އަދި ބައެއް ފަހަރު އެހެން ދިމާވާ މައްސަލަތައް ހައްލު ކުރަން ގިނަ ވަގުތު ހޭދަވާކަން ފާހަގަކުރެވެއެވެ.

މީގެ ކުރިން ވެސް ހިޔާ ޓަވަރުތަކުން އެކި ފަހަރު މަތިން ކަރަންޓު ކެނޑި، އެކަމުގެ ސަބަބުން ހިޔާގައި ދިރިއުޅޭ މީހުން ދަތިތަކާ ކުރިމަތިލާން ޖެހިފައިވެއެވެ.

މިގޮތުން މީގެ ކުރިން ކަރަންޓު ކޭބަލަށް ގެއްލުންވެ، ހިޔާ ފްލެޓްތަކުން ކަރަންޓު ކެނޑުނު މައްސަލައަކާ ގުޅިގެން ކަރަންޓު އަލުން ދޭން ފަށާފައިވަނީ ތިން ގަޑިއިރު ފަހުންނެވެ. ހިޔާ ފްލެޓްތަކުން އެދުވަހު ކަރަންޓު ކެނޑުމުގެ ސަބަބުން ލިފްޓުތަކާއި ފެން ފޯރުކޮށްދޭ ޕަމްޕުތައް ވެސް ހުއްޓި، ހިދުމަތްތަކަށް ބުރޫ އަރާފައި ވެއެވެ. އަދި ކަރަންޓު ކެނޑުނު ވަގުތު ޓަވަރު އެކެއްގެ ލިފްޓުގެ ތެރޭގައި ތިން މީހަކު ތާށިވެފައި ތިއްބެވެ. އެ މީހުން ލިފްޓުން ނެރުނީ ސާވިސްކުރާ މީހުންގެ އެހީތެރިކަމާއެކުގައެވެ.