ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ޕީޕީއެމްގެ ލީޑަރު ރައީސް އަބްދުއްﷲ ޔާމީން އާ ގުޅިވަޑައިގަތުމަކީ ހިޔާލުވެސް ކުރެއްވޭ ކަމެއް ނޫން ކަމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ތެރޭގައި އުފެދުނު ހަމަނުޖެހުންތަކާއެކު އެ ޕާޓީން ވަކިވެ ވަޑައިގެން އަލަށް އުފެއްދި 'ދަ ޑިމޮކްރެޓްސް' އަށް ރައީސް ނަޝީދު ވަނީ ސޮއިކުރައްވާފައެވެ. އަދި ދަ ޑިމޮކްރެޓްސް އާއި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ގުޅިގެން މި ވެރިކަން ބަދަލުކުރުމަށް ކުރަންޖެހުނު ކޮންމެ މަސައްކަތެއް ކުރާނެކަން ވަނީ ހާމަކޮށްފައެވެ. އަދި ސިޔާސީ ގޮތުން އެއްބަސްވެވޭ ކަންކަމުގައި އެކުގައި މަސައްކަތް ކުރާނެކަމަށް ދެ ޕާޓީންވެސް ބުނެފައި ވާއިރު، މިކަމާ ގުޅޭ މަޝްވަރާތައްވެސް އަންނަނީ ކުރަމުންނެވެ.
މިކަމަށް އިޝާރަތް ކުރައްވަމުން ޝާހިދު ވިދާޅުވީ އެމްޑީޕީއިން ރައީސް ނަޝީދު ވަކިވެވަޑައިގަތުމަކީ އެ ޕާޓީގެ އެއްވެސް މެންބަރަކު އުފާ ކުރާކަމެއް ނޫން ކަމަށެވެ. ރައީސް ނަޝީދާއި ޑިމޮކްރެޓްސް އިން ޕީޕީއެމް އާ ގުޅުމަކީ ވެދާނެ ކަމެއްކަމަށް ހީކުރެއްވިފައި ނުވާކަން ހާމަކުރައްވަމުން ޝާހިދު ވިދާޅުވީ އެހެންނަމަވެސް އެ މަސައްކަތްތައް ހިނގަމުން ދާކަމަށެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް ނަޝީދުވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ސިޔާސީ ލީޑަރުން ހައްޔަރުކޮށް ޖަލަށްލާފައިވާ ކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ މި ސަބަބުތަކާ ހެދި ރައީސް ނަޝީދު، ރައީސް ޔާމީނާ ގުޅިވަޑައިގަތުމަކީ ގަބޫލުކުރައްވަން ދަތި ކަމެއް ކަމަށެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ގާނޫނު އަސާސީ އާ ހިލާފު ގިނަކަންތައްތައް ހިނގާފައި ވާކަން ހާމަކުރައްވަމުން ޝާހިދު ވިދާޅުވީ ރައީސް ޔާމީނަކީ އުއްތަމަ ފަނޑިޔާރާ، ފަނޑިޔާރެއް ހައްޔަރު ކުރެއްވި ވެރިއެއް ކަަމަށެވެ. އަދި ރައީސް ޔާމީނަކީ މަޖިލީހުގެ މެންބަރުން އެ މުއައްސަސާއަށް ވަންނަން ދިއުމުން ހުރަސް އެޅުއްވި ވެރިއެއް ކަމަށެވެ. މީގެ އިތުރުން ޝާހިދު ވިދާޅުވީ ރައީސް ޔާމީން ވަނީ ރާއްޖޭގައި އެމްޑީޕީއިން އަށަގަންނުވާފައިވާ ޑިމޮކްރެސީގެ އަސާސްތައް ފުނޑުފުނޑުކޮށްލައްވަން އެތައް މަސައްކަތްތަކެއް ކުރައްވާފައި ކަމަށެވެ.
އަހަރެމެން ހީވެސް ނުކުރަން ސިޓީތަކުގެ ޖަވާބު ވިއްކާމީހުން އުޅޭ ކަމަކަށް. ވިއްކަމުން ވިއްކަމުންގޮސް އެންމެފަހުން ލަނޑުވެސް ވިއްކާލައިފި. ހީވެސް ނުކުރަން