ހެދިފައިވާ ކޯލިޝަންގެ ތެރެއިން ރަނިންމޭޓަކު ނެގުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވީ މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މިހާރު މ އަތޮޅަށާއި ވ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވ. ފުލިދޫގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ސިކުނޑީގައިއިން އެންމެ ބޮޑު އެއް މައްސަލައަކީ ރަނިން މޭޓެއް ކަނޑައެޅުން ކަމަށާއި އެއީ ގޮތެއް ނިންމަން ޖެހިފައި އޮތް މައްސަލައެއް ކަމަށެވެ.

އެކަމާ ގުޅޭގޮތުން ވަކި ވަކިން ޕާޓީގެ އިސް ބޭފުޅުންނާ ވާހަކަފުޅު ދައްކަވާ، އެ ބޭފުޅުންގެ ހިޔާލު ހޯއްދަވާ ކަމަށާއި ކޮންމެ ދުވަހަކާއި ކޮންމެ ރެޔަކު އެކަމުގައި ގޮތެއް ނިންމުމާ ގުޅޭގޮތުން ވާހަކަފުޅުދައްވާ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ. އަދި ރަނިން މޭޓަކަށް އެކި ބޭފުޅުންގެ ނަންތައް ލިބިވަޑައިގަންނަވާ ކަމަށާއި ރިޔާސީ އިންތިހާބުގެ ފޯމުލުމުގެ ކުރިން ރަނިން މޭޓަރު ކަނޑައަޅުއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

"ސިކުނޑީގައި އިން އެންމެ ބޮޑު އެއް މައްސަލައަކީ ރަނިން މޭޓެއް ކަނޑައެޅުން. ޑިސިޝަނެއް ނަގަން ޖެހިފައި އޮތް މައްސަލައެއް. ވަކި ވަކިން ޕާޓީގެ އިސް ބޭފުޅުންނާ ވާހަކަދައްކާ އެ ބޭފުޅުންގެ ހިޔާލު އެބަ ހޯދަވަން. ކޮންމެ ދުވަހަކު ކޮންމެ ރެޔަކުހެން. އެކި ނަންތަން އެބަ އާދޭ. ކޯލިޝަނުން ބޭފުޅެއް ރަނިން މޭޓަކަށް ވުމަކީވެސް ވެދާނެ ކަމެއް. ހަމަގައިމުވެސް ފޯމު ލާނީ ރަނިން މޭޓަރާއެކު"
ރައީސް ސޯލިހު

އަންނަ ސެޕްޓެމްބަރު މަހު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީން އަދާލަތު ޕާޓީ އާއި އެމްޑީއޭއާ އެކުގައި ކޯލިޝަނެއް ހަދާފައިވާއިރު އެ ޕާޓީތަކުގެ އިސް ބޭފުޅުން ރައީސް ސޯލިހުގެ ކެމްޕެއިންގައި ހަރަކާތެރިވެއެވެ. އަދި މިހާރުގެ ނައިބު ރައީސް ފައިސަލް ނަސީމްވެސް ރައީސް ސޯލިހުގެ ކެމްޕެއިން ދަތުރުފުޅުތަކުގައި ބައިވެރިވެ ވަޑައިގަންނަވައެވެ.