ހުޅުމާލޭ ފޭސް 2ގައި ހުންނަ ހިޔާ ފްލެޓުގެ އިމާރާތެއްގައި 14 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު "ދަ ޕްރެސް"އަށް ވިދާޅުވީ އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ރޭ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. 14 އަހަރުގެ ކުއްޖަކާ ބެހުނުކަމަށް ތުހުމަތުކުރެވޭ މީހާ ހޯދުމަށް އެ ކުއްޖާގެ އާއިލާގެ މެންބަރުން ވަނީ ރޭ ހިޔާ ޓަވަރު 11 ގެ 9 ވަނަ ފްލޯއަށް އެއްވެފައިވާއިރު އެ ކުއްޖާގެ އާއިލާގެ މެންބަރުން ވަނީ ހުޅުމާލެ ޕޮލިސް ސްޓޭޝަންއަށް ވެސް ގޮސްފައެވެ.

ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މީހާއަކީ “ނަފްސާނީ” މީހެއްް ކަމަށް ބައެއް މަސްދަރުތަކުން ބުނެފައިވީ ނަމަވެސް ފުލުހުން މިހާތަނަށް މިކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

މި ހާދިސާ ހިނގާފައި ވަނީ ރޭ 12:00 ހާއިރު ކަމަށް މައުލޫމާތު ލިބެއެވެ.