ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުން ބޭނުންވާ ގޮތް ހޯއްދައިދެއްވާނެ ކަމަށާއި އަންނަ ރިޔާސީ އިންތިހާބަށް ނިކުންނެވީ އެކަންކަން ކޮށްދެއްވުމަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މިހާރު މ އަތޮޅަށާއި ވ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވ. ތިނަދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މ އަދި ވ އަތޮޅަކީ ކުރީ ސަރުކާރުތަކުން އަޅާނުލާ ދޫކޮށްލާފައި އޮތް ދެ އަތޮޅު ކަމަށާއި މި ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ހުރީ ފޯރުކޮށްނުދެވި ކަމަށެވެ.
ރައީސް ވިދާޅުވީ އޭގެ ނަތީޖާއަކީ ރަށްރަށުގެ މީހުން ރަށް ދޫކޮށް އެހެންތަންތަނަށް ހިޖުރަކުރުން ކަމަށާއި ތިނަދޫ އަދި ރަކީދޫ އަކީ އެފަދަ ރަށްރަށް ކަމަށެވެ. އަދި އެ ދެ އަތޮޅުގެ ހުރިހާ ރަށަކީވެސް އެގޮތަށް ދިމާވެފައިވާ ރަށްތަކެއް ކަމަށް ވީ ނަމަވެސް އެމްޑީޕީގެ މި ވެރިކަމުގައި އެކަން ބަދަލުކޮށްފައިވާ ކަމަށާއި ރައީސް ވެވަޑައިގެންނެވި ވައުދުފުޅުތަކާ އެއްގޮތަށް ކަންކަން ކުރައްވަމުން ގެންދަވާކަން ރައްޔިތުން، ހިތުގެ އަޑިން ގަބޫލުކުރާ ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ ވ އަތޮޅުގެ ރައްޔިތުން ޕިކްނިކް އައިލެންޑެއް ބޭނުންވެގެން އެ ވާހަކަ އަބަދުވެސް ދައްކާ ކަމަށާއި ނަމަވެސް ބައެއް މީހުން ވަކި ރަށެއްގެ ވާހަކަ ދައްކާ ކަމަށެވެ. އެކަން އެހެން އޮތުމާއެކު ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޝްވަރާގެ މަތިން ރައްޔިތުން އެދޭ ގޮތަށް ނުވަތަ މެޖޯރިޓީ ބޭނުންވާ ގޮތަށް އެކަން ކޮށްދެއްވާނެ ކަމަށެވެ.
ތިނަދޫގެ އާބާދީގައި 221 މީހުން ތިއްބަސް ރަށުގައި ތިބީ 75 މީހުން ކަމަށާއި ސަބަބަކީ އަސާސީ ހިދުމަތްތައް ރަށުގައި ލިބެން ނެތުމުން ދަރިންނާއެކު ހިޖުރަކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ތިނަދޫއަކީ ބޮޑު އިކޮނަމީއެއް އޮތްތަނެއް ކަމަށާއި ރާއްޖެއިން ދެކެވަޑައިގަންނަވަން ބޭނުންފުޅުވާ ތަރައްގީ އެރަށުން މިހާރު ފެންނަ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އެ ރަށުގައި ހުރި ހިދުމަތްތައް ކުރިއަށް ގެންދިއުމަށް ފެނާއި ނަރުދަމާގެ ހިދުމަތް ބޭނުންވާ ކަމަށާއި އެ ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހުގެ 9 ގެ ކުރިން ނިމި ހިދުމަތް ދެވޭނެ ކަމަށް ރައީސް ފާހަގަ ކުރައްވާފައެވެ.
ތިނަދޫގައި ޓޫރިޒަމްގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރަމުންގެންދާ އިރު ސިއްހީ ހިދުމަތް ރަނގަޅަށް ލިބެންޖެހޭނެ ކަމަށާއި މިހާތަނަށް ފާމަސީއެއް ހެދިފައި ނެތް ނަމަވެސް ލަސްތަކެއް ނުވެ އެކަމުގެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
ރައީސް އިތުރަށް ވިދާޅުވީ އެ ރަށުގެ ބަނދަރު ކުޑަ ވުމުން ބަނދަރު ބޮޑުކުރުމަށް މިހާރު ބަޔަކާ ހަވާލުކޮށްފައި ވާ ކަމަށާއި މި އަހަރުގެ ތެރޭގައި އެ މަސައްކަތް ކުރިއަށް ދާ އިރު ރަށްގިރުމުގެ މައްސަލަވެސް ހައްލުވެގެން ދާނެ ކަމަށެވެ.