ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މުޖުތަމައުގައި ފެތުރިފައިވާ ނުރައްކާތެރި ވަބާއެކެވެ. މިކަމުގެ ސަބަބުން އެތައް ބަޔަކަށް ސިއްހީ ގޮތުން ބޮޑެތި އަސަރުތަކެއް ކުރިނަމަވެސް އޭގެ ބޭނުން ކުރާ މީހުން މަދެއް ނުވެއެވެ. ޑަބްލިއުއެޗްއޯގެ ރިޕޯޓުތައް ދައްކާގޮތުން މިހާރު ދުނިޔޭގައި ދުންފަތުގެ އިސްތިއުމާލު ކުރާ 1.1 ބިލިއަން މީހުން އެބަ ތިއްބެވެ. އަދި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން އަންދާޒާ ކުރާ ގޮތުގައި ރާއްޖޭގައި ކޮންމެ އަހަރަކު ޖުމްލަ 150 މީހުން ނުވަތަ ގާތްގަނޑަކަށް ކޮންމެ ދެ ދުވަހަކުން އެކަކު މަރުވަނީ ސީދާ ދުންފަތާ ގުޅުންހުރި ބަލިތަކުގެ ސަބަބުންނެވެ.
ގިނަ ބަޔަކަށް ގަބޫލު ކުރެވިފައި ވަނީ ތަފާތު ސިއްހީ މައްސަލަތަކާއި ބަލިތައް ޖެހެނީ ސިނގިރޭޓު ބުއިމުންކަމެވެ. މި ސަބަބަށްޓަކައި ސިނގިރޭޓު ބުއިން ހުއްޓުމަށް ކަމަށް ބުނެ ގިނަ ބަޔަކު ސިނގިރޭޓުގެ ބަދަލުގައި ވޭޕާއި ޝީޝާ ބޮއެއެވެ. ދިވެހިންގެ ތެރޭގައި ފެޝަނަކަށްވެ ޒުވާނުން އެޔަށް ދެވިހިފާފައިވާ ޝީޝާ، ސޯޝަލް މީޑިއާތަކާއި އެހެނިހެން ގޮތްގޮތުން އިސްތިހާރު ކުރުމަކީ މިހާރު އާއްމު ކަމެކެވެ. އެގޮތުން ބައެއް ރެސްޓޯރެންޓް ކެފޭ ތަންތަން އިސްތިހާރު ކުރުމަށް ޝީޝާ ބޭނުން ކުރާއިރު، ބައެއް ހަރަކާތްތައް ހިންގުމަށް ވެސް ޝީޝާ އާއި ވޭޕުގެ ޕްރޮމޯޝަންތައް ކުރިއަށް ގެންދެއެވެ. ނަމަވެސް ގަބޫލުކުރަންޖެހޭ ހަގީގަތަކީ ޝީޝާ އާއި ވޭޕުން ލިބޭ ގެއްލުން ސިނގިރޭޓާއި އެއްފަދަ ކަން އެތަކެއް ތަހުގީގަކުން ސާބިތުވެފައިވާ ކަމެވެ.
އެމެރިކާގެ ސެންޓާ ފޯ ޑިސީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން (ސީޑީސީ) ބުނެފައި ވަނީ ސިނގިރޭޓް ދުމުގައި ހިމެނޭ ގިނަ ވިހަ މާއްދާތަކެއް ޝީޝާގައި ވެސް ހިމެނޭ ކަމަށެވެ. އަދި ޝީޝާގައި ބޭނުން ކުރާ ޗާކޯލްގެ ސަބަބުން ދުންފަތް ހޫނުވެ، އޭގެ ސަބަބުން މަތީ އަދަދަކަށް ކާބޮން މޮނޮކްސައިޑް އާއި ދަނގަޑު އަދި ކެންސަރު ޖެހޭ ފަދަ ވިހަތައް އިންސާނާގެ ހަށިގަނޑަށް ދެއެވެ. މީގެއިތުރުން އެމެރިކާގެ ޖާނަލް އޮފް އެޑިކްޝަން މެޑިސިއިން ހެދި ދިރާސާއަކުން ދައްކާ ގޮތުން އީ ސިނގިރޭޓް އަދި ވޭޕުގައި ބޭނުންކުރާ ދިޔާ ފްލައިޑަކީ ސިނގިރޭޓުގައި ވެސް ހިމެނޭ ދެވި ހިފާ މާއްދާ އެއް ކަމަށްވާ ނިކޮޓިން ހިމެނޭ އެއްޗެކެވެ.
ކޮންމެ އަހަރެއްގެ 31 މޭ އަކީ ދުނިޔޭގައި ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހެއްގެ ގޮތުގައި ފާހަގަކުރާ ދުވަހެކެވެ. މިއަހަރުގެ މިދުވަހާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސާލިހު ދެއްވި ހިތާބުގައި އެމަނިކުފާނު ވިދާޅުވީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލަންވީ ތިމާގެ އަމިއްލަ ނަފްސާއި މުޅި މުޖްތަމައުގެ ސިއްހީ ރައްކާތެރިކަމަށްޓަކައި ކަމެވެ. މުޖުތަމައުގެ ތެރޭގައި ތިބި ދުންފަތުގެ އިސްތިއުމާލުކުރާ މީހުން އެ ކަމަށް ކޮންމެ ދުވަހަކު ހޭދަކުރާ ފައިސާ، އެކަމުގެ ބަދަލުގައި އެ މީހެއްގެ އަމިއްލަ ނަފްސަށް ނުވަތަ އާއިލާގެ މީހުންގެ ކެއިންބުއިމުގެ ކަންކަމަށް ކުރާ ހޭދައިގެ ތެރެއަށް އިތުރުކޮށްފިނަމަ މުޅި މުޖްތަމައަށް އޭގެ މަންފާކުރާނެ ކަމުގައި ރައީސް ސޯލިހް ވިދާޅުވިއެވެ. ދުންފަތުގެ އިސްތިއުމާލުކުރާ ކޮންމެ މީހަކު ތިމާއަށާއި ތިމާގެ ސަބަބުން އެހެން މީހުންނަށް ސިއްހީ މައްސަލަތައް ކުރިމަތިކުރުވާ މިފަދަ ކޮންމެ ކަމަކުން ދުރުހެލިވުމަށް މިއަދު އަޒުމް ކަނޑައަޅެމަށް ވެސް ރައީސް ސޯލިހް ގޮވާލެއްވެވިއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މިއަހަރަށް ކަނޑައަޅާފައިވާ ޝިއާރު " އަހަރެމެން ބޭނުމީ ކާނާ، ދުންފަތެއް ނޫން " ގެ މައިގަނޑު ބޭނުމަކީވެސް ދަނޑުވެރިންގެ އަގުހުރި ވަގުތުތަކާ ދަނޑުބިންތަކުގައި ދުންފަތް ހެއްދުމުގެ ބަދަލުގައި ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ކާބޯތަކެތީގެ ދަތިކަމަށް ހައްލުގެނައުމެވެ.
ވޭޕުގެ ސަބަބުން ފުއްޕާމޭ ފަޅައިގެންދޭ، އެތައް ބައްޔަކަށް މީހާ ހުށަހެޅިގެންދޭ!
ސެނަހިޔާ ހޮސްޕިޓަލްގެ އިތުރުން އައިޖީއެމްއެޗުގައި މަސައްކަތް ކުރައްވާ ފުއްޕާމޭގެ ހާއްސަ ޑޮކްޓަރު ކެޕްޓަން މުހައްމަދު ފާލިހު އަލީ "ދަ ޕްރެސް" ވާހަކަދައްކަވަމުން ވިދާޅުވީ ރާއްޖޭގައި ކެންސަރު ޖެހިފައިވާ މީހުން ނިސްބަތުން ގިނަ ކަމަށާއި ދުންފަތުގެ އިސްތިއުމާލު ކުރާ މީހަކަށް ކެންސަރު ޖެހުމުގެ 80 ޕަސެންޓް ފުރުސަތު އޮންނަ ކަމަށެވެ.
މީގެއިތުރުން އައިޖީއެމްއެޗްގެ އެތެރެ ހަށީގެ ޑޮކްޓަރު މުހައްމަދު އަލީ ވަނީ' ކޫލް' ކަމަކަށް ހެދިގެން މީހުން ވޭޕް ކުރާތީ އެކަމަށް ވަރުގަދަ އިންޒާރެއްވެސް ދެއްވާފައެވެ. އެގޮތުން ވޭޕް ކުރުމުގެ ސަބަބުން ފުއްޕާމޭ ފެޅި ފުއްޕާމޭގެ ވަށައިގެން ހުންނަ ދުލިފަށް ދޭތެރެއަށް ބޭރުވާ ލޭ އެޅިފައި ހުރި ފުޅިއަކާއެކު ވަނީ ފޮޓޯއެއް ސޯޝަލް މީޑިއާއަށް ދޫކޮށްލާފައެވެ. ފޮޓޯގެ ތަފްސީލު ހާމަ ނުކުރެއްވި ނަމަވެސް އޭނާ ވިދާޅުވެފައި ވަނީ ވޭޕް ކުރުމަކީ ފުއްޕާމެއަށް ގެއްލުން ލިބޭ ކަމެއް ކަމަށާއި އެކަމާ ދުރުހެލިވާންޖެހޭ ކަމަށެވެ.
ރާއްޖޭގައި ދަރިން ނުލިބޭ ޒުވާނުންގެ އާބާދީ އިތުރުވަމުން އަންނަ އިރު މިފަދަ ކަންކަމާމެދު ވިސްނާ ހޭލުންތެރިވުމަކީ މިއަދު ކޮންމެ މީހަކަށް މަޖުބޫރުކަމެކެވެ.
ދުންފަތުން ދުރެހެލިވުމަކީ ކޮންމެ މީހަކަށްވެސް ކުރެވޭނެ ކަމެއް
ގިނަ މީހުން ސިނގިރޭޓު ބޯން ފަށަނީ ކޮންމެވެސް ކަމަކާ ހާސްވެގެން އެހާސްކަން ފިލުވުމުގެ ބޭނުމުގަ އެވެ. އަނެއް ބަޔަކު ރަހުމަތްތެރިންނާއިއެކު "ކޫލް" ކަމެއް ކޮށްލުމުގެ ބޭނުމުގައެވެ. މިގޮތަށް ފަށާއިރު ބޮނީ ދުވާލަކު އެއް ސިނގިރޭޓު ނުވަތަ ހަފްތާއަކު ދެތިން ސިނގިރޭޓެވެ. ސިނގިރޭޓަކީ ކަށީގައި ހިފާ އާދައެކެވެ. އެހެންކަމުން މިއަދަދު އިތުރުވެ ދުވާލަކު ފަސް ސިނގިރޭޓުން ދެދުވަހުން ސިނގިރޭޓު ފޮއްޓެއް ހުސްކުރާ ހިސާބަށް ދެއެވެ. މި އެޑިކްޝަން އާއި ދުރުވާން އުނދަގޫވަނީ މިހާ ހިސާބުންނެވެ. ވޭޕާއި ޝީޝާވެސް ހަމަ މިފަދައެވެ.
އެހެންނަމަވެސް 10 ނުވަތަ 20 އަހަރު ސިނގިރޭޓު ބުއިމަށްފަހު ހުއްޓައިލި މީހުންވެސް އެބަ ތިއްބެވެ. އެކި މީހުން އިހުތިޔާރު ކުރަނީ އެކި މަގެވެ. ނިކޮޓިންއާއި ދުރުވާން ސިއްހީ މާހިރުން ލަފާ ދޭ އެންމެ އެދެވޭ ގޮތަކީ ދިރިއުޅުމުގެ އާދަތައް ބަދަލުކޮށްލުމެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް ވަކި ވަގުތެއް ކަސްރަތު ކުރުމާއިއެކު ރޭގަނޑުގެ އިރާކޮޅު ނިދުމާއި މޭވާއާއި ތަރުކާރީ ކެއުން ހިމެނެ އެވެ. މިގޮތަށް ދިރިއުޅުމުގެ އާދަތަކަށް ބަދަލު ގެންނަ މީހުންނަށް މަދު ދުވަސްކޮޅެއްގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުރު ވެވެއެވެ.
މިހާރު އައިޖީއެމްއެޗްގެ ފުއްޕާމޭގެ ޑިޕާޓްމަންޓުން އަންނަނީ "ނިކޮޓިން ރިޕްލޭސްމަންޓް ތެރަޕީ" ފަރުވާ ދެމުންނެވެ. ފުއްޕާމޭގެ ހާއްސަ ޑޮކްޓަރު ކެޕްޓަން މުހައްމަދު ފާލިހު އަލީ ވިދާޅުވީ 2021 ވަނަ އަހަރުވެސް 121 މީހަކު އެ ފަރުވާ ހޯދި ކަމަށާއި އޭގެ ތެރެއިން 37 މީހަކު ދުންފަތުގެ އިސްތިއުމާލު ކުރުން އެއްކޮށް ހުއްޓާލި ކަމަށެވެ.
ހަގީގަތުގައި އެޑިކްޝަން ގުޅިފައި އޮންނަނީ މީހާގެ ސިކުނޑިއާ އެވެ. އެހެންކަމުން މިއާދައާއި ދުރުވާން ބޭނުން ނުވާ މީހާ ނުވަތަ ދުރު ނުވެވޭނެއޭ ވިސްނާ މީހަކަށް އެކަން ހުއްޓައިލަން އުނދަގޫވެއެވެ. ސިނގިރޭޓާ ވޭޕުން ދުރުވާން ބޭނުންވަނީ ކުޑަ ހިތްވަރެކެވެ. އަދި އެއީ ކޮންމެ މީހަކަށްވެސް ކުރެވޭނެ ކަމެކެވެ. ހާސްކަމާއި ނުތަނަވަސްކަން ފިލުވޭނެ ހަގީގީ މަގަކީ ނަމާދެވެ. އެހެންކަމުން އުފާވެރި ބާއްޖަވެރި ދިރިއުޅުމަކަށް މަގުކޮށޭނެ ހަގީގީ ގޮތަކީވެސް އެއީއެވެ.