ދެފުށް ފެންނަ، އިންސާފުވެރި އިންތިހާބެއް ބޭއްވުމުގެ މައްޗަށް، އިންޑިއާ ހިމެނޭހެން ފަސް ގައުމެއްގެ ސަފީރުންނާއި ބޭރުގެ ފަސް ޖަމިއްޔާ އަކާ އެކު އިލެކްޝަންސް ކޮމިޝަނުން މަޝްވަރާ ކޮށްފިއެވެ.

އެ ކޮމިޝަނުގެ ފަރާތުން ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކަންކަން ހިނގަމުންދާ ގޮތް ބެލުމަށް ނުވަތަ އޮބްޒާވް ކުރުމަށް ހުޅުވާލި ފުރުސަތާ ގުޅިގެން، ދުނިޔޭގެ އެކި ޖަމިއްޔާ ޖަމާއަތްތަކާއި އެކި ގައުމުތަކުން މިދިޔަ ދެ މަސް ދުވަހުގެ ތެރޭ ކޮމިޝަނާ ބައްދަލުކުރި ކަމަށެވެ.

މިގޮތުން، އިލެކްޝަންސް ކޮމިޝަނާ ބައްދަލުކުރި ޖަމިއްޔާ ޖަމާއަތްތަކާއި ގައުމުތަކަކީ:

  • އދ
  • ވިލާތުގެ އިއްތިހާދު
  • ކޮމަންވެލްތު
  • ޔޫއެސް އެއިޑް
  • އައިއެފްޕީއެސް
  • އޮސްޓްރޭލިއާ، އިންޑިއާ، ކެނެޑާ، ޖަޕާން، އަދި އިނގިރޭސިވިލާތުގެ ސަފީރުން

ހަބީބް ވިދާޅުވީ، މި ބައްދަލުވުންތަކުގައި މައިގަނޑު ހަތަރު ކަމަކާ ބެހޭ ގޮތުން މައުލޫމާތު ހޯދައި މަޝްވަރާ ކުރެވުނު ކަމަށެވެ. އެއީ:

  • އިންތިހާބަށް ވަމުންދާ ތައްޔާރީތަކާ ބެހޭ ގޮތުން
  • އިންތިހާބު އޮބްޒާވްކުރުމާ ބެހޭ ގޮތުން
  • އިންސާފުވެރި ދެފުށް ފެންނަ އިންތިހާބެއް ބޭއްވުމާ ބެހޭ ގޮތުން
  • އިންތިހާބުގެ މަސައްކަތަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ ގޮތުން

މީގެ އިތުރުން "އުންމީދު އޮތް" ބައެއް ކެންޑިޑޭޓުންނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތާ ބެހޭ ގޮތުން ކޮމަންވެލްތުން މައުލޫމާތު ހޯދާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ، ބޭރުގެ ގިނަ ފަރާތްތަކުން އިންތިހާބު އޮބްޒާވް ކުރުމަކީ އިންސާފުވެރި ކަމާ އެކީގައި އިންތިހާބުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ލިބޭ ހިތްވަރެއް ކަމަށެވެ. އޭނާ ވިދާޅުވީ، ބޭރުގެ ފަރާތްތަކާ އެކު މަޝްވަރާކުރީ ދެފުށް ފެންނަ ގޮތަށް އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުމުގެ މައްޗަށް ކަމަށެވެ.