ޕީޕީއެމްއަށް އޮތް ޗެލެންޖަކީ ސަރުކާރުން ނުފޫޒު ފޯރުވައިގެން އިސްތިއުނާފު ލަސްކުރުން ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް މިފަދައިން ވިދާޅުވީ މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މ އަތޮޅަށާއި ވ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ވ. ފުލިދޫގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްކެވި ވާހަކަފުޅަށް އިޝާރާތް ކުރައްވައެވެ.
ރައީސް ސޯލިހު ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނަތީޖާއަށް އިޝާރާތް ކުރައްވާ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސް އަކީ ޗެލެންޖެއްް ނޫން ކަމަށާއި ޗެލެންޖަކީ ޕީޕީއެމް ކަމަށް ވިދާޅުވެފައެވެ. އަދި މި އިންތިހާބުގައި ވާދަވެރި ދެ ޕާޓީއަކަށް ވެެގެންދާނީ އެމްޑީޕީއާއި ޕީޕީއެމް ކަމަށާއި އެއަށް ތަފާތެއް އައިސްފައި އޮތް ތަނެއް ފެނިވަޑައި ނުގަންނަވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
އެކަމާ ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ އެމްޑީޕީ ބައިބައިވެ، ޑިމޮކްރެޓްސް އުފެއްދުމަކީ ރައީސް ސޯލިހު ބަލިކުރުމަށް އިތުރަށް ފަސޭހައެއް ވާނެ ކަމެއް ކަމަށެވެ. އަދި އާ ރަށުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމުގެ އިސްތިއުނާފް ނިމެންދެން ނުވަތަ އިންތިހާބުގެ ތާރިހަށް ވުރެ މަދުވެގެން 2 ހަފްތާއަށް އިންތިހާބުގެ ތާރީހު ލަސްކޮށްދެއްވުމަށް އާދަމް ޝަރީފް ވަނީ ގޮވާލައްވާފައެވެ.
އާދަމް ޝަރީފް އިތުރަށް ވިދާޅުވީ ރައީސް ޔާމީންއަށް އިންތިހާބުގައި ވާދަ ކުރެއްވުމުގެ ހައްގު ލިބިގެންވާނެ ކަމަށެވެ.
އާދަމް ޝަރީފް މިފަދައިން ވިދާޅުވެފައި ވާއިރު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވެސް ވަނީ ރައީސް ސޯލިހުގެ ބާރާއި ނުފޫޒު ބޭނުން ކުރައްވައިގެން ރައީސް ޔާމީން ޖަލުގައި ބާއްވައިގެން ކުރިއަށް ދާ ރިޔާސީ އިންތިހާބެއް އިންސާފުވެރި ނުވާނެ ކަމަށް ވިދާޅުވެ ރައީސް ޔާމީނަށް އިންސާފު ލިބެންދެން ރިޔާސީ އިންތިހާބު ފަސްކުރުމަށް ގޮވާލައްވާފައެވެ.